ރާއްޖޭގެ ޑިމޮކްރަޓިކް ހަޔާތުގައި މިހާތަނަށް ޓެސްޓު ކުރެވުނު ސިޔާސީ ލީޑަރުންނަށް ދިވެހި ރައްޔިތުން ދެން ކުރާނެ އުންމީދެއް ނެތްކަމަށް 2023ގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ދިވެހި ނެޝަނަލް އެކްޝަން އިފްތިތާހު ކުރުމަށް ބޭއްވި ޚާއްސަ ހަފްލާފައި ވާހަކަ ދައްކަވަމުން އެހަރަކާތުގައިވެސް އިސްކޮށް ހުންނެވި އުމަރު ނަސީރު ވިދާޅުވީ މިފެށޭ ހަރަކާތަކީ އެއްވެސް ހާލެއްގައި ރިޔާސީ އިންތިޚާބަށް އުފެއްދި ހަރަކާތެއް ނޫންކަމަށެވެ. ހަރަކާތުގެ ބޭނުމަކީ ރާއްޖޭގައި ތިބި ޤައުމުދެކެ ލޯބިވާ ރައްޔިތުންގެ ބައިވެރިވުމާއިއެކު ޤައުމު އެއްބައިވަންތަކޮށް ޤައުމުގައި ހުރި މައްސަލަތައް ހައްލު ކުރުމަށް އުފަންވި ހަރަކާތެއް ކަމަށެވެ.
އުމަރު ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި ވާދަވެރި ދެ ސިޔާސީ ޕާޓީގެ އެކި ލީޑަރުންނާއި ދިވެހިން ވެރިކަން ހަވާލުކޮށް އެމީހުން ޓެސްޓް ކޮށްފައިވާކަމަށެވެ. ނަމަވެސް ފެނިގެން ގޮސްފައިވަނީ އެ ލީޑަރުން ފެއިލްވެ ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ މަންޒަރުކަމަށެވެ. ދިވެހިން މިއަދު ބޭނުންވަނީ މިފަދަ ލީޑަރުން އެއްފަރާތްތަކޮށް ޤައުމަށް ތެދުވެރި ބަޔަކު ވެރިކަމަށް ގެނައުމަަށް ކަމަށް އުމަރު ވިދާޅުވިއެވެ.
ދެ ޕާޓީއަށްވެސް ވެރިކަން ހަވާލުކުރެވި، ދެޕާޓީއަށްވެސް ދިވެހިން ބޭނުންވި ކަހަލަ ވެރިކަމެއް ނުފެނުނު. ސިޔާސީ ހުރިހާ ލީޑަރުންނަކީ ވައުދުތަކާއިއެކު ވެރިކަމަށް އައުމަށްފަހު ރިޝްވަތު ހިފުމާއި، ވައްކަން ކުރުމާއި، ރޭޕް ކުރާމީހުންނަށް ހިމާޔަތް ދިނުމާއި މިނޫންވެސް ހުރިހާ ނުބައިކަމެއް އެކުލެވޭ ކަންކަން ކުރާބައެއްކަމަސް މިހާރު ހީވާން ފަށައިފި.
– އުމަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި މިއަދު ހުރި ޤައުމީ ބޮޑެތި މައްސަލަތަކަކީ ރާއްޖޭގެ ދީނާއި، ސިޔާދަތާއި އިސްތިޤުލާލާއި ގުޅުންހުރި މައްސަލަތައް ކަމަށެވެ. އެކަންކަން ހައްލު ކުރުމަށް ފިނި ކޮޓަރީގައި ތިއްބަވައިގެން ކުރައްވާ ޓުވީޓަކުން ލިޔެލާ ބަސްތަކަކުން ޤައުމު ހަމަޔަކަށް ނޭޅޭނޭކަމަށެވެ. އެކަންވާނީ ކެރިން ސާބިތުކަމާއިއެކު މިފެށޭ ހަރަކާތާއި ގުޅިގެންކަމަށް އުމަރު ވިދާޅުވިއެވެ.
