ބަދަލު ތަކާއިއެކު މަރުކޮމިޝަންގެ ރައީސަކަށް ފަރީޝާ

ބަދަލު ތަކާއިއެކު މަރުކޮމިޝަންގެ ރައީސަކަށް ފަރީޝާ

Author
މުޙައްމަދު ޝަޒައިމް
03 ފެބްރުއަރީ 2021 08:46
0

ގެއްލިފައިވާ މީހުންނާއި، މަރާލެވިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އެކުލަވާލި ކޮމިޝަނަށް ބައެއް ބަދަލުތައް ގެނެސް ކޮމިޝަންގެ ރައީސަކަށް ގދ. ފަރެސްމާތޮޑާ ބަގީޗާގެ ފަރީޝާ އަބްދުﷲ ހަމަޖައްސަވައިފިއެވެ.

ރައީސްގެ ގަރާރުގައި ވިދާޅުވީ މަރުކޮމިޝަނުން ބަލަންޖެހޭ ކަންތައް ކަމަށް އާންމު ރައްޔިތުންނަށް ފެންނަ މައްސަލަތައް އެ ކޮމިޝަނަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައި، ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާ އަދި ކޮމިޝަނުން ބަލަން ނިންމާ މައްސަލަތައް ތަހުގީގު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ މަސްއޫލިއްޔަތު އެ ކޮމިޝަނާ މަތިކުރައްވާ ކަމަށެވެ.

އަދި އެ ކޮމިޝަނަކީ، ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކާ ގުޅިގެން ތަހުގީގީ އިދާރާތަކުން އަޅަންޖެހޭ ހުރިހާފިޔަވަޅުތައް އެޅުމަށާއި ޖިނާއީ މައްސަލަތައް ތަހުގީުކުރާ އިދާރާއަކަށް ލިބޭ ހިުރިހާ ބާރެއް ލިބޭ ކޮމިޝަނެއްގެ ގޮތުގައިވެސް ވަނީ ކަނޑައަޅުއްވައިފައެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކޮށް އިންސާފު ހޯދާދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. ވެރިކަމުގެ ފުރަތަމަ ދުވަހު ރައީސް ވަނީ ފަސް މެންބަރުންގެ މައްޗަށް ހިމެނޭ ކޮމިޝަނެއް އުފައްދަވާފައެވެ. މި ފަހުން އެ ކޮމިޝަންގައި ތިއްބެވީ ތިން މެންބަރުންނެވެ. އެއީ ފަރީޝާގެ އިތުރުން މިސްބާހް އައްބާސް އަދި އަހްމަދު ނާޝިދެވެ. ކޮމިޝަންގެ ރައީސަކަށް ހަމަޖެއްސެވި ހުސްނުއްސުއޫދު މިހާރު ހުންނެވީ ސުޕްރީމް ކޯޓްގެ ފަނޑިޔާރަކަށެވެ.

މަރުކޮމިޝަނުން ބައްލަވަމުން ގެންދަވާ މައްސަލަތކުގެ ތެރެއިން ނުވަ މައްސަލައެއްގެ ފައިނަލް ރިޕޯޓު މިހާރު އެކުލަވާލުމުގެ މަސައްކަތް ކުރަމުން ގެންދަވާ ކަމަށާއި އެ މަސައްކަތާއެކު ރައްޔިތުންނަށް އޮތް އިތުބާރު ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ސޯލިހް ކުރިން ވިދާޅުވިއެވެ.

މަރުކޮމިޝަން އެކުލަވާލީ 2012 ޖެނުއަރީ އެކަކުން ފެށިގެން 2018 ނޮވެމްބަރު 17ގެ ނިޔަލަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށެވެ. އަދި އެ މައްސަލަތަކުގެ ހަގީގަތް ހޯދާ އިންސާފު ގާއިމްކުރުމުގެ މަސައްކަތް ކުރުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.