ފުލުހުން ހިންގާ ތަހުގީގަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމިން ފުލުހުންގެ އިދާރާއަށް ހާޒިރު ކުރަން މިއަދު ހަމަޖެއްސި ނަމަވެސް، އެމަނިކުފާނު ހާޒިރުކުރުން ކެންސަލްކޮށްފި އެވެ.
ރައީސް ޔާމިން ފުލުހަށް ހާޒިރު ކުރަން ހަމަޖެހިފައި އޮތީ މިއަދު ހެނދުނު 9:00 އަށެވެ. އެހެންކަމުން މިއަދު އެގަޑިއަށް ފުލުހުންގެ މައި އިދާރާ ޝަހީދު ހުސައިން އާދަމް ބިލްޑިންގް ހިމެނޭ ސަރަހައްދު ބަންދު ވެސް ކުރިއެވެ. ނަމަވެސް ރައީސް ޔާމިން މިއަދު މާލެ ގެނައުން ކެންސަލް ކުރުމާއެކު އެސަރަހައްދުވެސް މިހާރު ވަނީ ހުޅުވާލާފައެވެ.
ރައީސް ޔާމީން ފުލުހަށް ހާޒިރުކުރުން ކެންސަލް ކުރި ސަބަބެއް އެއްވެސްފަރާތަކުން އަދި ހާމައެއް ނުކުރެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންގެ އިދާރާއަށް ހާޒިރު ކުރުމަށް ފަހު ޔާމީން މިއަދު ހަތަރު ގަޑިއިރަށް އެމަނިކުފާނުގެ ގެކޮޅަށް ގެންދާ ގޮތަށް ވެސް އޮތީ ހަމަޖެހިފައެވެ. އެއީ ތަހުގީގާ ގުޅޭ ބައެއް ބައެއް ކަންކަމުގައެވެ.
ރައީސް ޔާމީން އެންމެ ފަހުން ފުލުހުންގެ އިދާރާއަށް ހާޒިރު ކުރީ މި މަހުގެ ދެވަނަ ދުވަހު އެވެ. އެއީ އެމްއެމްޕީއާރްސީ މެދުވެރިކޮށް، ދޫކުރި ރަށެއްގެ މުއާމަލާތާ ގުޅޭ މައްސަލައެއްގެ ތަހުގީގުގެ ބަޔާނެއްގައި ސޮއިކުރުމަށް ކަމަށް ރައީސްޔާމިންގެ ވަކީލުންގެ ޓީމުން ވަނީ ބުނެފައެވެ. އެއީ އަދި ދައުވާކޮށްފައި ނުވާ މައްސަލައެކެވެ.
ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ކުށް ސާބިތުވެ އެމަނިކުފާނު ގެންދަވަނީ ފަސްއަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. މި ހުކުމް ކްރިމިނަލްކޯޓުން ކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. މިހުކުމް އިއްވާފައިވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ ކުރީގެ ރައީސް ޔާމިންގެ އެކައުންޓަށް ޖަމާކުރި މައްސަލާގައެވެ. އަދި އެސްއޯއެފުން ޖަމާކުރި މި ފައިސާ އޭސީސީއާއި އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެއްބަސްވެޑައިގަތުމަށްފަހު އެ ފައިސާ ވަނީ އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ކުރީގެ ރައީސް ޔާމީންގެ އަމިއްލަ އެކައުންޓަކަށް އޭސީސީއަށް ނޭގި ބަދަލުކުރައްވާފައެވެ. އަދި އެކަން އެގޮތަށް ކުރައްވާފައިވަނީ ފައިސާގެ އަސްލު އޮޅުވާލަންކަމަށް ޝަރީއަތަށް ވަނީ ސާބިތުވެފައެވެ.
ކޮމެންޓު ފޮނުވާ