ދެ މެޖިސްޓްރޭޓެއްގެ ސުލޫކީ މައްސަލަ ޖޭއެސްސީން ތަޙްޤީޤުކުރަނީ

ދެ މެޖިސްޓްރޭޓެއްގެ ސުލޫކީ މައްސަލަ ޖޭއެސްސީން ތަޙްޤީޤުކުރަނީ

Author
މުޙައްމަދު ޝަޒައިމް
13 އޮކްޓޯބަރ 2020 08:37
0

ސ.މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުޙައްމަދު ޠައްޔިބު އަދި ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަޙްމަދު އަކްރަމްގެ ސުލޫކީ މައްސަލައެއް ތަޙްޤީޤު ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީން ވިދާޅުވީ އެކޮމިޝަނުން މިމަހު ބޭއްވުނު ދެ ބައްދަލުވުމެއްގައި ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ސ.މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުޙައްމަދު ޠައްޔިބު އަދި ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަޙްމަދު އަކްރަމްގެ ސުލޫކީ މައްސަލަތައް ބެލުމަށް މައްސަލައަށް ގޮތެއް ނިންމާ ކޮމިޓީއިން ނިންމާފައިވާތީ، ކޮމިޝަނުން މި މައްސަލަތައް ތަޙްޤީޤު ކުރުމަށް، ތަޙްޤީޤު ކޮމިޓީ އެކުލަވާލާފައިވާކަމަށެވެ.

މީދޫ މެޖިސްޓްރޭޓް ތައްޔިބު އާއި ގުޅޭގޮތުން ޖޭއެސްސީން ތަޙުޤީޤު ކުރަމުންދަނީ ސ.މީދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ތުހުމަތުކުރެވޭ މީހާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ގެންދިއުމުން ސ.މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުޙައްމަދު ޠައްޔިބު، މި މައްސަލައިގައި ގޮތެއް ނިންމެވުމުގައި ޤާނޫނާ ޚިލާފަށް އަމަލުކުރައްވާފައިވާކަމަށް ބެލެވޭ މައްސަލަ އެވެ.

ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަޙްމަދު އަކްރަމް އާއި ގުޅޭގޮތުން ތަޙުޤީޤު ކުރަމުންދަނީ ޙުކުމް ކުރެއްވި މައްސަލައެއްގައި، ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ ރިޕޯޓް ދޫކުރިފަހުން އެ ރިޕޯޓަށް ބަދަލުގެނެސް ބައެއް ނުކުތާ އިތުރުކުރިކަމަށް ބުނާ މައްސަލައަކާއި، ކޯޓުގެ ދެ ޤަޟިއްޔާއެއް ބެލުމުން ތަނާޒުލްވެފައިވަނީ ހަޤީޤަތާ ޚިލާފު މައުލޫމާތެއް ހިއްސާކުރުމަށްފަހުކަމަށް ބެލެވޭ މައްސަލައެއްކަމަށް ޖޭއެސްސީން ވިދާޅުވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.