ހަޑިހުތުރުބަސް ބޭނުންކުރިކަމަށް ބުނާ ދަޢުވާއަށް އަދުރޭ އިންކާރުކޮށްފި

ހަޑިހުތުރުބަސް ބޭނުންކުރިކަމަށް ބުނާ ދަޢުވާއަށް އަދުރޭ އިންކާރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
04 މާރޗް 2021 10:29
0

އާންމު ތަނެއްގައި ހަޑިހުތުރު ބަސް ބޭނުން ކުރި މައްސަލައިގައި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާއަށް އޭނާ މިއަދު އިންކާރުކުރައްވައިފި އެވެ.

މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ފަށާފައިވަނީ މިިދިޔަ ޖެނުއަރީމަހުގެ 31 ވަނަދުވަހުއެވެ. މައްސަލައިގެ ލިޔެކިޔުންތައް ލިބިފައި ނުވާކަމަށް ބުނެ އެދުވަހުގެ ޝަރީއަތުގައި އަބްދުއްރަހީމް ދައުވާއަށް ޖަވާބުދާރީވެޑައިގެންފައެއް ނުވެއެވެ.

މި މައްސަލާގައި މިއަދުގެ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ޢަބްދުﷲގެ ވަކީލު އަހުމަދު ހިޝާމް ވަޖީހު ވިދާޅުވީ ދައުވާއަށް އަބްދުއްރަހީމް އިންކާރުކުރައްވާކަމަށެވެ. އަދި ޤާނޫނުގައި ބުނާ އެއްޗަކާއި ކޮށްފައިވާ ދައުވާ ދައުވާއަކާއި ސާފު ނުވާކަމަށްް ބުނެ ބައެއް ސުވާލުތައް ވަނީ އުފައްދާފައެވެ.

މިއަދުގެ އަޑުއެހުމުގައި ދައުވާއަށް ޖަވާބުދާރީވުމުގެ ކުރިން އަބްދުއްރަހީމްގެ ވަކީލު އަދި ދަނބިދަރިފުޅު އަހުމަދު ހިޝާމް ވަޖީހު ވިދާޅުވީ، ގާނޫނޫލްއުގޫބާތު ޑްރާފްޓު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދެއްވި އެމެރިކާގެ ޕްރޮފެސަރު ޕޯލް ރޮބިންސަން ލިޔުއްވި ގާނޫނުލްއުގޫބާތުގެ ކޮމެންޓްރީގައި، ހަޑިހުތުރުބަސް ބޭނުން ކުރުން ފަދަ މައްސަލަތަކަކީ އާންމު މަސްލަހަތާ ގުޅޭ މައްސަލަތަކެއް ކަމުން އެ މައްސަލަތަކުގައި ޝަކުވާ ހުށަހަޅާނީ އަމިއްލަ ފަރާތްތަކުން ކަމަށް ލިޔުއްވާފައިވާ ކަމަށެވެ. ނަމަވެސް، އަބްދުއްރަހީމްގެ މައްސަލަ ހުށަހެޅީ ޑީޖޭއޭއިންކަން އޭނާ ފާހަގަކުރި އެވެ.

އަބްދުއްރަހީމްގެ މައްޗަށް މިދަޢުވާ އުފުލާފައި ވަނީ 2019 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން ޙުކުމް އިއްވި ދުވަހު އެ ސަރަހައްދުގައި ހުރެ ފަނޑިޔާރުންނަށް ނިސްބަތްކޮށް ހަޑި ހުތުރު ބަސް ބޭނުކޮށް ހަޑި ހުތުރު ބަހުން ވާހަކަ ދައްކާފައިވާ ކަމަށް ބުނެއެވެ.

އެދުވަހު ފަނޑިޔާރުންނަށް ނިސްބަތް ކުރައްވައި، ހުތުރު ބަހެއް ބޭނުންކޮށް، އިންޒާރު ދިން މައްސަލަ ތަހުގީގު ކޮށްދިނުމަށް ފުލުހުންނަށް ހުށައަޅާފައި ވަނީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނެވެ.

އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދަނީ މިއީ އިދިކޮޅުގެ ސިޔާސީ ހަރަކާތްތައް ހުއްޓުވައި އިދިކޮޅުގެ އަޑު ކަނޑުވާލަން ސަރުކާރުން ރާވައިގެން ހިންގާ އަމަލުތަކެއް ކަމަށެވެ. އަދި އަބްދުއްރަހީމަކީ ސިޔާސީ ގޮތުން ދައްކާހާ ބިރަކަށް ފަހަތަށް ޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫންކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.