ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ހިލާފުވީ 2,810 ފަރާތެއް ޖޫރިމަނާކޮށްފި

ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ހިލާފުވީ 2,810 ފަރާތެއް ޖޫރިމަނާކޮށްފި

Author
ޢަލީ އާދަމް
09 ފެބްރުއަރީ 2021 05:23
0

ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފެށުމާއެކު މިދިޔަ މަހުގެ 31 ވަނަދުވަހު ވަރުގަދަކުރި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ހިލާފުވީ 2،810 ފަރާތެއް މިހާތަނަށް ޖޫރިމަނާ ކޮށްފައި ވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން ޖަނަވަރީ 31 ވަނަ ދުވަހުންފެށިގެން އިއްޔެގެ ނިޔަލަށް މާސްކުނާޅާ އާންމު ތަންތާގައި އުޅުނު 1،551 މީހުން ވަނީ ޖޫރިމަނާ ކޮށްފައެވެ. އަދި ކާފިއުގެ ވަގުތު ކަމަށް ކަނޑައަޅާފައިވާ ރޭގަނޑު 23:00 އާއި ފަތިހު 04:00 އާ ދެމެދު ބޭރުގައި އުޅުނުނު 988 މީހަކުވެސް މި މުއްދަތުގެތެރޭގައި ފުލުހުން ވަނީ ޖޫރިމަނާ ކޮށްފައެވެ. މީގެ އިތުރުން އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑި ކަމަށްވާ ރޭގަނޑު 20:30 އާއި ފަތިހު 04:00 އާ ދެމެދު ދުއްވި 271 އެއްގަމު އުޅަނދު ވެސް ފުލުހުން ވަނީ ޖޫރިމަނާކޮށްފައެވެ.

އެޗްޕީއޭއިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ހިލާފުވާ ފަރާތްތައް ޖޫރިމަނާކުރަން ކަނޑައަޅާފައިވަނީ 1،000 ރުފިޔާއިންނެވެ. އަދި ފިޔަވަޅުތަކާ ހިލާފުވާ ފަރާތްތައް ޖޫރިމަނާކުރާނީ އެއްވެސް ނަސޭހަތެއް ދިނުމަކާއި ނުލާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ރާއްޖޭގައި ކޯވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައި ވާ ބައެއް ފިޔަވަޅު ތަކަކީ ޖަނަވަރީ 31 ވަނަ ދުވަހުންފެށިގެން 2 ހަފްތާއަށް އަޅާފައިވާ ފިޔަވަޅު ތަކެކެވެ. އެގޮތުން އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިއާއި ކާފިއު ގަޑި ކަނޑައަޅާފައި ވަނީ 14 ދުވަހަށެވެ. ނަމަވެސް 14 ދުވަހުގެ ހާލަތަށް ބަލައި މިމުއްދަތު އިތުރު ކުރަންޖެހޭނަމަ ކަނޑައެޅިފައިވާ އުސޫލުން އިތުރުކުރެވޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.