އަތޮޅުތެރެއިން މަސްތުވާތަކެއްޗާއިއެކު 4 މީހަކު ހައްޔަރުކޮށްފި

އަތޮޅުތެރެއިން މަސްތުވާތަކެއްޗާއިއެކު 4 މީހަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
15 އޮކްޓޯބަރ 2020 01:22
0

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި އަތޮޅުތެރޭގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މި އޮޕަރޭޝަންތައް ހިންގާފައިވަނީ ޏ.ފުވައްމުލަކުގެ އިތުރުން ތ.އަތޮޅާއި ބ. އަތޮޅުގައެވެ. އެގޮތުން މާލެ އާއި ފުވައްމުލަކު ސިޓީ އާ ދެމެދު ދަތުރުކުރާ ބޯޓަކުން އެ ސިޓީއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް މި ހިނގާ އޮކްޓޯބަރ މަހުގެ 14 ވަނަ ދުވަހު ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ 35 އަހަރާއި، 36 އަހަރުގެ މީހެއްކަމަށެވ.ެ މި ދެމީހުންނަކީވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުނެ އެވެ.

އެ ބޯޓުން ބޭލި ފޮށިގަނޑެއް ހިފައިގެން އެ ދެމީހުން ދަނިކޮށް މަގުމަތިން ހުއްޓުވައި ބަލައި ފާސްކުރިއިރު ފޮށިގަނޑުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 211 ސެލޯފިންކޮޅު ފެނިފައިވާކަމަށެވެ.

މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 14 ވަނަ ދުވަހު ހިރިލަންދޫގައިވެސް ފުލުހުންވަނީ އޮޕަރޭޝަނެއް ހިންގާފައިވެއެވެ. އެ އޮޕަރޭޝަންގައި މަސްތުވާތަކެއްޗާއެކު 25 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެ އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓުއަމުރެއްގެ ދަށުން އެރަށު ގެއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 12 ކަރުދާސްކޮޅާއި، ރަބަރު ޕެކެޓެއް ފެނުމާ ގުޅިގެންކަމަށް ފުލުހުން ބުނެ އެވެ.

މީގެއިތުރުންވެސް މަސްތުވާތަކެތި ގެންގުޅޭކަމަށް ހިރިލަންދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެހެން އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު 43 އަހަރުގެ ދިވެހި ފިރިހެނެއް އެރަށުންވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ހުއްޓުވައި ބަލައި ފާސްކުރަން އުޅުނު ވަގުތު ބިންމައްޗަށް އެއްޗެއް ވައްޓައިލިތަން ފެނުމުން  ފުލުހުން އެ ނަގައި ބެލިއިިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ކަރުދާސްކޮޅެއް ފެނުމާ ގުޅިގެންނެވެ.

އެ މައްސަލައިގައި ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރިކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއަރޒުން ކަނޑާއަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތު ދީފައިވެއެވެ. މީގެއިތުރުން ބ. ދަރަވަންދޫގައިވެސް މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ވަނީ ހިންގާފަ އެވެ.އެ އޮޕަރޭޝަން ހިންގާފައިވަނީ ދަރަވަންދޫ ޕޮލިސް ޑެސްކާއި، ބ.ކެންދޫ ޕޮލިސް ޑެސްކާއި، ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މި އޮކްޓޯބަރ 13 ވަނަ ދުވަހުއެވެ.

އެ އޮޕަރޭޝަނުގައި ދަރަވަންދޫ ޕެޓްރޯލް ޝެޑް ކައިރި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރުޕެކެޓް (ކުޑަ) އަދި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވެއެވެ. މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.