ހައްގު ހޯދުމަށްޓަކާ މަސައްކަތް ކުރުމަކީ މައްސަލައެއް ނޫނެވެ. އަދި ގެއްލިގެން ގޮސްފައިވާ ހައްގެއް ހޯދުމަކީ، ހައްގު ހޯދުމަށް މައްސައްކަތް ކުރަމުންދާ މީހަކަށް އޭގެ ޒާތުގައި ފާޑުކިއުން އަމާޒުވާންވީ ސަބަބެއްވެސް ނުމެ ނޫންމެއެވެ. ސަބަބަކީ، ލިބޭ އަނިޔާއާއި، އަދި ކުރިމަތިލާން ޖެހޭ ބޭއިންސާފާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ހައްގު ގާނޫނު އަސާސީންނާ އަދި ހެދިފައިހުރި ގާނޫނުތަކުން ވެސް، ކޮންމެ ދިވެހި ރައްޔިތަކަށްމެ ލިބިދީފައި އޮތީމައެވެ.
ޕީޕީއެމްގެ އެޑްވައިޒަރު، އަދި ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލަށް ޕީޕީއެމްގެ ތެރެއިން އެންމެ ފަހުން ފާޑުކިއުން އަމާޒުވެގެން ދިޔައީ، ރައީސް ޔާމިންގެ ވެރިކަމުގައި، އެމަނިކްފާނު ނާއިބު ރައީސްކަމުން ވަކި ކުރި ކުރުމުގެ ބަދަލު ހޯދުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވާ އަދި މައްސަލައާއިގެން ކުރިޔަށް ވަޑައިގަންނަވަން ފެއްޓެވުމާއެކުއެވެ.
ތެދު ފުޅެކެވެ. ރައީސް ޔާމިންގެ ވެރިކަމުގައި، ހިގައި ދިޔަ އެތައްކަމަކީ، އެތައް ގޮތަކުން މިއަދު އެކަންކަމުގެ މައްޗަށް ނަޒަރިއްޔާތު ހިންގާލެވިދާނެ ކަންކަމެވެ. އަދި ހުރިހާ ވެރިކަމެއްގައިވެސް އެކަން އޮތީ އެހެންނެވެ.
މީގެ ތެރޭގައި، ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އޭރު ސަރުކާރުގެ އިސް މަގާމެއްގައި ހުންނެވުމަށްފަހު، ފަހުން ޖަލުގައި ބަންދު ކުރެވިގެން ދިޔަ ދިއުމާއި، ރައީސް ޔާމިންގެ ވެރިކަމުގައި، މަޖިލީހުގެ މެމްބަރުކަމުން ވަކިވިކަމަށް އިލެކްޝަންސް ކޮމިޝަނުން ކަޑައެޅި 12 މެމްބަރުންނާމެދު ކަންކަން ހިގައިދިޔަ ގޮތާއި، އަދި ޑރ. ޖަމީލު ނާއިބު ރައީސްކަމުން ދުރުކުރެވުނު ގޮތާއި، މިއީ ފަސް އެބުރި ބަލާލުމުން މިއަދު އެތަކެއް ސުވާލުތަކެއް އެކަންކަމާމެދު އުފެއްދިދާނެ އަދި، އެކަންކަމުގެ މައްޗަށް އިންސާފު ހޯދުމަށް މިއަދު މިއެންމެން ތެދުވެއްޖެނަމަ، އެކަކު އަނެކެއްގެ ކަރުގަ ހިފާފަ ނުހިފާނެ މީހަކު ވަކި ނުވާނެ މިންވަރަށް ސިޔާސީ މަސްރަހު މަސްހުނިވެ އޮޅުން ބޮޅުންވެފައި ހުރި ކަންކަމެވެ. އެއީ ސިޔާސީ ކަންކަމުގެ ތެރެއިން މިތުރުން ހަތުރުންނަށް ވުމާއި، ހަމަ އެބީދައިން ހަތުރުން މިތުރުންނަށް ވެދިއުމަކީ އާންމުކޮށް އަބަދުވެސް ހިގަމުންދާ ކަންކަމަށް ވާތީވެސްމެއެވެ.
މިހެން މިކަންކަން އޮއްވާ، ގިނަ ބަޔަކަށް ސިހުން ގެނުވި އެއްކަމަކީ، ރައީސް ޔާމިންގެ ވެރިކަމުގައި، ކުރީގެ ނާއިބު ރައީސް ޑރ. ޖަމީލް އެމަނިކްފާނު ނާއިބު ރައީސްކަމުން ދުރުކުރި ކުރުމަށް އިންސާފު ހޯއްދެވުމަށް ސުޕްރީމް ކޯޓަށް ވަޑައިގެންނެވި ހިސާބުންނެވެ.
