ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ލަސްކުރުމަށް ހުއްޖަތް ދެއްކުމަށްވުރެ ބޮޑަށް މިހާރު އިންތިޚާބު ބާއްވަން ނިންމާފައިވާ ތާރީޚަށް ބޭއްވުން މާ މުހިންމުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ އިންތިޚާބު ބޭއްވުމަށް އެޗްޕީއޭއިން އެކުލަވާލާ އާންމުކުރި ގައިޑްލައިނާއި އެއްގޮތަށް އިންތިޚާބު ބޭއްވުމަށް ގޮންޖެހުންތައް ހުރިކަމަށްބުނެ އިންތިޚާބު ފަސްކުރުމަށް މިހަފްތާގައި މަޖިލީހަށް ހުށައަޅާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ދަނޑިވަޅެއްގައެވެ.
އިންތިޚާބު ބޭއްވުމަށް އެންމެ ފަހުން އިއުލާންކޮށްފައިވަނީ އަންނަ އޭޕްރީލް މަހުގެ10 ވަނަ ދުވަހުއެވެ. ނަމަވެސް އެތާރީޚަށް އިންތިޚާބު ނުބޭއްވިދާނެކަމުގެ ބިރު ހީވެފައިވާއރު، އިދިކޮޅު ފަރާތްތަކުންވެސް އަންނަނީ އިންތިޚާބު ފަސްކުރާތީ އެކަމުގެ ކަނބޮޑުވުން ފާޅުކުރަމުންނެވެ.
އިންތިޚާބު ފަސްކުރަން ޖެހިދާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ކައުންސިލްތަކުގެ އިންތިޚާބު ލަސްކުރުމަށް ހުއްޖަތް ދެއްކުމަށްވުރެ އިންތިޚާބު ބޭއްވުމަށް ކަނޑައެޅި ތާރީޚުގައި ބޭއްވުމަށް އިންތިޒާމް ހަމަޖެއްސުން މާރަނގަޅުކަމަށެވެ.
ކައުންސިލްތަކުގެ އިންތިޚާބު ލަސްކުރުމަށް ސަބަބާއި ހުއްޖަތް ހޯއްދެވުމަށްވުރެ ބޮޑަށް އެދެވެނީ މިހާރު އޮތް ދުވަހަށް އެކަން ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް
– ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު
Council thakuge inthikhaab las kurumah sababaai hujjath hoadhevvumahvure bodah edhevenee mihaaru oiy dhuvahah ekan kureveyne inthizaameh hamajehsumah
— Mohamed Nasheed (@MohamedNasheed) February 6, 2021
އެޗް.ޕީ.އޭއިން ވަނީ ކޯވިޑް-19ގެ ޙާލަތުގައި ރައްކާތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކުރިއަށްގެންދިއުމުގައި ޢަމަލުކުރަންވީގޮތުގެ އުޞޫލު އެކުލަވާލައި މިހާރު އާއްމުކޮށްފައެވެ.
އެގައިޑްލައިންގައި ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ ފަރާތްތަކަށް އެހެން މީހުންނާ އެކުނުވާގޮތަށް ވަކި ވެހިކަލެއްގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ވޯޓުލުމުގެ ފުރުޞަތު ހޯދައިދިނުމަކީ އިލެކްޝަންސް ކޮމިޝަނުގެ ޒިންމާއެއްކަމަށެވެ. ނަމަވެސް އެއީ ޤާނޫނީ ގޮތުން އިލެކްޝަން ކޮމިޝަނަށް ކުރެވޭނެ ކަމެއްނޫންކަމަށް އެކޮމިޝަނުން ބުނެއެވެ. އަދި ވޯޓުލާން ރަޖިސްޓްރީކޮށްފައިވާ މީހަކު ޕޮޒިޓިވްވެ އެކަހެރިވާންޖެހުމުން އޭނާ ވޯޓުލާން ރަޖިސްޓްރީ ކުރިތަންނޫން ތަނެއްގައި ހުރިނަމަވެސް ގައިޑްލައިން ބުނާގޮތުން އޭނާއަށް ވޯޓުލެވެންޖެހެއެވެ. އަދި އެކަން އިލެކްޝަނުން ފަހި ކޮށްދޭންޖެހެއެވެ. ނަމަވެސް ޤާނޫނު ބުނާގޮތުން އެމީހަކު ވޯޓުލުމަށް ރަޖިސްޓްރީ ކުރާތަންނުނޫ ތަނެއްގައި ވޯޓުލުުމުގެ އިޚްތިޔާރެއް ނޯވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ އެޗްޕީއޭގެ ގައިޑްލައިންގައިހުރި ބޮޑެތި ކަންބޮޑުވުންތަކާއިއެކު މަޖިލީހަށް މިމައްސަލަ ހުށަހަޅައި މަޖިލީހުން މިކަމަށް ހައްލެއް ހޯދުމަށް ދެންނެވުމަށް ނިންމާފައެވެ. އަދި މަޖިލީހުން ވަކިގޮތެއް ނިންމުމާއި ހަމައަށް އިންތިޚާބުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށް އިލެކްޝަނުން ވަނީ ބުނެފައެވެ. ކައުންސިލް އިންތިޚާބު ބޭއްވުމަށްޓަކައި މިހާރުވަނީ ސިވިލްސާވިސްގެ ތެރެއިން އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުން ވަޒީފާއިން ސަސްޕެންޑު ވެސް ކޮށްފައެވެ. އިންތިޚާބު ބޭއްވުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުންދާއިރު، އިންތިޚާބު ކަނޑައެޅިފައިވާ ތާރީޚުގައި ބޭއްވިދާނެކަމާއިމެދު ވަނީ ޤާނޫނީ ބޮޑު ސުވާލެއް އުފެދިފައެވެ.
އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އިންތިޚާބު ބޭއްވުމަށް ބަޖެޓުގެ ދަތިކަން ހުރިކަންވެސް އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރައްވައެވެ.
ކޮމެންޓު ފޮނުވާ