ޖޯންސަން އެންޑް ޖޯންސަން ކުންފުނީގެ، އެއް ޑޯޒުގެ ކޯވިޑް ވެކްސިން އެމަރޖެންސީކޮށް ބޭނުން ކުރުމުގެ ހުއްދަ، އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަންއިން ދީފިއެވެ.
މިވެކްސިން އެިމަޖެންސީކޮށް ބޭނުން ކުރުމުގެ ހުއްދަ އެމެރިކާއިން ދިނުމާއެކު، އެގައުމުގައި ވެކްސިން ދިނުމުގައި މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ވަރަށް ބޮޑު ލުޔެއް އަންނާނެއެވެ. އަދި މިވެކްސިން ވެގެންދާނީ ވެކްސިން ދިނުމުގައި މުޅި ދުނިޔެއަށްވެސް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަންނާނެ ވަރަށް ބޮޑު ލުޔަކަށެވެ.
މިވެކްސިން އުފައްދާފައި ވަނީ ބެލްޖިއަމްގެ ޖަންސެން ކުންފުނިންނެވެ. މިކުންފުނިން ވަނީ އަންނަ ޖޫން މަސް ނިމުމުގެ ކުރިން އެމެރިކާއަށް 1 ޑޯޒް ވެކްސިންގެ 100 ޑޯޒު ފޯރު ކޮށްދިނުމަށް އެއްބަސްވެފައެވެ.
އަދި، މިވެކްސިން ހޯދުމަށް އިގިރޭސި ވިލާތް، އީޔޫ އަދި ކެނެޑާއިންވެސް ވަނީ އޯޑަރު ކޮށްފައި ވާއިރު. ފަގީރު ގައުމުތަކަށް ވެކްސިން ފޯރު ކޮށްދިނުމަށް ޔޫއެންއިން ކުރިޔަށްގެންދާ ކޯވެކްސް ޕްރޮގްރާމުންވެސް ވަނީ ޖޯންސަން އެންޑް ޖޯންސަން ކުންފުނީގެ އެއް ޑޯޒް ވެކްސިނަށް އޯޑަރު ކޮށްފައެވެ.
ޖޯންސްން އެންޑް ޖޯންސަން ކުންފުނި ބުނެފައިވާ ގޮތުގައި، ދުނިޔޭގައި ހަމަހަމަ ކަމާއެކު ވެކްސިން ފޯރުކޯށްދިނުމަށް، އަދި ވަކީން ޚާއްސަކޮށް ފަގީރު ގައުމުތަކަށާއި އަދި މެދުފަންތީގެ އާމްދަނީ ލިބޭ ގައުމުތަކަށް އަމާޒުކޮށްގެން ހިންގޭ ވެކްސިން ޕްރޮގްރާމް ކަމުގައިވާ، ކޯވިޑް ވެކްސިންސް ގްލޯބަލް އެކްސެސް ފެސިލިޓީ (COVAX) ޕްރޮގްމާގެ ދަށުން ވެކްސިން ފޯރުކޮށްދިނުމުގެ ފުރުސަތު ލިބެން އަންނަނީ، ވެކްސިން ބޭނުންކުރުމުގެ އެމަރޖެންސީ ހުއްދަ ޑަބްލިއުއެޗްއޯއިން ލިބިގެން ކަމުގައެވެ.
ޖޯންސަން އެންޑް ޖޯންސަން ކުންފުނިން އުފައްދާފައިވާ ކޯވިޑް19 ވެކްސިނުގެ ބޭނުން ވަނީ އެއްމެ ޑޯޒެކެވެ. އަދި މި ވެކްސިނަކީ، އައިސް އަލަމާރީގެ އާންމު ފިނިހޫނު ލިމުގައި ރައްކާ ކޮށްފައި ބެހެއްޓޭ ވެކްސިނެކެވެ. މިގޮތުން މިއީ، އެކަށީގެންވާ ސިއްހީ ފަރުވާގެ ނިޒާމެއް ނެތް ގައުމުތަކުގައި މިވެކްސިން ފޯރުކޮށް ދިނުމުގައި ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހަ ކަމެކެވެ.
