މޯލްޑިވްސް ޓްރަންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ އެކި ޕްރޮޖެކްޓުތަކުގައި މަސައްކަތް ކުރާނެ 254 ދިވެހިންނަށް ވަޒީފާގެ ފުރުސަތު ހުޅުވާލާ މާދަމާ އިން ފެށިގެން ވޯކް އިން އިންޓަވިއު ކުރިއަށް ގެންދަން ނިންމައިފިއެވެ.
އެމްޓީސީސީން ބުނެފައިވަނީ މި ވަޒީފާތަކުގެ ތެރޭގައި ހިމެނެނީ، ހެވީ ވެހިކަލް އޮޕަރޭޓަރުން، ވެލްޑަރުން، ކާރޕެންޓަރުން، މޭސަނުން، މެކޭނިކުން އަދި އިންޖިނޭރުންނެވެ. މިވަޒީފާތަކަށް ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކަށް ޓްރޭނިންގް ފުރުސަތުތައް ފަހިކޮށްދެވޭނެއެވެ. މިވަޒީފާތަކުގެ އެންމެ ކުޑަ އުޖޫރައަކީ 10،000 ރުފިޔާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
އެމްޓީސީސީއަކީ ގިނަ އަދަދެއްގެ މަޝްރޫޢުތަކެއް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގާ ކުންފުންޏެކެވެ. މިވަގުތުވެސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި 50 މަޝްރޫޢު އެބަ ހިނގަމުންދެއެވެ. އަދި 21 މަޝްރޫޢެއް ކުރިއަށްއޮތް ދުވަސްތަކުގާ ފެށިގެންދާނެއެވެ. މީގެތެރެއިން 11 މަޝްރޫޢެއްގެ މަސައްކަތް މާރޗްމަހު އެކަނިވެސް ފެށޭނެއެވެ. ކުންފުނީގެ ޕްރޮޖެކްޓް ސައިޓްތަކުގެ ވަޒީފާތަކަކީ ދިވެހިންނަށް އިސްކަންދީގެން ހުޅުވާލާ ފުރުސަތުތަކެކެވެ. ކުންފުނީގެ އަމާޒަކީ ކުންފުންނީގެ މަސައްކަތްތަކުގައި ދިވެހި މުއައްޒަފުންގެ ބައިވެރިވުން އެއް އަހަރުން އަނެއް އަހަރަށް އިތުރުކުރުމެވެ.
އެމްޓީސީސީއަކީ ދިވެހި މުއައްޒަފުންގެ ޙިއްސާ ބޮޑު ކުންފުންޏެކެވެ. ކުންފުނީގައި މިހާރު ވަޒީފާ އަދާކުރާ 2183 މުއައްޒަފުންގެ ތެރޭގައި ގިނައީ ދިވެހި މުއައްޒަފުންނެވެ. ކުންފުނި ކުރިއަރުވާ ހިންގަން ކުންފުންޏަށް ބޭނުންވަނީ ދިވެހި މުއައްޒަފުންގެ ޙިދުމަތެވެ. މެދުކެނޑުމެއްނެތި އެންމެގިނައިން ވަޒީފާގެ ފުރުސަތުތައް ދިވެހިންނަށް ފަހިކޮށްދޭ ކުންފުންޏަކަށް ހަމަ ޤައިމުވެސް އެމްޓީސީސީ ވާނެއެވެ. މިއަދު ކުންފުންޏަށް ލިބިފައިވާ ކާމިޔާބީއަކީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ރައްޔިތުންގެ ޙިދުމަތުގައި ކުންފުނީގެ މުއައްޒަފުން ކުރަމުންގެންދާ އިޙުލާސްތެރި ބުރަ މަސައްކަތުގެ ނަތީޖާއެވެ. އެމްޓީސީސީގެ ރައުސްމާލަކީ ކުންފުނީގެ މުއައްޒަފުންނެވެ. ފަންނުވެރި، ޤާބިލު އެމްޓީސީސީގެ ޓީމަށް ދިވެހި މުއައްޒަފުން ކުރިއަށްއޮތް ތަނުގައިވެސް އިތުރުވެގެން ދިއުމަކީ ކުން ފުނީގެ އުއްމީދެވެ. އެމްޓީސީސީގެ ކުރިމަގު އޮތީ ދިވެހި މުއައްޒަފުންގެ އަތްމަތީގައެވެ.
ކޮމެންޓު ފޮނުވާ