އެހެންނަމަވެސް، މިއަދު މި މައްސަލާގައި އިންސާފު ހޯއްދެވުމުގެ މަސައްކަތް ޑރ. ޖަމީލު ކުރައްވަމުން ގެންދަވާއިރު، ކަމުގެ ހަގީގަތަކީ ކޮބައިކަން ސާފުވާން އޮތުމަކީ ކޮންމެހެންވެސް މުހިންމު ކަމެއްކަމުގައި ނޫނީ ނުވާނެކަން ކަށަވަރެވެ.
ޑރ. ޖަމީލް ނާއިބު ރައީސްކަމުން ވަކި ކުރެވުނީ، އޭރުގެ ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ މެމްބަރުން އެކަމަށް އިސް ނަންގަވައިގެން، އެމެމްބަރުންގެ މެޖޯރިޓީ ވޯޓުންނެވެ. އަދި އެހުރިހާ މެމްބަރުންވެސް، އޭރު މަޖިލީހުގައި ވަކާލާތު ކުރައްވާފައިވަނީ، އޭރުގެ ނާއިބު ރައީސް ޑރ. ޖަމީލު ރައީސް ޔާމިނަށް ބޭވަފާތެރި ވެވަޑައިގެންނެވީ ކަމުގައި ވިދާޅުވެއެވެ.
އަދި ވަކީން ޚާއްސަކޮށް ފާހަގަވާން އޮތް ކަމަކީ، ޑރ. ޖަމީލް ނައިބު ރައީސްކަމުން ދުރުކުރުމަށް އެދިވަޑައިގެން، އޭރު މުލިއާގޭގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުންނާ ބައްދަލުކުރައްވާ، ޑރ. ޖަމީލު އެމަނިކްފާނަށް ބޭވަފާތެރި ވެވަޑައިގެންފައިވާ ކަމަށް ވިދާޅުވެ ފުލުހުންގެ ފަރާތުން ލިބިލައްވާފައިވާ ސިއްރު އެތައް ހެއްކެއް ޚުދު ރައީސް ޔާމިން އޭރުގެ ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ މެމްބަރުންނާ ހިއްސާ ކުރައްވާފައިވާ ކަމެވެ.
އެހެންކަމުން، އޭރުގެވެސް އަދި މިހާރުގެވެސް، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރެއްކަމުގައިވާ އަހުމަދު ތޯރިގް (ޓޮމް) މިމައްސަލާގައި މިއަދު މިވިދާޅުވަމުން ގެންދަވަނީ މިވާކަ ކަމުގައި ގަބޫލު ކުރެވެއެވެ. ޑރ. ޖަމީލް އޭރު ނާއިބު ރައީސްކަމުން ދުރުކުރެވުނީ، އެމަނިކްފާނަށް ރައީސް ޔާމިންގެ އިތުބާރު ގެއްލިގެންނެވެ.
މިއަދު ޑރ. ޖަމީލްއަކީ ރައީސް ޔާމިންގެ ގާނޫނީ ވަކީލްއެވެ. އެހެންނަމަވސް، އޭރު ނާއިބު ރައީސްކަމުން ދުރުކުރެވުމާއެކު، ރައީސް ޔާމިންގެ ވެރިކަމާ ދެކޮޅަށް ތެދުވެ، ކަރަޕްޝަނާއި، ވައްކަމާއި ފަސާދައިގެ ތުހުމަތު އެމަނިކްފާނުގެ އިސްތަށި ފުޅުގައި އަޅުވާ، އެންމެ ހަރު އަޑުން އެވާހަކަ ފުޅު ދައްކަވަމުން ގެންދެވީވެސް ޑރ. ޖަމީލްއެވެ.
ފެންނާން އޮތް ހަގީގަތަކީ، ރައީސް ޔާމިންގެ ވެރިކަމުގައި، ޖަލަށް ލެވުނު، ހަމަ އެމަނިކްފާނުގެ ކުރީގެ ނާއިބު ރައީސެއްކަމުގައިވާ އަހުމަދު އަދީބުވެސް، ރައީސް ޔާމިނަށް ނިސްބަތްކޮށް ކުރައްވާފައި ނުވާ، އެތަކެއް ތުހުމަތެއް، ދައްކަވާފައިނުވާ އެތަކެއް ވާހަކަފުޅެއް، ހަމަ އެމަނިކްފާނުގެ ކުރީގެ ނާއިބު ރައީސް ޑރ. ޖަމީލް ރައީސް ޔާމިންއާ ދެކޮޅަށް ދައްކަވާ އެތައް ހުއްޖަތެއް އެކަންކަމުގެ މައްޗަށް ގާއިމް ކުރައްވާފައި ވާކަމެވެ.
