ޕާޓީގެ %85 މެންބަރުން ބައިވެރިނުވާ އިންތިޚާބަކުން ހޮވާފައިވާ ލީޑަރޝިޕެއް ދިފާޢުކުރުމުގެ ގޮތުން ނޫސްވެރިންގެ އަގު ވައްޓާލުމަކީ ނާތަހުޒީބް އަމަލެއްކަމަށް ވިދާޅުވެ ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ ޝިފާޤް މުފީދު ފާޑުވިދާޅުވެއްޖެއެވެ.
އަދާލަތު ޕާޓީގެ ރައީސާއި، ނާއިބް ރައީސް ކަނޑައެޅުމަށް މިދިޔަ މަހުގެ 30 ވަނަ ދުވަހު ބޭއްވި އެޕާޓިގެ އެތެރޭގެ ރިޔާސީ އިންތިޚާބު ބާޠިލްކުރުމަށް ކޯޓަށް ހުށައެޅި މައްސަލައާއި ގުޅިގެން އަދާލަތު ޕާޓީން ވަނީ އެއީ ދޮގު ޚަބަރެއްކަމަށް ބުނެފައެވެ. އަދި އިންތިޚާބު ބާޠިލްކުރުމަށް ކޯޓަށް ހުށައަޅާފައި ނުވާކަމަށްވެސް އަދާލަތު ޕާޓީން ވަނީ ބުނެފައެވެ.
އަދާލަތުން އެހެން ބުންޏަސް އަދާލަތުގެ އިންތިޚާބުގެ މައްސަލަ ކޯޓަށް ހުށައަޅާފައިވާ މައްސަލައިގެ ކޯޓު އަމުރުގެ ފޮޓޯ ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
އަދާލަތު ޕާޓީން އެކަން ދޮގުކުރުމުން އެކަމަށް ރައްދު ދެއްވާ ޝިފާޤް މުފީދު (ހިސްޓޯ) ވިދާޅުވީ ޕާޓީގެ %85 މެންބަރުން ބައިވެރިނުވާ އިންތިޚާބަކުން ހޮވާފައިވާ ލީޑަރޝިޕެއް ދިފާޢުކުރުމުގެ ގޮތުން އަދާލަތު ޕާޓީން ނޫސްވެރިންގެ އަގުވައްޓާލައި ނޫސްވެރިންނާމެދު ރައްޔިތުންގެ ހިތްތަކުގައި ޝައްކާއިވަހުމް އުފެދޭފަދަ ބަޔާންތައްނެރުމަކީ ޑިމޮކްރަސީއާ ބީރައްޓެހި ނާތަހުޒީބު ޢަމަލެއްކަމަށެވެ.
ޕާޓީގެ%85މެންބަރުން ބައިވެރިނުވާ އިންތިޚާބަކުން ހޮވާފައިވާ ލީޑަރޝިޕެއް ދިފާޢުކުރުމުގެ ގޮތުން @AdhaalathOffice އިން ނޫސްވެރިންގެ އަގުވައްޓާލައި ނޫސްވެރިންނާމެދު ރައްޔިތުންގެ ހިތްތަކުގައި ޝައްކާއިވަހުމް އުފެދޭފަދަ ބަޔާންތައްނެރުމަކީ ޑިމޮކްރަސީއާ ބީރައްޓެހި ނާތަހުޒީބު ޢަމަލެއް https://t.co/HBEDXX0tzY
— Shifaq Mufeed/Histo (@ShifaqMufyd) February 2, 2021
އަދާލަތު ޕާޓިގެ ރިޔާސީ އިންތިޚާބު ބާޠިލްކުރުމަށް ސިވިލް ކޯޓަށް ހުށައެޅި މައްސަލާގައިވަނީ، މިދިޔަ މަހު ބޭއްވި އިންތިހާބު ބާތިލްކޮށް އިލްމުވެރިންގެ މަޖިލީހުގެ ބެލުމުގެ ދަށުން އާ އިންތިހާބެއް ބާއްވައިދިނުމަށް އެދިފައެވެ. އަދި އެޕާޓީގެ ކޮންގްރެސް ވަކި މުއްދަތެއްގައި ބާއްވައިދިނުމަށްވެސް އެދިފައިވެއެވެ. މި މައްސަލާގައި ޑިސްޕިއުޓް މަރުހަލާ އިއްޔެ ކުރިއަށް ގެންގޮސްފައިވާއިރު، ޑިސްޕިއުޓްއިން ނިމުނީ މައްސަލަ ޝަރީއަތަށް ގެންދާށެވެ.
އަދާލަތު ޕާޓިގެ ރިޔާސީ އިންތިޚާބުގެ މައްސަލައެއް ކޯޓަށް ވައްދާފައިވާއިރު، ފަހަކަށް އައިސް އެޕާޓީގެ ތެރޭގައި ޚިޔާލު ތަފާތުވުން އުފެދިފައިވާކަން ވަނީ ހާމަވެފައެވެ.
ޢަދާލަތު ޕާޓީއަކީ ރާއްޖޭގައި ސިޔާސީ ޕާޓީތައް ހެދުމުގެ ހުއްދަ ދޫކުރަން ފެށިފަހުން 3 ވަނަ އަށް އުފެދުނު ޕާޓީއެވެ. ޢަދާލަތު ޕާޓީ ރަޖިސްޓްރީކޮށްފައިވަނީ 18 އޯގަސްޓް 2005 ގައެވެ. އިލެކްޝަންސް ކޮމިޝަނުގެ ޕާޓީތަކުގެ ދަފްތަރު ދައްކާގޮތުން 30 ސެޕްޓެމްބަރ 2019 ގެ ނިޔަލަށް ޢަދާލަތު ޕާޓީގައި ތިބީ 6436 މެންބަރުންނެވެ.
ކޮމެންޓު ފޮނުވާ