ރާއްޖޭގައި ކޯވިޑް-19އަށް ވެކްސިން ޖަހާ މީހުންގެ ޢަދަދު އިތުރުވެފައިވާކަމަށާއި، ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް އަމަލުކުރާނަމަ މި ބަލިމަޑުކަމުން ވަރަށް އަވަހަށް އަރައިގަނެވޭނެކަމަށް ޤައުމީ ވެކްސިން ޕްރޮގްރާމްގެ ހެޑް އަދި އެޗްއީއޯސީގެ ތަރުޖަމާން ޑރ.ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވެއްޖެއެވެ.
ވެކްސިން ޖެހުމަށް ގޮސްތިބި ގިނަ ޢަދަދެއްގެ މީހުން ފެންނަ ފޮޓޯއަކާއެކު ޑރ.ނަޒްލާ ކުރެއްވި ޓްވޓެއްގައި ވިދާޅުވީ، ރާއްޖޭގައި ވެކްސިންގެ ފުރަތަމ ޑޯޒް ފުރިހަމަކުރާ މީހުންގެ ޢަދަދު އިތުރުވެފައިވާކަމަށެވެ. އެކަމުން އުއްމީދު އައު ވެއްޖެކަމަށާއި، ސިއްޙީ ރަނގަޅު އާދަތަކަށް އަމަލުކުރާނަމަ މި ބަލިމަޑުކަމުން އަރައިގަތުން އޮތީ ވަރަށް ކައިރީގައިކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ. ޑރ.ނަޒްލާ ވަނީ ވެކްސިން ޖެހުމަށް ހުރިހާ ފަރާތްތަކުންވެސް އެކަމަށް ޚާއްޞާ ޕޯޓަލްގައި my.health.mv ރަޖިސްޓްރީވުމަށް އިލްތިމާސްކުރައްވާފައެވެ.
It gives me hope seeing the growing number of people visiting vaccination centers and getting their first dose. If we all adhere to safe behaviours and support the vaccine program, the end of the pandemic isnt too far away Insha Allah.
Register now at https://t.co/zBNa7LiReM pic.twitter.com/9g3zd5GHYM
— Nazla Rafeeg (@nazla_r) February 5, 2021
ރާއްޖޭގައި މިހާރު ކޮންމެ ދުވަހަކު ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވެފައިވާއިރު، އެޗްޕީއޭއިން ވަނީ ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށްފައެވެ. އަދި ބަލިން ރައްކާތެރިވުމަށް ރާއްޖޭގައި މިހާރު ވަނީ ވެކްސިން ދޭން ފަށާފައެވެ. އެގޮތުން މިހާތަނަށް 4000 އަށްވުރެ ގިނަ މީހުން ވެކްސިން ޖަހާފައިވާއިރު، ބަލިން ރައްކާތެރިވުމަށް މިވަގުތު އޮތް ހަމައެކަނި ހައްލަކީ ވެކްސިން ޖެހުންކަމަށް ޑޮކްޓަރުން ދަނީ ވިދާޅުވަމުންނެވެ.
ރާއްޖޭގައި މިހާރު ކޯވިޑަށް ޕޮޒިޓިވްވެ ފަރުވާ ފެމުން އަންނަ މީހުންގެ ޢަދަދު ވަނީ 2000 އިން މައްޗަށް އަރާފައެވެ. އަދި ބަލި ޖެހުނު މީހުންގެ ޖުމްލަ ޢަދަދުވެސް ވަނީ 16،000 އިން މައްޗަށް އަރާފައެވެ.
ކޮމެންޓު ފޮނުވާ