އިންޑިއާގެ ވިސްތާރާ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފަށައިފި އެވެ.
އިންޑިއާގެ މުމްބާއީ އިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް އިއްޔެ އައި ވިސްތާރާ އެއަރލައިންގެ ފުރަތަމަ ފްލައިޓަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ވަނީ ވޯޓަރ ސެލިއުޓަކާއެކު ހޫނު މަރުޙަބާއެއް ކިޔާފައެވެ.
ވިސްތާރާ އެއަރލައިނުން މުމްބާއީއިން ރާއްޖެއަށް ހަފްތާއަކު 3 ދަތުރު ކުރުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ކޮންމެ ހަފްތާއަކު އާދީއްތަ، ބުދަ އަދި ހޮނިހިރު ދުވަހު ދަތުރުތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެ އެއަރލައިނުން މިވަގުތު ރާއްޖެއަށް ދަތުރުކުރަނީ ދެކޮޅު ޓިކެޓެއް 227 ޑޮލަރަށެވެ.
#FlyTheNewFeeling with @airvistara on your next trip to the #SunnySideofLife ? ✈️ ☀️#VisitMaldives #ReDiscoverMaldives#FlyHigher #MaléOnVistara pic.twitter.com/wH6nHoUeQZ
— VelanaAirport (@VelanaAirport) March 3, 2021
އިންޑިއާގެ ވިސްތާރާ އެއރަލައިންއިން ރާއްޖެއަށް ދަތުރު ފަށާފައިވަނީ އިންޑިއާއާއި ރާއްޖެއާ ދެމެދު ޤާއިމްކޮށްފައިވާ ޓްރެވަލް ބަބްލްގެ ދަށުންނެވެ. މި އެއަރ ބަބްލްގެ ދަށުން ރާއްޖެއަށް އަންނަ އިންޑިއާގެ ފަތުރުވެރިންގެ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އަދި ގިނަ އަދަދެއްގެ އެއަރލައިންތަކަކުން ވެސް އިންޑިއާއިން ރާއްޖެއަށް ދަތުރުތަށް ގެންދަނީ ބާއްވަމުންނެވެ. އޭގެތެރޭގައި އެއަރ އިންޑިއާ، އިންޑިގޯ، ގޯ އެއަރ އަދި ސްޕައިސްޖެޓް ފަދަ އެއަރލައިންތައް ހިމެނެއެވެ.
އެއަރ ބަބްލްގެ ފަހުން ރާއްޖެއަންނަ އިންޑިއާގެ ފަތުރުވެރިން އިތުރުވެ މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައި ވަނީ އިންޑިއާއިންއެވެ. އެގޮތުން އަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް ވަނީ 45636 ފަތުރުވެރިން އައިސްފައެވެ. އެއީ މި އަހަރު މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ 23.4 އިންސައްތައެވެ.