ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝިދު އެޗްޕީއޭގެ ގައިޑްލައިނާއި ޚިލާފްވި ޢަމަލު، މުނާފިޤް ކަމެއްގެ ގޮތުގައި ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ސިފަކުރައްވައިފިއެވެ.
ރޭ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް ޞާލިޙައި ރައީސް ނަޝިދު ވަނީ މާސް ނާޅުއްވާ އެއްބޭފުޅަކު އަނެއްބޭފުޅަކާއި ވަރަށް ކައިރީގައި ތިއްބަވައިގެން ވާހަކަފުޅު ދައްކަވާފައެވެ. އެކަމަށް ގިނަ ބައެއްގެ ފާޑުކއިުން އަމާޒުވެފައިވަނިކޮށް، ޑރ. ޖަމީލް ވިދާޅުވީ، ކޯވިޑްގެ ނުރައްކާ އެންމެންނަށް ދައްކައި ގެއަށް ވެއްދުމަށްފަހު ޤައުމުގެ ދެވެރިން ޤާނޫނާއި ޚިލާފްވެފައިވާކަމަށެވެ. އެހެންކަމުން އެބޭފުޅުން ޤާނޫނާއި އެޗްޕީއޭގެ ގައިޑްލައިނާއި ޚިލާފްވުމަށްފަހު، އިދިކޮޅު މެންބަރުން ހައްޔަރުކޮށް މުއްދަތުޖެހުމުގައި އޮތީ ކޮން ހުއްޖަތެއްތޯ ސުވާލުކުރެއްވިއެވެ. އަދި ވެރިންނާ ޖެހުނީމާ ކޮވިޑްވެސް މައިތިރިވަނީތޯ ސުވާލުކުރައްވަމުން ޖަމީލް ވިދާޅުވީ، ދެ ރައީސުންގެ އެޢަމަލް ސިފަވަނީ ވަރަށް މުނާފިޤް ކަމެއްގެ ގޮތުގައިކަމަށެވެ.
ކޮވިޑްގެ ނުރައްކާ އެންމެންނަށް ދައްކައި ގެއަށް ވެއްދުމަށްފަހު ޚުދު ޤާނޫނާ ޚިލާފަށް މިއުޅުއްވަނީ. ދެން ކޮން ޙުއްޖަތެއްތޯ އޮތީ އިދިކޮޅު މެންބަރުން ހައްޔަރުކޮށް މުއްދަތުޖަހަން؟ ވެރިންނާ ޖެހުނީމާ ކޮވިޑްވެސް މައިތިރިވަނީތޯ؟ މިޢަމަލް ސިފަވަނީ ވަރަށް މުނާފިޤް ކަމެއްގެ ގޮތުގައި.
– ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު
ކޮވިޑްގެ ނުރައްކާ އެންމެންނަށް ދައްކައި ގެއަށް ވެއްދުމަށްފަހު ޚުދު ޤާނޫނާ ޚިލާފަށް މިއުޅުއްވަނީ. ދެން ކޮން ޙުއްޖަތެއްތޯ އޮތީ އިދިކޮޅު މެންބަރުން ހައްޔަރުކޮށް މުއްދަތުޖަހަން؟ ވެރިންނާ ޖެހުނީމާ ކޮވިޑްވެސް މައިތިރިވަނީތޯ؟ މިޢަމަލް ސިފަވަނީ ވަރަށް މުނާފިޤް ކަމެއްގެ ގޮތުގައި. pic.twitter.com/a4EGQlQOyg
— Mohamed Jameel Ahmed (@MJameelAhmed) February 17, 2021
އެޗްޕީއޭއިން މިދިޔަ އަހަރުގެ ޑިސެމްބަރ 18 ވަނަ ދުވަހުޢާންމުކޮށްފައިވާ ގައިޑްލައިންގައި ވަނީ އެއްތަނުގައި މަސައްކަތް ކުރާ މީހުން އަބަދުވެސް އަނގަޔާއި ނޭފަތް ނިވާވާގޮތައް މާސްކް އެޅުމާއި މާސްކް އެޅުމުގެ އުސޫލުތަކާއި އެއްގޮތަށް އަމަލު ކުރަން ޖެހޭނެކަމަށެވެ. އަދި ތަނަށްވަދެ ނިކުމެ އުޅުމުގައާއި، ތަނުގެ ތެރޭގައި މަދުވެގެން ތިން ފޫޓުގެ ގައިދުރުމިން ބެހެއްޓޭ ގޮތަށް އިންތިޒާމުކޮށް ބަލަހައްޓަން ޖެހޭނެކަމަށްވެސް ގައިޑްލައިންގައިވެއެވެ.
ނަމަވެސް ދެ ރައީސުން މާސްކު ނާޅުއްވާ، އަދި ގައިދުރުކަން ބަހައްޓާފައި ނުވާއިރު، ވެރިންނަށް އެޗްޕީއޭގެ ގައިޑްލައިނަށް އަމަލުކުރުން ލާޒިމް ނުވަނީތޯ ސުވާލުކޮށް ބައެއް ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ.
ކޮމެންޓު ފޮނުވާ