ސިޔާސީ ދަޢުވާތަށް ބަރިބަރިއަށް ކޮށް އަބުރުކަތިލުމަކުން އެއްބަޔަކަށް ވެސް ލިބޭނެ މޮޅެއް ނޯންނާނެކަމަށާއި، ހައްޤަށް ނަޞްރު ލިބޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވެއްޖެއެވެ.
ކުރީގެ ނާއިބު ރައީސް ޢަބްދﷲ ޖިހާދުގެ ޕާސްޓްޕޯޓް ހިފަހައްޓާ ފުރުން މަނާކުރީ ޤާނޫނާއި ޚިލާފަށްކަމަށް ސުޕްރީމް ކޯޓުން މިއަދު ޙުކުމްކުރުމާއި ގުޅިގެން ނިހާން ކުރެއްވ ޓްވީޓެއްގައި ވިދާޅުވީ، އިސްމަޤާމުތަކުގައި 40 ހަކަށް އަހަރު ދިވެހިޤައުމަށް ތެދުވެރި އިޚްލާޞްތެރި ޚިދުމަތް ކޮށްދީފައިވާ ބޭފުޅަކު ޤާނޫނަށް ފިލަން ނުދުވާނެކަމަށެވެ. ސިޔާސީ ދަޢުވާތަށް ބަރިބަރިއަށް ކޮށް އަބުރުކަތިލުމަކުން އެއްބަޔަކަށް ވެސް ލިބޭނެ މޮޅެއް ނޯންނާނެކަމަށާާއި، ހައްޤަށް ނަޞްރުލިބޭނެކަމަށްވެސް ނިހާން ވިދާޅުވިއެވެ.
ދައުލަތުން ޖިހާދާއި ދެކޮލަށް ދައުވާ އުފުލާފައިވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަުގެ މަގާމުގައި ޖިހާދު ހުންނަވާ ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރައްވާ އެއްބަސްވުމެއް އެކުލަވާލި މައްސަލާގައެވެ.
މި މައްސަލާގައި ޖިހާދުގެ ފާސްޕޯޓް ހިފެއްޓުމަށް ދަށުކޯޓުން ކުރި ޙުކުމް ހައިކޯޓުން ބާޠިލްކުރިއެވެ. އަދި ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓުގައ އިސްތިއުނާފްކުރުމުން މިއަދު ބޭއްވި ޝަރީޢަތުގައި ވަނީ މީހަކު ރާއްޖެއިން ބޭރަށް ދާ ދިއުމަކީ ޕާސްޕޯޓް ހިފަހައްޓަންޖެހޭ ހާލަތެއް ނޫންކަމަށް ކަނޑައަޅާފައެވެ. ޖިނާއީ އިޖުރަޢަތުގެ ގާނޫނު އޮތްގޮތުން ޕާސްޕޯޓް ހިފެހެއްޓުން ހުއްދަވަނީ ފިލާފާނެ ކަމަށް ބެލެވޭ ހާލަތްތަކުގައި އެކަނި ކަމަށް ސުޕްރީމް ކޯޓުގެ ޢަމުރުގައިވެއެވެ.
ސިޔާސީ ދަޢުވާތަށް ބަރިބަރިއަށް ކޮށް އަބުރުކަތިލުމަކުން އެއްބަޔަކަށް ވެސް ލިބޭނެ މޮޅެއް ނޯންނާނެކަމަށް ނިހާން ވިދާޅުވެފައިވާއިރު، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައެއްގައި ނިހާންގެ މައްޗަށްވެސް ވަނީ ދައުވާ އުފުލާފައެވެ. ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ކުރެއްވި އަޙްމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ދައުލަތުން ވަނީ 6 ދައުވާއެއް އުފުލާފައެވެ. ނިހާންގެ މައްޗަށް އުފުލާފައިވާނީ ރިޝްވަތު ހިފުމުގެ ކުށުގެ 3 ދައުވާއަކާއި ރިޝްވަތު ލިބި ގަތުމަށް އެެދުމުގެ ކުށުގެ 2 ދައުވާއަކާއި މަނީލޯންޑަރިންގެ ކުށުގެ ދައުވާއެކެވެ.
އެމްއެމްޕީއާރުސީގެ ހިޔާނަތާއި ގުޅިގެން އެސެޓް ރިކަވަރީ ކޮމިޝަނުން ކުރިޔަށް ގެންދިޔަ ތަހުޤީގަށް ނީހާނާއި އެނާގެ އައިލީ ބައެއް މެމްބަރުންވެސް ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ.
ނިހާންގެ މައްޗަށް ދައުވާ އުފުލާފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނޭ އެއް ދަޢުވާގައިވަނީ 2014ވަނަ އަހަރު ޕީޖީއަކު ޢައްޔަން ކުރުމަށާއި މަޖިލީހުން ޖޭއެސްސީއަށް އައްޔަންކުރާ މެންބަރު ހޮވުމަށް މަޖިލީހުގައި ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް (ސަބްމެރީނާ) ބްރޭންޑްގެ ގަޑިއެއް ދިނުމަށް އޭރުގެ ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަދީބު އަރިހު އެދުމުން، މ.ވިލާދަށުގެ މުޙައްމަދު މަނިކު މެދުވެރިކޮށް އަޙްމަދު އަދީބު ދެއްވި ރޮލެކްސް ބްރޭންޑްގެ ގަޑި ނިހާން ބަލައިގަނެފައިވާކަމަށެވެ.
ޕީޖީ އޮފީހުން ވިދާޅުވީ އަޙްމަދު ނިހާން ޙުސައިން މަނިކު ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރުކަމުގައި އަދި މާލިއްޔަތު ކޮމެޓީގެ މުޤައްރިރުގެ މަޤާމުގައި ހުރިއިރު، ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ދެއްވި ރިޝްވަތުގެ ފައިސާ ހިފާ، އެ ފައިސާ ބޭނުންކޮށްފައިވާކަން ތަޙުޤީޤަށް އެނގޭކަމަށެވެ. އަދި ނިހާނަށް ލިބިފައިވާ މިފަދަ އެއްވެސް ފައިސާއެއް ލިބުނުކަން އޭނާ 2014 އިން ފެށިގެން 2019 އާއި ދެމެދު ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި ހިމަނާފައިނުވާކަމަށްވެސް ޕީޖީ އޮފީހުން ވަނީ ވިދާޅުވެއެވެ.
ކޮމެންޓު ފޮނުވާ