ތިމަރަފުށީގައި ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު މީހުން ޝަރީއަތް ނިމެންދެން ބަންދަށް

ތިމަރަފުށީގައި ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު މީހުން ޝަރީއަތް ނިމެންދެން ބަންދަށް

Author
ޢަލީ އާދަމް
18 ފެބްރުއަރީ 2021 03:14
0

ތ. ތިމަރަފުށީގައި ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

ތ. ތިމަރަފުށީ ދޯންޏަކުންނާއި އެ ރަށުން ހައްޔަރުކުރި ހަރުކަށި ފިކުރުގެ މީހުންނާ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިސިސްއާ ގުޅުން އޮތް ކަމަށާއި ތިމަރަފުށީގައި ހުންނަ ތ. އަތޮޅު ތައުލީމީ މަރުކަޒުގައި އޯލެވެލް އިމްތިހާން ހަދަމުން ދަނިކޮށް ސްކޫލްގެ ލެބޯޓަރީ ގޮއްވާލަން އެ މީހުން ރޭވި ކަމަށް ފުލުހުން ހާމަކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ.

މިމައްސަލާގައި ދައުވާ ކުރުމަށް ފޮނުވާފައިވަނީ 8 މީހުންނަކީ ތ. ތިމަރަފުށި، ފެހިވިދުވަރުގެ، އަބްދުﷲ ޝަރީފްއާއި، ތ. ތިމަރަފުށި، ކެނެރީގެ، ޢަލީ މުނީޒުއާއި ތ. ތިމަރަފުށި، އަސުރުމާގެ، މުޙައްމަދު އާޞިރުއާއި، ތ. ތިމަރަފުށި، އަސްރަފީވިލާ، އަޙްސަން މުޙައްމަދުއާއި، ރ. މަޑުއްވަރި، ބީޗްހައުސް ޢަބްދުﷲ ޢިމާދުއާއި، ތ. ތިމަރަފުށި، ސައިމާ، ޝަމާޚު ޝަރީފްއާއި، ނ. ކުޑަފަރި، ރޯޒްމީޑު، އިބްރާހިމް ލޫޠުއާއި، ރ. ކަނދޮޅުދޫ، ފެހިވިލާ، ޢަލީ އަރުހަމް މުޙައްމަދުގެ މައްޗަށެވެ.

މި ހުރިހާ އެންމެންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފަށާފައި ވާއިރު، އެމީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ކޯޓުން ނިންމީ އެ މީހުން ދޫކޮށްލައިފިި ނަމަ މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހަކު އިސްލާމިކް ސްޓޭޓް ޖަމާއަތަށް ތާއީދުކޮށް، އެޖަމާއަތުގައި ހަރަކާތްތެރިވަމުންދާ ފަރާތްތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ޓެލެގްރާމްގެ އެކި ޗެނަލްތަކުގައި ފަންޑް ރެއިސްކުރުމުގެ އެކި ހަރަކާތްތައް ހިންގައި، އެކިފަރާތްތައް މެދުވެރިކޮށް ސީރިޔާއަށް ފައިސާ ފޮނުވާ، ރާއްޖޭގައި ލިބެންހުރި ގަސްކާނާއިން އެމޯނިއަމް ނައިޓްރޭޓް ވަކިކޮށް ހަމަލާއެއް ދިނުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާކަމަށެވެ.

މިފަރާތްތަކުން ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއްދިނުމަށް ހިއްވަރުލިބިގަތީ ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ފަރާތުން "ޖަޒީރާގެ ޒުވާނުން" ނަށް މުހާތަބުކޮށް ދީފައިވާ މެސެޖަކާ ގުޅިގެންކަން ތަހުގީގަށް ފާހަގަކުރެވިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިގޮތުން އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ފަރާތުން ދީފައިވާ މެސެޖުގައި "ޖިހާދުގެ މައިދާންތަކަށް ތިބާއަށް ދަތުރު ނުކުރެވިއްޖެނަމަ، ދެން ޞަލީބީ ދައުލަތްތަކުގެ ރައްޔިތުންވަނީ ތިޔަބައިމީހުންގެ ކުރިމަތީގައިކަމަށެވެ. އެހެންކަމުން މަތިވެރިވެގެންވާ ﷲ ގެ ޙަޟްރަތުން ވާގި އެދޭށެވެ. އެބައިމީހުން ގަތުލުކުރުމަށާއި، ޗިސްޗިސްކޮށްލުމުގައެވެ. އަންދާލުމުގަޔާއި، ދަންޖެއްސުމުގައެވެ." މިފަދައިން ޓެރަރިޒަމްގެ އަމަލެއްކުރުމަށް ގޮވާލައި އެކަމަށް ހިއްވަރުދީފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.