ކުރިމިނަލް ކޯޓުގައި ކުރިޔަށް ދިޔަ ރައީސް ޔާމިންގެ ޝަރީއަތުގައި، ރައީސް ޔާމީނާ އަހުމަދު އަދީބާ ދެބޭފުޅުންގެ ކުރިމަތިލުމުގެ ތެރެއިން، ރައީސް ޔާމިންގެ ފަރާތުން ލިބިވަޑައިގެންނެވިކަމަށް އަދީބު ދެކެވަޑައިގަންނަވާ އަނިޔާތަކަށް ރައީސް ޔާމީނަށް މާފްކުރައްވާފައިވާ ކަމަށްވެސް އަދީބު ވިދާޅުވެފައި ވެއެވެ.
އެހެންނަމަވެސް، ރައީސް ޔާމީންގެ ގާނޫނީ ވަކީލުކަން މިއަދު ކުރައްވަމުން ގެންދެވިނަމަވެސް، މިއަދާހަމައަށްވެސް، ކުރިން ލިބިވަޑައިގެންނެވި ކަމަށް ވިދާޅުވަމުން ގެންދެވި އަނިޔާތަކަށް ހިތް ޚަލާސްކުރެއްވި ކަމަކަށް ޑރ. ޖަމިލް ވިދާޅުވެފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.
ފާއިތުވެދިޔަ ކުރު މާޒީއަށް ނަޒަރެއް ހިންގާލާއިރު، ރައީސް ޔާމިން އެމަނިކްފާނަށް ކުރެއްވި އަނިޔާއަށް ކެތް ނުކުރެވިގެން ވީޓީވީގެ ލައިވް ޕްރޮގްރާމެއްގައި ޑރ. ޖަމީލު ކީރިތި ކުރައްވާފައިވެއެވެ. އަދި ކީރިތި ކުރެއްވުނުލެއް ބޮޑުކަމުން، ލައިވް ޕްރޮގްރާމްވެސް ކުޑަވަގުތުކޮޅަކަށް މެދުކަޑާލަންވެސް ޖެހުނުމެއެވެ.
އެހެންނަމަވެސ،ް ރައީސް ޔާމިންގެ ވެރިކަން ނިމިދިއުމާއެކު، ޑރ. ޖަމީލުގެ މައްޗަށް އޮތް ސިޔާސީ ބިރުވެރިކަން ނެތިގޮސް، ފުރިހަމަ މިނިވަނެއްގެ ގޮތުގައި އެބުރި ރާއްޖެ ވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމެވެ. ޖަލަށްވެސް ވަޑައިގަންނަވާކަށް ޖެހިވަޑައެއް ނުގެންނެވި އެވެ. އެމަނިކްފާނުގެ މައްޗަށް ދައުވާއެއްވެސް އުފުލިފައެއް ނުވެއެވެ.
އާދޭހެވެ. މިއަދު ޑރ. ޖަމީލަކީ ޕީޕީއެމްގެ އެޑްވައިޒަރެކެވެ. އެޑްވައިޒަރުގެ ހައިސިއްޔަތުން، ޕީޕީއެމްގެ އެންމެ ކުރީ ގޮޑިބަރިން ހުރިހާ ޖަލްސާއަކުންވެސް ޖާގަ ހޯއްދަވައެވެ. ކޮންމެ ޖަލްސާއެއްގައިވެސް ވާހަކަ ދައްކަވަން ފުރުސަތު ހޯއްދަވައެވެ. ބޭރުގެ ޑެލިގޭޓުންނާ ބައްދަލު ކުރައްވާނަމަ، އެންމެ ކުރީ ސަފުން ޖާގަ ހޯއްދަވައެވެ. މީޑިއާށް އަރުއްވާ، ޕީޕީއެމްގެ އޯނަރޝިޕް ނަންގަވައިގެން ވާހަކަފުޅު ދައްކަވައެވެ.
