މިދައުރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވުމަށް ނިންމާފައިވާ ބިލުތައް ލިބިފައިނުވާތީ އެކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ފާޅުުތައްވާފައިވާއިރު، މަޖިލީހަށް ފޮނުވި ބިލްތަކުގެ ތެރެއިން15 ބިލެއްގެ މަސައްކަތް ނިނުމި އެބައޮތްކަމަސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އޮފީހުން މިހެން ވިދާޅުވެފައިވަނީ5 ބިލެއް މަޖިލީހަަށް ހުށަހެޅުމަށް އެމްޑީޕީގެ ޕީޖީއަށް ފޮނުވިކަން ހާމަކޮށެވެ. ރައީސް އޮފީހުން ވިދާޅުވީ19 ވަނަ ރައްޔިތުންގެ މަޖިލީހަށް މިހާތަނަށް 76 ބިލެއް މަޖިލީހަށް ފޮނުވާފައެވެ. އޭގެ ތެރެއިން 61 ބިލު ގާނޫނަކަށްވެފައިވާއިރު، ބާކީ ހުރި ބިލުތައް އަދިވެސް ވަނީ މަޖިލީހުގައިކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެމްޑީޕީއަށް ފޮނުވި 5 ބިލަކީ ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލުމުގެ ބިލާއި، އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕު ޖެހުމުގެ ގާނޫނު އުވާލުމުގެ ބިލުގެ އިތުރުން އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.
ރައްޔިތުންގެ މަޖިލީހުގެ މިދައުރަށް 33 ބިލެއް މަޖިލީހަށް ހުށައެޅުމަށްވެސް ބަންޑާރަ ނާއިބު ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ކޯވިޑް-19ގެ ވެކްސިން ދިނުމާބެހޭ އުސޫލުތައް ކަނޑައެޅުމުގެ ބިލު ހިމެނެއެވެ. އެބިލުތަކުގެ ލިސްޓް މަޖިލީހަށް ވަނީ ފޮނުވާފައެވެ. އޭގެ ތެރޭގައި މުޅިން އަލަށް 15 ޤާނޫނެއް އެކުލަވާލާ ބިލް ހިމެނެއެވެ. އަދި މިހާރު ޢަމަލުކުރެވެމުންދާ 16 ޤާނޫނަކަށް އިޞްލާހު ގެނައުމަށްވެސް ހިމަނާފައިވެއެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ވަނީ މިދައުރުގައި މުހިންމު ޤާނޫނުތަކެއް އަންނާނެކަމަށް ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