އިލެކްޝަންސް ކޮމިޝަންގެ ކޮމްޕްލަޔަންސް ކޮމިޝަންގެ ވެރިޔާ މުހައްމަދު ޒާހިދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޒާހިދު އެ މަގާމުން އިސްތިއުފާ މި ދެއްވީ އޭނާ އެޗްއާރުސީއެމްގެ މެންބަރުކަމުގައި ހުންނަވަނިކޮށް މީގެ ކުރިން މަޖިލީހުން އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި އޭނާ ވަކިކޮށްފައި ވާތީ އީސީގެ މުހިންމު މަގާމެއްގައި އޭނާ ހުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ބުނެ މަޖިލީހުގެ ރައީސް އާއި އެމްޑީޕީގެ ބައެއް މެންބަރުން ނުރުހުން ފާޅުކޮށްފައި ވަނިކޮށެވެ.
އެކަމާ ގުޅިގެން ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް އިއްޔެ ވަނީ އީސީގެ މެންބަރުން ހާޒިރުކޮށްފަ އެވެ.
މި ސަރުކާރު އައި އިރު ޒާހިދު ހުންނެވީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ނައިބު ރައީސްގެ މަގާމުގައެވެ. ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ޒާހިދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި ފާސްކުރިއެވެ.
ރައްޔިތުންގެ މަޖިލީހުން އޭނާ މަގާމުން ދުރުކޮށްފައިވަނިކޮށް އިލެކްޝަންސް ކޮމިޝަންގެ އެ މަގާމު ދިނީ ދާދި ފަހަކުންނެވެ.
މި ކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ މެންބަރުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރައްވާފައިވެއެވެ.
ކޮމެންޓު ފޮނުވާ