ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބާއްވާ ޖަލްސާ މާދަމާ އޮންނާނެއެވެ. އެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރިޔާސީ ބަޔާން އިއްވަވާނެއެވެ. ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއް ކަމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.
މާދަމާ މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވާ ރިޔާސީ ބަޔާނަކީ ވެރިކަމާ ހަވާލުވެވަޑައިގެން އެމަނިކުފާނު ދެއްވާ ތިންވަނަ ރިޔާސީ ބަޔާނެވެ. ރިޔާސީ ބަޔާނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 84ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ އިއްވަވަންޖެހޭ ބަޔާނެކެވެ.
ޤާނޫނު އަސާސީގެ 84 ވަނަ މާއްދާފައި ބަޔާންކޮށްފައިވަނީ ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެމައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަވަންވާނެކަމަށެވެ.

މި ޖަލްސާގައި އޮންނާނީ ހަމައެކަނި، ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމެވެ. މަޖިލިސް މިއަހަރަށް ހުޅުވުމަށް ވާންޖެހޭ ތައްޔާރީތައް ވެ ނިމިފައިވާކަމަށް މަޖިލިސް އިދާރާއިން ވަނީ ބުނެފައެވެ. އަދި މަޖިލިސް އިމާރާތުގެ އާބާތުރަ ފިލުވުމާއި މަޖިލިސް ޒީނަތްތެރި ކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްވެސް މިހާރު ނިމިފައިވާކަމަށް އެ އިދާރާއިން ބުންޏެވެ.
ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ދައުވަތު އެރުވުނު ބޭފުޅުންގެ އަދަދު މަދުކުރަން ޖެހުމާއެކު، އެ ޖަލްސާއަށް މިހާރު ދައުވަތު އެރުވިފައިވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށާއި، ރާއްޖޭގައި ތިއްބަވާ ބޭރުގެ ދައުލަތްތަކުގެ ސަފީރުންނާއި ހައިކޮމިޝަނަރުންނަށް އެކަންޏެވެ. އެބޭފުޅުން ފިޔަވައި އެހެން ބޭފުޅުންނަށް އެރުވިފައިވާ ދައުވަތު މިހާރު ވަނީ ކެންސަލް ކޮށްފައެވެ. މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާއަށް ކޮންމެ އަހަރަކުވެސް މަޖިލީހުގެ މެމްބަރުންގެ އަނބިއަނބި ކަނބަލުންނާއި ފިރިކަލުންނަށް ދަޢުވަތު ދެއްވައެވެ.
ކޮމެންޓު ފޮނުވާ