ޗަައިނާއިން ރާއްޖެއަށް އިތުރު އެއްލައްކަ ޑޯޒްގެ ވެކްސިން ހަދިޔާކުރަނީ

ޗަައިނާއިން ރާއްޖެއަށް އިތުރު އެއްލައްކަ ޑޯޒްގެ ވެކްސިން ހަދިޔާކުރަނީ

Author
މުޙައްމަދު ޝަޒައިމް
04 މާރޗް 2021 05:36
0

ކޯވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެިއން ކުރާ މަސައްކަތްތަކަށް އެހީތެރިވުމަށް ޗައިނާއިން ކޯވިޑް-19 ވެކްސިންގެ އިތުރު އެއްލައްކަ ޑޯޒް ރާއްޖެއަށް ހަދިޔާކުރުމަށް ނިންމައިފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ. މިކަމާގުޅިގެން ފޮރިން މިނިސްޓަރ ޝާހިދު ކުރެއްވި ޓުވިޓެއްގައިވަނީ، ކޯވިޑް-19 އާ ދެކޮޅަށް އުފައްދާފައިވާ ވެކްސިންގެ އެއްލައްކަ ޑޯޒް ޗައިނާއިން ރާއްޖެއަށް ހަދިޔާކުރުމަށް ނިންމާފައިވާތީ، ޗައިނާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިކަމާގުޅިގެން ދެ ޤައުމުގެ ދެމެދުގައި ކުރަންޖެހޭ މަޝްވަރާތައް ކުރަމުންދާކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ޗައިނާއިން ވަނީ މިދިޔަ މަހުގެ 4 ވަނަ ދުވަހުވެސް ރާއްޖެއަށް ކޯވިޑްގެ 1000،000 ޑޯޒް ވެކްސިން ދިނުމަށް ނިންމާފައެވެ. ޗައިނާއިން ރާއްޖެއަށް ވެކްސިން ހަދިޔާކުރުމަށް ނިންމާފައިވާކަން ހާމަކުރައްވައި އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގްވެސް ވަނީ ޓުވީޓުކުރައްވާފައެވެ. ސަފީރުގެ ޓުވީޓުގައި މި ވެކްސިން ވީ އެންމެ އަވަހަކަށް ރާއްޖެއަށް ފޯރުކޮށްދެއްވުމަށް މަސައްކަތްކުރައްވަމުން ދާކަމަށް ވިދާޅުވެފައިވެއެވެ. އަދި ކޯވިޑް-19އާ ދެކޮޅަށް މުޅި ދުނިިޔެ ކުރާ ހަނގުރާމައިގައި ޗައިނާއިން ފުރިހަމައަށް އެއްބާރުލުންދީ، ޤައުމުތަކަށް ވެކްސިން ފޯރުކޮށްދޭނެކަމަށް ސަފީރު ވިދާޅުވިއެވެ.

ޗައިނާގެ ދެ ކުންފުންޏަކުން ގުޅިގެން އުފައްދާފައިވާ ސައިނޯފާމް ވެކްސިން ދުނިޔޭގެ ބައެއް ޤައުމުތަކުގައި މިހާރު ދޭން ފަށާފައިވާއިރު، އެ ވެކްސިނުން 78 އިންސައްތަ މީހުން ބަލިން ރައްކާތެރިކޮށްދޭކަމަށް ވެކްސިން އުފެއްދި ކުންފުނިން ވަނީ ހާމަކޮށްފައެވެ. ރާއްޖޭގައި ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ވެކްސިން ޖަހަން ފަށާފައިވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ. ރާއްޖޭގައި މިވަގުތު ޖަހަމުން އަންނަނީ އިންޑިއާއިން މިދިޔަ މަހު ފޯރުކޮށްދިން އެއްލައްކަ ވެކްސިން ޑޯޒްއެވެ.

ޗައިނާ ހަދިޔާކުރި އެއްލައްކަ ޑޯޒް ވެކްސިންއާއިއެކު ރާއްޖެއަށް ޗައިނާއިން ހަދިޔާ ކުރާ ވެކްސިންގެ އަދަދު ވަނީ ދެލައްކައަށް އަރާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.