ޖިހާދުގެ ޕާސްޓްޕޯޓް ހިފަހައްޓާ ފުރުން މަނާކުރީ ޤާނޫނާ ޚިލާފަށް: ސުޕްރީމް ކޯޓް

ޖިހާދުގެ ޕާސްޓްޕޯޓް ހިފަހައްޓާ ފުރުން މަނާކުރީ ޤާނޫނާ ޚިލާފަށް: ސުޕްރީމް ކޯޓް

Author
މުޙައްމަދު ޖިމީ
18 ފެބްރުއަރީ 2021 03:52
0

ކުރީގެ ނާއިބު ރައީސް ޢަބްދﷲ ޖިހާދުގެ ޕާސްޓްޕޯޓް ހިފަހައްޓާ ފުރުން މަނާކުރީ ޤާނޫނާއި ޚިލާފަށްކަމަށް ސުޕްރީމް ކޯޓުން ޙުކުމްކޮށްފިއެވެ.

ދައުލަތުން ޖިހާދާއި ދެކޮލަށް ދައުވާ އުފުލާފައިވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަުގެ މަގާމުގައި ޖިހާދު ހުންނަވާ ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރައްވާ އެއްބަސްވުމެއް އެކުލަވާލި މައްސަލާގައެވެ.

މި މައްސަލާގައި ޖިހާދުގެ ފާސްޕޯޓް ހިފެއްޓުމަށް ދަށުކޯޓުން ކުރި ޙުކުމް ހައިކޯޓުން ބާޠިލްކުރިއެވެ. އަދި ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓުގައ އިސްތިއުނާފްކުރުމުން މިއަދު ބޭއްވި ޝަރީޢަތުގައި ވަނީ މީހަކު ރާއްޖެއިން ބޭރަށް ދާ ދިއުމަކީ ޕާސްޕޯޓް ހިފަހައްޓަންޖެހޭ ހާލަތެއް ނޫންކަމަށް ކަނޑައަޅާފައެވެ. ޖިނާއީ އިޖުރަޢަތުގެ ގާނޫނު އޮތްގޮތުން ޕާސްޕޯޓް ހިފެހެއްޓުން ހުއްދަވަނީ ފިލާފާނެ ކަމަށް ބެލެވޭ ހާލަތްތަކުގައި އެކަނި ކަމަށް ސުޕްރީމް ކޯޓުގެ ޢަމުރުގައިވެއެވެ.

ކުރީގެ ނާއިބު ރައީސް ޖިހާދަކީ ދައުލަތުގެ އިސް މަގާމުތަކެއް އަދާކޮށްފައިވާ ބޭފުޅަކަށް ވާތީ ފިއްލަވައިގެން ބޭރުގައި އުޅުއްވުމުގެ ގާބިލްކަން އޭނާއަށް ލިބިފައިވާ ކަމަށް ދައުލަތުން ވިދާޅުވިނަމަވެސް، އެއީ އޭނާ ފިއްލަވާފާނެ ކަމަށް ބެލެވޭ ސަބަބެއް ނޫންކަމަށް ސުޕްރީމް ކޯޓުގެ ޢަމުރުގައިވެއެވެ. އަދި ދައުލަތަށް އެފަދަ ހެއްކެއް ދެއްކިފައި ނެތްކަމަށާއި، ހަމައެކަނި އޮތީ ޖިހާދު އަމިއްލައަށް ކޯޓަށް ހުށަހެޅުއްވި ޓިކެޓެއް ކަމަށް ސުޕްރީމް ކޯޓުގެ ޙުކުމުގައިވެއެވެ. އަދި ޖިހާދު ފުރައިވަޑައިގަތުމުގެ ހުއްދައަށް އެދުމުގެ ކުރިން އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ދައުލަތުން އެދިފައި ނެތްކަމަށާއި، އެހާތަނަށް އޭނާ ފުރުން މަނާ ކުރުމުގެ އަމުރެއް ނެތްކަމަށްވެސް މިއަދު ކުރި ޙުކުމުގައިވެއެވެ.

ކ. ފުށިދިއްގަރު ފަޅު ކުއްޔަށްދިނުމަށް ހެދި އެއްބަސްވުމާއި ގުޅިގެން ކުރީގެ ނާއިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އެމަނިކުފާނު ވަނީ އިންކާރުކުރައްވާފައެވެ. ދައުވާއަށް ޖިހާދު އިންކާރުކުރެއްވުމުން ދައުލަތުން ވަނީ ހެކިން ހުށައަޅާފައެވެ. އޭގެތެރޭގައި ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބާއި މި މައްސަލާފައި ޖިހާދު ދެއްވާފައިވާ ބަޔާނާއި ވަޒީރުން މަޖލީހުގެ ބައެއް ލިޔުންތަކާއި އިތުރު ބައެއް ހެކިންވެސް ހިމެނެއެވެ.

ދައުލަތުން ޖިހާދާއި ދެކޮޅަށް ދައުވާ އުފުލާފައިވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުގެ މަގާމުގައި ޖިހާދު ހުންނަވާ ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރައްވާ އެއްބަސްވުމެއް އެކުލަވާލި މައްސަލާގައެވެ.

ދައުލަތުން ޖިހާދާއި ދެކޮޅަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ ނޭޝަނަލް ޕްލޭނިންގ ކައުންސިލުގެ ލަފާގެ މަތިން ކ. ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމަށްޓަކައި ސަރުކާރުގެ %50 ހިއްސާވާގޮތަށް ޖޮއިންޓް ވެންޗަރ އެގްރީމަންޓެއް ހެދުމަށް ވަޒީރުންގެ މަޖިލީހުން 2011 ވަނަ އަހަރުގެ ނޮވެންބަރު 22ވަނަ ދުވަހު ނިންމި ނަމަވެސް މިކަމުގައި ޖިހާދު އަމަލުކުރައްވާފައިވަނީ އެ މަޖިލީހުގެ ނިންމުމާއި ހިލާފަށްކަމަށެވެ.

މިގޮތުން ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމަށް ނިންމެވުމުގައި އޮތް %50 އިންސައްތަ ގެ ބަދަލުގައި، ދައުލަތުގެ %25 އިންސައްތަ ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗަރ ކުންފުންޏެއް ހެދުމަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓަޑްކިޔާ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށެވެ. އަދި ޢަބްދުﷲ ޖިހާދުގެ އެ ޢަމަލުގެ ސަބަބުން ރައްޔިތުންނަށާއި ދައުލަތަށް ލިބެންއޮތް ފައިދާއިން، ހަމައެކަނި ބިމު ކުލީގެ ގޮތުގައިވެސް 750,713,604 (ހަތްސަތޭކަ ފަންސާ މިލިޔަން ހަތްސޭކަ ތޭރަހާސް ހަސަތޭކަ ހަތަރު) އެމެރިކާ ޑޮލަރު އުނިވެފައިވާކަމަށްވެސް ދައުލަތުގެ ދައުވާގައިވެއެވެ.

މި މައްސަލަ ސާބިތުވެއްޖެނަމަ 5 އަހަރުގެ ޖަލު ހުކުމެއް ޖިހާދުގެ މައްޗަށް އަންނާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.