ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދުގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުކޮށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ. ފުލުހުން ވިދާޅުވީ، ޢަލީ ވަޙީދު ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުކުރެވޭ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއެކު ކުރެވުނު މަޝްވަރާތަކާ އެއްގޮތަށް މައްސަލަ އިޞްލާޙުކޮށް ދަޢުވާކުރުމަށް ފޮނުވާފައިވާކަމަށެވެ.
ފުލުހުން ތަހުގީގުކުރާ މައްސަލަތަކުގައި ޕީޖީއާއެކު ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާގައި ތަޙްޤީޤީ އިދާރާ ތަކާއެކު މަޝްވަރާކޮށް މަޢޫލޫމާތު ބަދަލުކުރާނެއެވެ.
ޖިންސީ ގޯނާގެ ތުހުމަތުތަކާއި ގުޅިގެން މަޤާމުން ވަކިކުރައްވާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދުގެ މޯބައިލް ފޯނާއި ލެޕްޓޮޕް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި އޭނާގެ ޕާސްޕޯޓްވެސް ހިފަހައްޓާފައިވެއެވެ.
މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚުލާގީ މައްސަލަތަކެއް ޓޫރިޒަމް މިނިސްޓްރީގައި ހިންގާފައިވާ މައްސަލާގައި ފުލުހުންގެ އިދާރާއަށް އޭނާ ޙާޒިރުކޮށް ސުވާލުކޮށްފައިވެއެވެ.
ޢަލީ ވަޙީދު ވިދާޅުވީ، އޭނާއަށް ކުރާ ހުރިހާ ތުހުމަތުތަކަށް އިންކާރުކުރައްވާކަމަށާއި، މިއީ ސިޔާސީ ނުފޫޒު ހިމެނޭ މައްސަލައެއްކަމަށެވެ. އޭނާ ވިދާޅުވީ އިންސާފުވެރިކަމާއި މިނިވަންކަމާއެކު ތަޙްޤީޤް ހިނގާނެކަމަށް އުއްމީދު ކުރައްވާކަމަށާއި، މި ތުހުމަތުތައް ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންނަށް ހަޤީޤަތް ހާމަވާން ބޭނުންފުޅުވާކަމަށެވެ. އޭނާ ވިދާޅުވީ ފުލުހުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވާފައި ވާކަމަށާއި، ހަނު ހުންނަވަން ބޭނުންފުޅު ނުވާކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ކުރީގެ މިނިސްޓަރ ޢަލީ ވަޙީދު ޖިންސީ އަނިޔާ ކުރިކަަމަށް ތުހުމަތުކުރެވޭ މައްސަލާގައި އޭނަގެ ގެ ފުލުހުން ވަނީ ބަލައި ފާސްކޮށްފައި ވާއިރު މިހާތަނަށް 15 މީހެއްގެ ބަޔާން ނަގާފައިވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.
މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓޫރިޒަމް މިނިސްޓްރީގައި ހިންގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު އިސްތިއުފާދެއްވުމަށް އަންގަވައި އިސްތިއުފާ ނުދެއްވުމުން ރައިސުލްޖުމްހޫރިއްޔާވަނީ އޭނާ ވަޒީރުކަމުން ވަކިކުރައްވާފައެވެ. މިއީ ޖިންސީ ގޯނާގެ ތުހުމަތުގައި ވަޒީރަކު މަޤާމުން ވަކިކުރި ފުރަތަމަ ފަހަރުވެސްމެއެވެ.
ކޮމެންޓު ފޮނުވާ