އެމްޕީއެލްގެ ޙާދިސާއާއި ގުޅިގެން ބަޔަކު ސަސްޕެންޑުކޮށްފި

އެމްޕީއެލްގެ ޙާދިސާއާއި ގުޅިގެން ބަޔަކު ސަސްޕެންޑުކޮށްފި

Author
މުޙައްމަދު ޖިމީ
06 ފެބްރުއަރީ 2021 08:23
0

އެމްޕީއެލް ސަރަހައްދުގައި މަސައްކަތް ކުރަމުން ދިޔަ މީހެއްގެ ގައިމައްޗަށް ޓާފް ރޯލެއް ވެއްޓި، ސީރިއަސް އަނިޔާތަކެއްވުމާއި ގުޅިގެން، އެކަމުގައި ޒިންމާވާ ކުންފުންޏާއި، އެމްޕީއެލްގެ މުވައްޒަފުންތަކެއް ސަސްޕެންޑުކޮށްފިއެވެ.

މި މައްސަލައާއި ގުޅޭގޮތުން އެމްޕީއެލްއިން ނެރުނު ބަޔާނެއްގައިވަނީ، ސީރިއަސް އަނިޔާތަކެއް ވެފައިވަނީ "މިނާ އިންވެސްޓްމަންޓް" ކްލިއަރެންސް ގްރޫޕުގެ މަޖޫރީއަކަށްކަމަށާއި، އެ ހާދިސާއާއި ގުޅޭގޮތުން އެމްޕީއެލްގެ އެކްސިޑެންޓު އެންޑް އިންވެސްޓިގޭޝަން ކޮމިޓީން ތަހުގީގުފަށާފައިވާކަމަށެވެ.

އެމްޕީއެލް އިން ބުނީ ތަހުގީގުން ވަކި ގޮތެއް ކަނޑައަޅަންދެން މިނާ އިންވެސްޓްމަންޓް ގްރޫޕާއި، ހާދިސާއާ ގުޅުންހުރި އޮޕަރޭޝަންސްގައި މަސައްކަތްކުރި އެމްޕީއެލްގެ މުވައްޒަފުން ސަސްޕެންޑުކުރަން ނިންމާފައިވާކަމަށެވެ. އަދި އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް، ޒިންމާވާންޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެކަމަށް ވެސް އެމްއެލް އިން ބުންޏެވެ. މާލޭ ވިޔަފާރި ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާކުރުމަށް ގަވާއިދުތަކާ އުސޫލުތަކަށް ބަދަލުތަކެއް ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޕީއެލް އިން ބުންޏެވެ.

އެމް.ޕީ.އެލް ސަރަޙައްދުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހާގެ ހާލު ސީރިއަސްކަމުން އޭނާއަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައެވެ. ކާޕެޓް ރޯލެއް ވެއްޓި ހިނގި މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ މަޖޫރީއަކަށެވެ. މި ޙާދިސާ ހިނގާފައިވަނީ އިއްޔެ ރޭ މެންދަމު 2:15 ހާއިރުއެވެ.

މިދިޔަމަހުގެ 7ވަނަ ދުވަހު ބިއްލޫރި ޕެލެޓެއް ނެރުމުގެ ތެރޭގައި ހިނގި ހާދިސާގައިވެސް ޒުވާނަކު ވަނީ ނިޔާވެފައެވެ. މިހާދިސާއާ ގުޅިގެން ފަރުވާދެމުންދަނިކޮށް އުމުރުން 27 އަހަރުގެ އެ ޒުވާނާ ނިޔާވެފައިވަނީ މިދިޔަމަހުގެ 16 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.