މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް ސައިނސްް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތްކަމުގެ މައްސަލ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
މިނިސްޓަރ މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަަލަ މާދަމާއަށް އެޖެންޑާކޮށްފައިވާއިރު އެ މައްސަލާގެ ނޯޓިސްވެސް މަލީހަށް މިހާރު ވަނީ ފޮނުވާފައެވެ. އަދި މިމައްސަލާގައި މެމްބަރުން ބަހުސް ކުރެއްވުމަށް ވަގުތުވެސް ކަނޑައަޅާފައެވެ.
މިނިސްޓަރ މަލީހަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ އިތުބާރު ނެތްކަން ނިންމާ އެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް ހުށައެޅުމަށް ނިންމީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަދުވަހުއެވެ. އެމްޑީޕީގެ އަސާސީ ޤަވާއިދުގައިވާ ގޮތުން، ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް އެޕާޓީން ވެއްދޭނީ، ޕާޓީގެ ޕާލަމެންޓްރީ ގުރޫޕަށް ހުށައަޅައި ފާސްކޮށްގެންނެވެ.
މަލީހުގެ އިތުބާރު ނެތްކަމަށް އެމްޑީޕީ ޕީޖީ ގްރޫޕުން މަޖިލީހަށް ވެއްދުމާއި ގުޅިގެން އޭރު މަލީހު ވިދާޅުވެފައިވަނީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ޤާނޫނު އަސާސީ ޝަރަހަ ކުރައްވަނީ ނުބައިކޮށް ކަމަށެވެ. މަލީހު ވިދާޅުވީ މައްސަލަ ވެއްދިއިރު ވައްދާފައިވަނީ އެއްވެސް ގުޅުމެއްނެތި ތާކުންތާނު ނުޖެހޭ ތުހުމަތުތަކެއްގައި ޤާނޫނު ނުބައިކޮށް މާނަކޮށްގެން ކަމަށެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕްގެ އެނިންމުމަކީ ޚިޔާލްފާޅުކުރުމުގެ މިނިވަންކަމާއި ހައްގުތައް ހޯދުމަށް ވަކާލާތު ކުރައްވަމުންދިޔަ ބޭފުޅުން އަމިއްލަ ބައިކޮޅަށް ޖެއްސެވި ގޯލެއްކަމަށް މަލީހު ވަނީ ވިދާޅުވެފައެވެ. އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ މެމްބަރުން މޮހޮރު ޖައްސަވަމުންދަނީ އަމިއްލަ ސަންދޯކަށް ކަމުގައި ވިދާޅުވެ މިނިސްޓަރ މަލީހުގެ ބަހު ހަމަލާތަކެއް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށް އަމާޒުކޮށްފައިވެއެވެ.
މަޖިލީހުގެ ޤަވައިދު ބުނާގޮތުން ވަޒީރެއްގެ އިތުބާރުނެތްކަމުގެ މައްސަލައެއް ހުށައެޅޭނީ 10 މެމްބަރުންގެ ސޮޔާއިއެކުއެވެ. އަދި އިތުބާރުނެތްކަމަށް ފާސްވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޢުލަބިއްޔަތުންނެވެ. އެހެންކަމުން މަލީހް މަގާމުން ވަކިކުރަން ބޭނުންވާނީ 43 މެމްބަރުންގެ ވޯޓެވެ.
ކޮމެންޓު ފޮނުވާ