ސުޕަސްޓަރ ޝާހްރުކްގެ ކުރިއަަށް އޮތް ފިލްމު "ޕަތަން" ގައި އޭނާ އާއެކު ދެން ފެނިގެންދާނީ ދީޕިކާ ޕަޑްކޯނެވެ. ފިލްމުގައި ދީޕިކާ ފެނިގެންދާނީ ވަރަށްވެސް ތަފާތު ރޯލަކުންނެވެ.
ފިލްމުގެ ޝޫޓިންގ އާ ދީޕިކާ ގުޅުނީ ނޮވެމްބަރ މަހުގެ 23 ވަނަ ދުވަހުއެވެ. ޝާހްރުކްގެ ފިލްމެއް ބެލުންތެރިންނަށް ނުފެންނަތާވެސް 2 އަހަރު ވެފައި ވާއިރު މި ފިލްމަށް ބެލުންތެރިން ދަނީ ކެތްތެރިކަމާއެކު އިންތިޒާރު ކުރަމުންނެވެ.
ސިދާތް އާނަންދްގެ ޑައިރެކްޝަންގެ ދަށުން ކުރިއަށްދާ މި ފިލްމުން ދީޕިކާ އާއި ޝާހުރުކް ފެނިގެންދާނީ އޭޖެންޓުންގެ ގޮތުގައެވެ. ފިލްމަކީ އެކްޝަން ތުރިލާއެއް ކަމަށް ވުމުން މި ފިލްމުން ވަރަށް ގިނަ އެކްޝަން މަންޒަރުތައް ފެނިގެންދާނެއެވެ.
އެންމެ ތަފާތު ކަމަކީ ފިލްމުގައި ދީޕިކާ ފެނިގެންދާ ލުކެވެ. ތަފާތު އެކި ގޮތްގޮތަށް ބެލުންތެރިންނަށް ދީޕިކާ ފެނިގެންދާނެ މި ފިލްމުގައި އެންމެ ފަހުން އޭނާ ފެނިގެންދާނީ އިސްތަށިގަނޑު ކުރުކޮށް ކޮށާލާފައި ހުއްޓައެވެ. "ބޯއީ ކަޓް" އަކުންނެވެ.
ފިލްމުގެ ޕްރޮޑަކްޝަން ޓީމާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި "ޕަތަން" އިން ދިޕިކާ ފެނިގެން ދާނީ އަދި ދުވަހަކުވެސް އޭނާ ފެނިފައި ނުވާފަދަ ރޯލަކުންނެވެ. މި ފިލްމުގައި ޝާހްރުކާއި ސަލްމާން ޚާން އެކުގައި ފެންނަ މަންޒަރުތަކުގެ ޝޫޓިންގ މިދިޔަ ފެބްރުވަރީ މަހުގައި ވަނީ ފަށާފައިއެވެ. އަދި ޝޫޓިން ދަނީ ބާރު ސްޕީޑެއްގައި ކުރިއަށެވެ.
މި ފިލްމުން ފެނިގެންދާނެ އެކި އެކި ސްޓަންޓުތައް ޖެއްސުމަށްޓަކާވެސް ދިޕިކާ ދަނީ ތައްޔާރުވަމުންނެވެ. ފިލްމުގެ ބައެއް މަންޒަރުތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނެގުމަށް ވަނީ ހަމަޖެހިފައެވެ.
ފިލްމު ރިލީސް ކުރުމަށް ހަމަޖެހިފައިވަނީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައިއެވެ.
ކޮމެންޓު ފޮނުވާ