ޖޯންސަން އެންޑް ޖޯންސަން ކުންފުނިން ކުރިން ހާމަކޮށްފައިވާ ގޮތުގައި، އެމެރިކާގެ އިތުރުން، އިތުރު 7 ގައުމެއްގައި އެކުންފުނިން ކުރިޔަށް ގެންދިޔަ ތަހުލީލުތަކުން ދައްކާ ގޮތުގައި، ކޯވިޑް19ގެ އާދައިގެ ހުމުން ފެށިގެން ގޮސް، ބަލީގެ ހާލަތުގޯސް ހުންތަކުން ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އެކުންފުނީގެ މި ވެކްސިން ފުރިހަމަ ކަމަށް ދައްކަނީ %66 އެވެ. އެހެންނަމަވެސް، ބަލީގެ އެންމެ ނުރައްކާތެރި ހާލަތުން ރައްކާތެރި ކޮށްދިނުމުގައި، މިވެކްސިން %85 ކާމިޔާބުކަމަށް ދައްކާފައިވާ ކަމަށްވެސް ޖޯންސަން އެންޑް ޖޯންސަން ކުންފުނިން ހާމަކޮށްފައި ވެއެވެ.
މިވެކްސިން މަސައްކަތް ކުރި ގޮތަށް ބަލާއިރު، އެކި ސަރަހައްދުތަކުން ދައްކާފައިވަނީ ތަފާތު ނަތީޖާަތަކެކެވެ. މިގޮތުން އެމެރިކާގައި، ބަލީގެ އާދައިގެ ހާލަތުން ފެށިގެން ގޯސްހާލަތުގެ ބަލިމީހުންގެ މެދުގައި ވެކްސިން ކާމިޔާބުކަމަށް %72 ދައްކާފައިވާއިރު، މިހާލަތުގައިވާ ބަލިމީހުންގެ މެދުގައި ސައުތު އެފްރިކާގައި ވެކްސިން ކާމިޔާބުކަމަށް ދައްކާފައިވަނީ %57 އެވެ. އެހެންނަމަވެސް، ސައުތު އެފްރިކާގައި ވެކްސިން ދީފައިވަނީ، އަސްލު ވައިރަހަށްވުރެ ފަސޭހައިން ފެތުރެމުންދާ ވޭރިއަންޓަކުން ރައްކާތެރިކަން ފޯރުކޮށްދިނުމަށްކަން ފާހަގަ ކުރެވެއެވެ.
ޖޯންސަން އެންޑް ޖޯންސަން ކުންފުނިންވަނީ، ހަމަހަމަ ކަމާއެކު ކޯވިޑް ވެކްސިން ފޯރުކޮށްދިނުމަށް ފޯރުކޮށްދިނުމަށް ޔޫއެންއިން އުފައްދާފައިވާ ކޯވެކްސް ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށް ދިނުމަށްޓަކާ ފާއިތުވެދިޔަ ޑިސެމްބަރު މަހު އެބަސްވުންތަކުގައި ސޮއި ކޮށްފައެވެ.
ޖޯންސަން އެންޑް ޖޯންސަން ކުންފުންޏާ އަދި ކޯވްކްސް ޕްރޮގްރާމް ސްޕޮންސާ ކުރާ ވެކްސިން އެލަޔަންސް ކުންފުނި ގަވިއިން ވެކްސިން ގަތުމަށް ބޭނުންވާ އެޑްވާންސް އެގްރީމަންޓެއްގައި ސޮއިކުރުމަށްފަހި، އެއް ޑޯޒްގެ ވެކްސިންގެ 500 މިލިއަން ވެކްސިން 2022 އާއި ހަމައަށް ކޯވެކްސް ޕްރޮގްރާމަށް ފޯރުކޮށް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.