ފައިޒަރ ވެކްސިން އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި މިހާތަނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުން އެގައުމުގައި ނައްތާލައިފިއެވެ.
އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (FDA)އިން ހާމަކޮށްފައިވާ ގޮތުގައި، ގަޑުކޮށްފައި، ޑައިލިއުޓް ނުކޮށް ހުންނަ ވެކްސިން ފުޅިތައް އާދައިގެ އައިސް އަލަމާރުތަކުގައި 14 ދުވަސް ވަންދެން ބެހެއްޓުމުގެ ހުއްދަ މިހާރު އެ އޭޖެންސީން ދޭނެއެވެ.
ފައިޒަރ ވެކްސިން މިހާރު ބަލަހައްޓަމުން ދަނީ 70- ޑިގްރީގެ ގަދަ ފިނީގައެވެ. މި ފިނުހޫނު މިނުގައި މި ވެކްސިން ބެހެއްޓުމަށް ޚާއްސަ އާލާތްތައް ބޭނުންކުރަން ޖެހެއެވެ. އަދި އެއްތަނުން އަނެއްތަނަށް މިވެކްސިން އުފުލުމުގައިވެސް، މީގެސަބަބުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތި ލާން ޖެހެއެވެ.
އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަންގެ މި ނިންމުން އައިސްފައިވަނީ، ގަޑު ކުރުމަށްފަހު، ޑައިލިއުޓް ނުކޮށް ހުންނަ ވެކްސިން، ދެހަފްތާ ވަންދެން ބޭސް ރައްކާ ކުރުމަށް ބޭނުންކުރާ އައިސް އަލަމާރީގެ އާދައިގެ ފިނިހޫނު މިނުގައި ފައިޒަރ ވެކްސިން ބެހެއްޓޭނެކަން ޔަގީން ކޮށްދިނުމަށް ފައިޒަރއިން ހުށަހެޅި ޑާޓާތައް ދިރާސާ ކުރުމަށް ފަހުއެވެ.
"ޑައިލިއުޓް ނުކޮށް ހުންނަ ވެކްސިން ރައްކާކުރުމަށް ބޭނުން ކުރެވޭނެ މި ފިނިހޫނު މިނަކީ، މިވެކްސިން އެއްތަނުން އަނެއްތަނަށް އުފުލުމުގައި ލިބިގެން ދިޔަ ވަރަަށް ބޮޑު ކުރިއެރުމެއް،" ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން އިން ނެރުނު ބަޔާނެއްގައި އެ އޭޖެންސީގެ ޕީޓަރ މާރކްސް ވިދާޅުވެފައި ވެއެވެ.
"އާދައިގެ ފިނި ހޫނުމިނުގައި މިވެކްސިން ރައްކާ ކުރުމުގެ ފުރުސަތު ލިބިގެން ދިއުމާއެކު، ވެކްސިން ޖަހާ ތަންތަނުގައި މިވެކްސިން ރައްކާ ކޮށްފައި ބެހެއްޓުމަށްޓަކާ ގަންނަން ޖެހޭ ޚާއްސަ އަލްޓްރ-ލޯވް ކޯލްޑް ސްޓޯރޭޖް އެކުއިޕްމަންޓް ގަންނަން ނުޖެހުމުގެ އިތުރުން، ގިނަ ސައިޓުތަކުގައި މިވެކްސިން ދިނުމުގެ ފުރުސަތު އިތުރަށް ފަހިވެގެން ދާނެ."
މިވެކްސިންގެ ގަޑުކަން ފިލާ، ދިޔައި ހާލަތަށް ބަދަލުވުމަށްފަހު 6 ގަޑިއިރު ތެރޭގައި ވެކްސިން ޖަހަން ޖެހެއެވެ.
އެމެރިކާގެ ރައީސް ޖޯބައިޑްން ވަނީ، އޭނާ އެމެރިކާގެ ރައީސްކަމުގެ ހުވާ ކުރެއްވި ދުވަހުން ފެށިގެން މިހާތަނަށް 50 މިލިއަން ވެކްސިން ދެވިފައިވާކަމަށް ވިދާޅުވެ އެކަން ފާހަގަ ކޮށްފައެވެ. ރިޔާސީ ކެމްޕޭން ތެރޭގައި ބައިޑްން ވައުދު ވެވަޑައިގެންފައިވަނީ، ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި 100 މިލިއަން ވެކްސިން ދިނުމަށެވެ.
މިހާތަނަށް އައިއިރު، އެމެރިކާގެ އާބާދީގެ 65 އަހަރުން މަތީގެ %50 މީހުންނަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒްދީ މިހާރު ނިމިފައެވެ.
މިހާރު ދުނިޔޭގެ ގިނަ ގައުމުތަކުގައި ދެވެމުންދާ 2 ޑޯޒްގެ ވެކްސިނާ ޚިލާފަށް، ޖޯންސަން އެންޑް ޖޯންސަންއިން ތައްޔާރު ކޮށްފައިވާ 1 ޑޯޒްގެ ވެކްސިނަކީ އާދައިގެ ފިނިހޫނުމިނުގައި ރައްކާ ކޮށްފައި ބެހެއްޓޭ ވެކްސިނެކެވެ.
އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭއިން ވަރަށް އަވަހަށް، މި ވެކްސިނަށް ހުއްދަ ދިނުމަށްޓަކާ މިނިވަން ޕެނަލްއެއް އެއްތަން ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓު ފޮނުވާ