އެހެންނަމަވެސް، މިހުރިހާ ކަމެއްގެ މައްޗަށް، ޕީޕީއެމްގެ ލީޑަރޝިޕްގައި ތިއްބެވި ބައެއް ބޭފުޅުން ފާހަގަކުރައްވާ އެއްކަމެއް މިހާތަނަށް ފާހަގަ ކުރެވިފައި ވެއެވެ. ޕީޕީއެމް އެޑްވައިޒަރުގެ ހައިސިއްޔަތުން ރައީސް ވަހީދުވެސް ޕީޕީއެމްގެ ބައެއް މުޒާހިރާތަކުގައި ބައިވެރިވެ ވަޑައިގަންނަވަމުން ގެންދަވާއިރު، ޑރ. ޖަމީލް، ރައީސް ޔާމިން މިނިވަންކުރުމަށް ގޮވާލާ ކުރިޔަށްދާ މުޒާހިރާތަކަށް ނިކުމެ ވަޑައިގަންނަވަން ބޭނުންފުޅު ވެވަޑައި ނުގަންވާ ސަބަބުތަކެވެ. އެހެންނަމަވެސް، މުޒާހިރާތައް ފެށިގެން އައި ދުވަސްވަރު، ކޮންމެ މުޒާހިރާއެއްވެސް ނިމިދިއުމާއެކު، މުޒާހިރާގެ ކާމިޔާބީ ފާހަގަކޮށް، ސަރުކާރަށް އިންޒާރު ދިނުމަށް އެންމެ ފުރަތަމަ ޓުވީޓު ކުރައްވާ ބޭފުޅަކީ ޑރ. ޖަމީލްއެވެ.
އެހެންނަމަވެސް، މިބީދައިން ކުރައްވަމުން ގެންދެވި ޓުވީޓުތަކަށް ހުއްޓުމެއް އައީ، ސިޔާސީ އަމިއްލަ އެޖެންޑާއެއް ކުރިއަށް ނެރުއްވައިގެން ޑރ. ޖަމީލް މަސައްކަތް ކުރައްވަމުން ގެންދަވާކަމުގެ ތުހުމަތު ކުރައްވާ، ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އަދި ޕީއެންސީގެ ނާއިބު ރައީސް، ކުރީގެ އިކޮނޮމިކް މިނިސްޓްރަ މުހައްމަދު ސައީދު މިމައްސަލަ މެޑަމް ފާތުންގެ އަރިހަށް ގެންދެވި ހިސާބުންކަމުގައި، ޕީޕީއެމްގެ އިސް ބައެއް ބޭފުުން ވިދާޅުވެއެވެ.
ކޮންމެއަކަސް، ރައީސް ޔާމިންގެ ވެރިކަމުގައި، ނާއިބު ރައީސްކަމުން ވަކިކުރި ކުރުމުގެ އިންސާފު ހޯއްދެވުމަށް ކުރީގެ ނާއިބު ރައީސް ޑރ. ޖަމީލު މިއަދު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޕީޕީއެމްގެ އެތެރެއިން ފާޑު ކިއުން އަމާޒުވަމުން ދަނީ ސަބަބުތަކެއް އޮވެގެން ކަމުގައި ނޫނީ ދަންނަވަން ދައްޗެވެ. ސަބަބުތައް ބައިވަރެވެ.
މިއިންސާފު ޑރ. ޖަމީލަށް ލިބިވަޑައިގަންނަވާއިރު، އެއީ ހަގީގީ އިންސާފުކަމުގައި ވާނަމަ، އިންސާފު އަރާ ހަމަކުރަންޖެހޭ އެތައްބަޔަކު މިއަދު ޕީޕީއެމްގެ އިސް ސަފުގައި އެބަތިއްބެވިއެވެ. ރައީސް ޔާމީނުން ފެށިގެން ގޮސް، ޕީޕީއެމް މިހާރުގެ ޕީޖީ ގުރޫޕުގެ އެތަކެއް މެމްބަރުންނަކީ، ޑރ. ޖަމީލަށް ލިބިވަޑައިގެންނެވި ކަމަށް އެމަނިކުފާނުު ގަބޫލުކުރައްވާ މިއަނިޔާގެ ޒިންމާ އުފުއްލަވަން ޖެހިވަޑައިގަންނަވާނޭ ބޭފުޅުންނެވެ. މި މައްސަލަތަކުގައި ޑރ. ޖަމީލަށް އިންސާފު ލިބިވަޑައިގަންނަވާއިރު، މި ހުރިހާ ބޭފުޅުންނާވެސް އިންސާފު އަރާ ހަމަކުރަން އެބަޖެހެއެވެ. މި ނޫން އުސޫލަކުން، މިނޫން ހަމައަކުން، ރައީސް ޔާމީނުގެ ވެރިކަމުގައި ލިބިވަޑައިގެންނެވި އަނިޔާއަށް ޑރ. ޖަމީލު އިންސާފު ހޯއްދާއްވާނެ އިތުރު ހަމައެއް އުސޫލެއް އަދި ފެންނާން އޮތްކަމުގައި ދެންނެވޭކަށް ނެތެވެ.
