އެއިރެއްގައި ހުންނަވާ ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓުގައި ހުންނަވާ ވަޒީރަކު މަސްއޫލިއްޔަތު އަދާ ނުކުރައްވައިގެން ވަޒީރަކު މަޖިލިސް ތެރެއިން ހަވަރަށް ދިނުމަކީ ހުތުރު ކަމެއްކަމުގައި އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަޤާމުގައި ހުންނެވި، މުޙައްމަދު މަލީހު ޖަމާލުގެ އިތުބާރު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް ދެންނެވުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ވަނީ ނިންމާފައެވެ. އަދި ރައީސަށް މިކަމުގައި ގޮތެއް ނުނިންމުމުން މަޖިލީހުން ވަނީ މަލީހު މަޤާމުން ވަކިކޮށްފައެވެ. މަލީހުގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކުރީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.
މަލީހުގެ އިތިބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ކުރިއަށް ގެންގޮސްފައިވާ ގޮތަށް އިޝާރާތް ކުރައްވައި އިބްރާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އެމަނިކުފާނު އައްޔަން ކުރައްވާ ވަޒީރަކަށް އިތުބާރު ނެތިއްޖެނަމަ އެ ވަޒީރެއްގެ އިތުބާރު ނެތްކަމަށް ނިންމައި މަޤާމުން ދުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއެއްކަމަށެވެ. އެކަން މަޖިލިސް ތެރެއަށް ދޫކޮށްލައްވައި މަޖިލީހުން ވަޒީރަކު ހަވަރަށް ދިނުމަކީ ހުތުރު ކަމެއްކަމަށް އިބްރާ ވިދާޅުވިއެވެ.
ދައުލަތުގެ ވަޒީރަކު ޒިންމާ އަދާ ނުކުރާނަމަ މަޤާމުން ދުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ކުރަންޖެހޭ ކަމެއް. ދުރުނުކޮށް ހުއްޓައި މަޖިލީހަށް އެކަން ފާހަގަވެގެން މަޖިލީހުން އެކަން ކުރީމާ ހަގީގަތުގައި އެކަން ރައްދުވަނީ ރައީސުލްޖުމްހޫރިއްޔާއަށް. ވަޒީރަކު ހަވަރަށް ދިނުމަކީ ހުތުރުކަމެއް.
– އިބްރާ ވިދާޅުވިއެވެ.
Dhaulathuge vazeeraku zinmaa adhaa nukuraanama maqaamun dhuru kurumakee RJ kuran jeheyne kameh.
Dhurunukoh huttaa Majlihah ekan faahagavegen majlihun ekan kureemaa haqeeqathugai ekan radhdhu vanee RJ ah.
Vazeeraku havarah dhinumakee huthuru kameh.
— Ibra – Unapologetically for Justice (@ibramandhu) March 3, 2021
މަލީހު ވަޒީރުކަމުގެ މަޤާމުން ދުރުކުރެއްވިއިރު، މިއީ މި ސަރުކާރުގެ ވަޒީރަކު ވަޒީރުކަމުން ވަކިކުރުމަށް ފާސްކުރި ފުރަތަމަ ފަހަރެވެ. ނަމަވެސް ތިން ވަޒީރަކު މަޤާމުން އިސްތިއުފާދެއްވާފައިވެއެވެ. އެއީ ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީންއާއި، ހައުސިންގ މިނިސްޓަރ އާމިނަތު އާތިފާއާއި، ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފްއެވެ. އަދި ޓޫރިޒަމް މިނިސްޓަރުކަމުން ޢަލީ ވަޙީދު ވަކި ކުރެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.
ޖަވާބުދާރީވެވަޑައިގަތުމަށް ލިބިވަޑައިގެންނެވި ފުރުސަތުގައި މަލީހު ވަނީ އެމްޑީޕީގެ މެންބަރުންގެ ތުހުމަތުތަކަށް ވަރަށް ވަރުގަދައަށް ރައްދު ދެއްވާފައެވެ. ރައްދުގައި ދެއްކި ބައެއް ވާހަކަފުޅާމެދު ހިތްޕުޅު ހަމަޖެހިވަޑައިނުގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މަލީހު، މަޖިލީސް މެންބަރުންނަށް ބިރުދެއްކެވި ކަމަށް ވިދާޅުވެ މައްސަލަ ބައްލަވާނެ ކަމަަށް އިންޒާރު ކުރައްވާފައެވެ. އެކަމާ ގުޅިގެން މަލީހު ވަނީ ރިޔާސަތުން އޭނާއަށް ބިރުދެއްކި ކަމަށް ބުނެ މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެންފައެވެ.
އެކަމަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދުގެ ވެރިކަމުގައި ބަންޑާރަ ނާއިބުކަން ކުރެއްވި ދިޔާނާ ސައީދު ވަނީ މަލީހު އޮއްގާ އުއްކަވަނީ ނުބައި ރައީސަކަަށް ކަމަށް ވިދާޅުވެފައެވެ. އަދި މަލީހު އިންނެވީ ރައީސް ނަޝީދުގެ ކެބިނެޓްގައި ނަމަ މަލީހު ދިފާއުގައި ހުރިހާ ގަލެއް ފުރޮޅުއްވާނެ ކަމަަށް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