ޓެކްސް އެޕީލް ޓްރައިބިއުނަލަށް ޚަދީޖާ އައްޔަން ކުރައްވައިފި

ޓެކްސް އެޕީލް ޓްރައިބިއުނަލަށް ޚަދީޖާ އައްޔަން ކުރައްވައިފި

Author
މުޙައްމަދު ޝަޒައިމް
04 މާރޗް 2021 04:07
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަޤާމަށް މާފަންނު ރަންވަރަ، އަލްއުސްތާޛާ ޚަދީޖާ ނަޢީމް ޢައްޔަންކުރައްވައިފިއެވެ.

އެ ޓްރައިބިއުނަލްގެ ޤާނޫނީ ދާއިރާގެ މެންބަރުގެ ގޮތުގައި ޢައްޔަންކުރައްވާފައިވާ ޚަދީޖާ ނަޢީމަކީ، ނޭޝަނަލް ލޯ ސްކޫލް އޮފް އިންޑިއާ ޔުނިވަރސިޓީއިން ބިޒްނަސް ލޯގެ ދާއިރާއިން މާސްޓަރސް އޮފް ލޯ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ޚަދީޖާ ނަޢީމް އެންމެ ފަހުން ފުރުއްވާފައި ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ލީގަލް އޮފިސަރގެ މަޤާމެވެ. މީގެ އިތުރުން، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ޑެޕިއުޓީ ސްޓޭޓް އެޓަރނީގެ މަޤާމާއި، އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރ ލީގަލްގެ މަޤާމު ވެސް އެ ބޭފުޅާ މީގެ ކުރިން ފުރުއްވާފައިވެއެވެ.

5 މެންބަރުންގެ މައްޗަށް ހިމެނޭ ޓެކްސް އެޕީލް ޓްރައިބިއުނަލްގައި މިހާރު ތިއްބެވީ އެ ޓްރައިބިއުނަލްގެ ރައީސް، މުޙައްމަދު މުނައްވަރު އަލީ އާއި، ޙުސައިން ޒައިދާން ޖަލީލް އާއި، އިސްމާޢީލް ސާޖިދު އަދި އަލްއުސްތާޛް އަޙްމަދު އަޝްރަފްއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ޤާނޫނީ ދާއިރާގެ މެންބަރުކަން ހުސްވެފައިވަނީ އެމަޤާމު ފުރުއްފި ގ. ގޮފި، ފާތުމަތު މިންހަތު އިއްޒަތު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލް އެކުލެވިގެންވަނީ ފަސް މެންބަރުންގެ މައްޗަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.