ކޮންމެއަކަސް، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރެއްކަމުގައިވާ، އަހުމަދު ތޯރިގް، ޓޮމް ވިދާޅުވެފައިވަނީ، މުޅި މިމައްސަލާގެ ތަރުޖަމާކަމުގައި ދެންނެވެވިދާނެއެވެ.
ޓޮމް ވިދާޅުވެފައިވަނީ، "މިއީ ވަކީލަކު އޭނާގެ ކްލައިންޓެއްގެ ވަކީލްކަން ކުރަމުން އަދި އެޑްވައިސް ކުރާ ޕާޓީ ލީޑާޝިޕަށް އެޑްވައިސް ދެމުން އަދި އެ މީހުންނާ ދެކޮޅަށް ކޯޓަށް ދާ ދުނިޔޭގެ ފުރަތަމަ މައްސަލަ" ކަމުގައެވެ.
ތެދުފުޅެކެވެ. ރައީސް ޔާމިނުގެ ވެރިކަމުގައި އެމަނިކްފާނަށް އެތަކެއް އަނިޔާތަކެއް ލިބިވަޑައިގެންފައި ވާކަމަށް ޑރ. ޖަމީލް ދެކެވަޑައިގަންނަވާނަމަ، އިޚްލާސްތެރި ހިތަކާއެކީ، ރައީސް ޔާމީނަށް ވަކީލުކަން ކޮށްދެއްވާނެ ގޮތެއް އޮތްތޯ، މިއީވެސް ޖަވާބު ހޯދަން އުދަގޫ ސުވާލެކެވެ.
އެހެންނަމަވެސް، އެއްކޮޅުން، ރައީސް ޔާމިން ކުރެއްވި އަނިޔާތަކަށް އިންސާފު ހޯއްދެވުމަށް ނިކުމެވަޑައިގެން ހުންނަވާއިގެން، އަނެއްކޮޅުން، ރައީސް ޔާމީނަށް ވަކީލުކަން ކޮށްދެވަމުން ގެންދެވީމާ، ސިޔާސީގޮތުން ނެގެން އޮތް ފާއިދާއެއް ނަންގަވާ، ހުރިހާ ކޮޅަކުންވެސް މޮޅު ގޮތް ހޯއްދަވާ، ދަނޑިވަޅު ބަލާފަ ބަދަލު ހިފަންޖެހޭ ވަގުތު އެމަގަށްވެސް ހުރިހާ ދޮރެއް ހުޅުއްވައިގެން ހުންނެވުނީމާ، ޑރ. ޖަމީލަށް އޮތީ ހުރިހާ ގޮތަކުންވެސް މޮޅުގޮތް ކަމުގައި ނޫނީ އަދި ދެންނެވޭކަށް ނެތެވެ.
އެހެންނަމަވެސް، ޖަވާބު ނުލިބިވާ ހަގީގީ ސުވާލަކީ، ހެނދު ދަންފަޅީގައި ރައީސް ޔާމީނުގެ ދިފާއުގައި ވަކާލާތު ކުރައްވާފަ، މެންދުރު ދަންފަޅީގައި ހައްގު ހޯއްދެވުމަށް އެމަނިކްފާނާއި ޕީޕީއެމް ޕީޖީގެ މެމްބަރުންނާ ދެކޮޅަށް ދައުވާ އުފުއްލަވާފަ، ހަވީރު ދަންފަޅީގަ، ރުޅިދުރުވެ ހުންނަވާ އަނެކުންނާ ދިމާލަށް ހެއްދެވި ނެހެއްދެވިއަށް ގޮވާ ހެއްދެވީމަ، ހުރިހާ ގޮތަކުންވެސް މޮޅުގޮތް ހޯއްދެވުމުގައި މިގެންގުޅުއްވާ އުސޫލު ބަލައިގަންނާނީ ކިހާބައެއްތޯއެވެ.
One Response
ބައްލަވާ އެމް ޑީ ޕީ ގެ އެންމެ ގިނަ މަލާމަތް ރައްދު ވީ މައުމޫނު އެހުންނެވީ އެމީހުންގެ އުނގު ވަތުގަ…