ތައިލެންޑުގައި 11 އަހަރުގެ ކުއްޖަކު ދުއްވި ޕިކަޕެއް ކޮންޓްރޯލް ނުވެ، 9 ހާމުދުރުން މަރުވެއްޖެ

ތައިލެންޑުގައި 11 އަހަރުގެ ކުއްޖަކު ދުއްވި ޕިކަޕެއް ކޮންޓްރޯލް ނުވެ، 9 ހާމުދުރުން މަރުވެއްޖެ

Author
އަހުމަދު
03 ޖުލައި 2026 10:09
0

ތައިލެންޑުގައި އުމުރުން އެންމެ 11 އަހަރުގެ ކުއްޖަކު ދުއްވި ޕިކަޕެއް ކޮންޓްރޯލް ނުވެގެން ގޮސް ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 9 ހާމުދުރުން މަރުވެއްޖެއެވެ.

ތައިލެންޑުގެ އުތުރު-އިރުމަތީގައި އޮންނަ މުކްދަހާން ޕްރޮވިންސުގައި އިއްޔެ ހިނގި މި ހިތާމަވެރި ހާދިސާގައި، ބާރު ދުވެލީގައި ދިޔަ ޕިކަޕް ގޮސް ވަދެފައިވަނީ މަގުމަތިން ހިނގާފައި ދިޔަ ބުޑިސްޓް ހާމުދުރުންގެ ޖަމާޢަތެއްގެ ތެރެއަށެވެ. މި ނުރައްކާތެރި އެކްސިޑެންޓުގައި ލިބުނު ބޮޑެތި އަނިޔާތަކުގެ ސަބަބުން 5 ހާމުދުރުން އެތަނުގައި މަރުވެފައިވާއިރު، އިތުރު ހަތަރު މީހުން މަރުވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ. މީގެ އިތުރުން 10 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިގެން މިހާރުވެސް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

ފުލުހުން މަޢުލޫމާތު ދޭގޮތުގައި، މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބަލިވެގެން ސްކޫލަށް ނުގޮސް ގޭގައި ހުރި 11 އަހަރުގެ ކުއްޖަކު، ގޭގައި ބޮޑު މީހަކު ނެތް ވަގުތެއްގައި މައިންބަފައިންނަށް ނޭނގި ޕިކަޕް ދުއްވަން ނުކުތުމުންނެވެ. ހާދިސާއަށްފަހު އެ ކުއްޖާއަށް ވަރަށް ބޮޑަށް ޝޮކް ޖެހިފައިވާއިރު، ތައިލެންޑުގެ ޤާނޫނު އޮންނަ ގޮތުން އުމުރުން 12 އަހަރު ނުފުރޭ ކުދިންގެ މައްޗަށް ޖިނާއީ ދަޢުވާއެއް ނުއުފުލޭނެތީ، އެ ކުއްޖާއަށް ޖިނާއީ ކުށުގެ އަދަބެއް ނުދެވޭނެއެވެ.

ތައިލެންޑަކީ ބުޑިޒަމްއަށް ވަރަށް ބޮޑަށް ތަބާވާ އަދި ހާމުދުރުންނަށް ނުހަނު ބޮޑު އިޙްތިރާމެއް ކުރާ ޤައުމެކެވެ. އާންމުގޮތެއްގައި ހެނދުނުގެ ވަގުތުތަކުގައި ހާމުދުރުން ޖަމާޢަތް ހަދައިގެން މަގުމަތިން ހިނގާފައި ދަނީ ދީނީ އަޅުކަމެއްގެ ގޮތުންނާއި އާންމުންގެ ފަރާތުން ހަދިޔާއާއި ކާބޯތަކެތި ހޯދުމަށެވެ. އެ ޤައުމުގެ ސަގާފަތާ ގުޅިފައިވާ މިފަދަ ހަރަކާތެއްގެ ތެރެއިން އެއްފަހަރާ ގިނަ އަދަދެއްގެ ހާމުދުރުން މަރުވުމަކީ މުޅި ތައިލެންޑަށް ލިބުނު ވަރަށް ބޮޑު ސިހުމަކާއި ހިތާމައެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.