‏ބަންދު ވާނީ މާލޭ ސަރަހައްދުގެ ޕްރީސްކޫލްތައް، އަތޮޅުތަކުގައި ކުރިއެކޭ އެއްގޮތަށް ކުރިއަށް ދާނެ

‏ބަންދު ވާނީ މާލޭ ސަރަހައްދުގެ ޕްރީސްކޫލްތައް، އަތޮޅުތަކުގައި ކުރިއެކޭ އެއްގޮތަށް ކުރިއަށް ދާނެ

Author
ޢަލީ އާދަމް
03 ފެބްރުއަރީ 2021 09:37
0

 

ކޯވިޑް-19ގެ ހާލަތު ރާއްޖޭގައި އިތުރަށް ގޯސްވަމުންދާތީ ވަރުގަދަކުރި ރައްކާތެރިމަކުގެ ފިޔަވަޅުތަކުގެ ތެރޭގައި، މާލެ ސަރަހައްދުގެ ޕްރީސްކޫލްތައް ބަންދު ކުރި ނަމަވެސް އަތޮޅުތަކުގެ ޕްރީ ސްކޫލްތައް ބަންދު ނުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަކިގޮތެއް އަންގަންދެން، މާލޭ ސަރަޙައްދު (މާލެއާއި ހުޅުމާލެއާއި ވިލިމާލެ) ގައި، ޕްރީ ސްކޫލުތަކާއި ނާސަރީ ކްލާސްތަކުގެ ދަރިވަރުން ސްކޫލަށް ހާޟިރުކޮށްގެން ކިޔަވައިދިނުން މެދުކަނޑާލުމަށް ނިންމާފައިވާކަމަށެވެ.

ނަމަވެސް ‏އަތޮޅުތެރޭގެ ޕްރީސްކޫލްތަކުގެ ކިޔެވުން ކުރިއެކޭ އެއްގޮތަށް ކުރިއަށް ދާނެ ކަމަށް އެ މިނިސްޓްރީން ހާމަކުރެ އެވެ.

ރާއްޖޭގައި ކޯވިޑްގެ ނުރައްކާތެރިކަން ބޮޑުވެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން ގިނަބަޔަކު ބުނަމުން ގެންދިޔައީ ސްކޫލްތަކުގެ ހުރިހާ ގްރޭޑެއްގެ ކިޔެވުން ބަންދުކުރަން ޖެހޭކަމަށެވެ. ނަމަވެސް ހުރިހާ ގްރޭޑަކަށް ސްކޫލްތައް ބަންދުކޮށްފިނަމަ އޭގެން ކުދިންނަށް ކުރާ ނޭދެވޭ އަސަރު މާ ބޮޑުވާނެކަމަށް ތަޢުލީމީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ.

ކޯވިޑްގެ ހާލަތަށް ބަލައި ރާއްޖޭގައި އަޅާ ފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށްފަހު އަލުން ފިޔަވަޅުތައް ވަރުގަދަކޮށްފައި ވާއިރު ޕްރީސްކޫލްތަކުގެ އިތުރުން ދެން މެދުކަނޑާލާފައި ވަނީ ކޮލެޖު އަދި ޔުނިވާސިޓީ ފަދަ ތަންތަނުގެ ދަރިވަރުން އެ އިދާރާތަކަށް ގޮސްގެން ކިޔަވާކިޔެވުމެވެ.

އެޗްޕީއޭ އިން ބުނީ ދެ ހަފުތާގެ މުއްދަތަކަށް ކޮލެޖު އަދި ޔުނިވާސިޓީ ފަދަ ތަންތަނުގެ ކިޔެވުން ކުރިއަށް ގެންދަން ވާނީ އޮންލައިންކޮށް ކަމަށެވެ. އެހެން ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ޕްރެކްޓިކަލް ހަރަކާތްތައް ބޭއްވޭނެ އެވެ.

މީގެ އިތުރުން ޕްރީ ސްކޫލްތަކާއި ޑޭކެއާ އަދި ނާސަރީތައް މުއްދަތެއް ނެތް ގޮތަށް ބަންދުކުރުމަށް އެޗްޕީއޭ އިން ވަނީ ކަނޑައަޅާފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.