މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާގައި އިދިކޮޅު މަޖިލިސް މެމްބަރުން ބައިވެރިވަޑައި ނުގަންނަވައެވެ.
މަޖިލީހުގައި ރިޔާސީ ބަޔާން ކުރިއަށްދާއިރު، އިދިކޮޅު އެއްވެސް މެމްބަރަކު މަޖިލީހަށް ގޮސްފައިނުވެއެވެ. މަޖިލީހުގެ ޖަލްސާގައި ރައީސް ބަޔާން އިއްވާއިރު ނުރުހުން ފާޅުކޮށް އަޑު އުފުލަމުންދަނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުއެވެ. މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ އިއްވަވާ ރިޔާސީ ބަޔާނާއި ގުޅޭގޮތުން އިދިކޮޅު މެމްބަރުން ވަނީ ރޭގައިވެސް އެކި ޝުއޫރުތަކެއް ފާޅުކޮށްފައެވެ. ނަމަވެސް މަޖިލީސް ޖަލްސާ ބޮއިކޮޓް ކުރުމާއި ގުޅޭގޮތުން އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ރިޔާސީ ބަޔާން ވެގެންދާނީ ވެރިކަމާ ހަވާލުވެވަޑައިގެން އެމަނިކުފާނު ދެއްވި 3 ވަނަ ރިޔާސީ ބަޔާނަށެވެ.
ރިޔާސީ ބަޔާނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 84ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ އިއްވަވަންޖެހޭ ބަޔާނެކެވެ. ޤާނޫނު އަސާސީގެ 84ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަންވާނެކަމަށެވެ.
ކޮމެންޓު ފޮނުވާ