މިޤައުމު އަލުން އަމިއްލަ ފައިމައްޗަށް ނެގެން އޮތީ ސިޔާސީ ރޭހަކުން ކުރި ހޯދައިގެން. އެރޭހުގައި ކުރިހޯރުމަށް މަސައްކަތް ނުކޮށް ޤައުމުގައި ހުރި ގޯސްކަންކަމުގެ ވާހަކަ ގޯޅި ގޯޅި ކަންމަތީގައާއި، ޓްވިޓާގައާއި، ފޭސްބުކުގައި ދައްކައިގެން ނެރެވޭނެ ނަތީޖާއެއް ނޯންނާނެ. މިޤައުމު ބަދަލު ކުރެވޭނީ އަމަލީ ގޮތުން މިމަސައްކަތުގައި ބައިވެރިވެގެން.
– އުމަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިއަދު ރާއްޖެއަށް ބޭރުގެ ޤައުމުތަކުގެ ނުރައްކާތެރިކަން ބޮޑުވެފައިވާ މިންވަރަކީ ރާއްޖޭގައި ހިނގާ އިންތިޚާބު ތަކުގެ ތެރެއިން ބޭރުގެ ބާރުވެރި ފަރާތްތަކުގެ ކަޅު ފައިސާ އަޅައި ނުފޫޒު ފޫރުވަން މަސައްކަތް ކުރަމުންދާކަމަށެވެ. ޚާއްސަކޮށް ޕާޓީތަކުގެ ޕްރައިމަރީތަކަށް ފައިސާ ވައްދައި އެމީހުން ބޭނުންވާ ގޮތަކަށް ބޭނުންވާ މީހަކު އިންތިޚާބު ކުރުމަށް ފައިސާ އަޅަމުންދާކަމީ ފެންނަ މަޒަރުކަމަށެވެ.
ޕާޓީތަކުގެ ވާދަވެރި އިންތިޚާބުތަކުގެ ތެރެއަށް ބޭރުގެ ބާރުތަކުން ފައިސާ ހިފައިގެން ވަދެ ޤައުމުގެ މިނިވަންކަން ގެއްލޭ ހިސާބަށް އެމީހުންގެ ނުފޫޒު މިރާއްޖެއަށް ފަތުރައިފި. އެމީހުންގެ ސިފައިން އިތުރުކޮށްފި. އެމީހުންގެ އުޅަދުތައް އިތުރުކޮށްފި. އެމީހުން ޤާއިމްވެ ތިބީ ސަރަހައްދުތައް އިތުރުކޮށްފި. ރާއްޖޭގެ އިސްލާމީ ރީތި އާދަތައް ނެތިކޮށް، ރާއްޖޭގައި ތިބީ ޓެރަރިސްޓުންކަމަސް ބޭރުގެ ޤައުމުތަކަށް ދައްކައިފި.
– އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ މީގެ 16 އަހަރު ކުރިން މަލްޓިޕާޓީ ވެރިކަމުގެ ނިޒާމެއް ތާއާރަފް ކުރުމުން ހީކުރެވުނީ ދެން އުފެދިގެން އަންނާނީ ޒިންމާދާރު ސަރުކާރުތަކެއް ކަމަށެވެ. ނަމަވެސް ހީކުރިގޮތައް ކަންކަން ނުވިކަމަށް އުމަރު ވިދާޅުވިއެވެ. "ނަމަވެސް ތިޖޫރީގެ ދޮރުފަތް ގެއްލި، ވެރިންގެ އަބުރު ގެއްލި، ދައުލަތުގެ ކަރާމާތް ގެއްލުން ނޫންކަމެއް ނުވި." އުމަރު ވިދާޅުވިއެވެ. އަދި މިކަންކަން ހައްލު ވެގެންދާނީ އިސްލާހީ ރަނގަޅު ހަރަކާތެއްގެ ތެރެއިން ކަމަށާއި، މިފެށުނު ހަރަކާތަކީ މިކަން ކުރާނެ ހަރަކާތްކަމުގައި އުމަރު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