ކ. ހިންމަފުށްޓާއި ގިލި ލަންކަންފުށި ރިސޯޓް ހިމެނޭ ފަޅު ތެރޭގައި އޮންނަ ފިނޮޅަކަށް ގެއްލުންދިނުމުގައި އިސްކޮށްހުރިކަމަށް ތުހުމަތު ކުރެވޭ އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރ ޑޭވިޑް ސްޓެޕެޓިކް މަގާމުން އިސްތިއުފާދީފި އެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭ ގިލި ލަންކަންފުށީގެ ޖެނެރަލް މެނޭޖަރ ޑޭވިޑް ސްޓެޕެޓިކްއާއި އެހެން މުވައްޒަފުންތަކެއް ފިނޮޅަށް އަރައި އެތަނުގައި ކޯރު ކަނޑައި އެތަން ނައްތާލަން އުޅުނު ކަމުގެ ތުހުމަތު ކުރެވުނު މައްސަލަ ކަމާގުޅުންހުރި އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފައި ވަނީ ހިންމަފުށީ ދުވާނުންނެވެ.
އެ މައްސަލަ ފުލުހުންނާއި އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގުޅިގެން ތަހުގީގު ކުރަމުންދާއިރު، ކޯޓުއަމުރެއްގެ ދަށުން ޑޭވިޑް ސްޓެޕެޓިކްގެ ޕާސްޕޯޓު ފުލުހުން ވަނީ ހިފަހައްޓާފަ އެވެ. އަދި މައްސަލައިގެ ތަހުގީގު ވަކިގޮތަކަށް ނިމެންދެން ޑޭވިޑް މަގާމުގެ ޒިންމާތަކުން އެކަހެރިކޮށްފައި ވާކަމަށް ރިސޯޓުން ވަނީ ބުނެފައެވެ.
ނަމަވެސް މަގާމުގެ ޒިންމާތަކުން އެކަހެރިކޮށްފައި ވަނިކޮށް ޑޭވިޑް ސްޓެޕެޓިކް މިހާރު ވަނީ މަގާމުން އިސްތިއުފާ ދީފައެވެ.

އެ ރިސޯޓުގެ ފަރާތުން މީގެކުރިން ބުނެފައި ވަނީ ފިނޮޅުގައި ހިނގީ ހިނގައިގެން ވާނެ ކަމެއް ނޫން ކަމަށެވެ. މިހާރު ފުލުހުންނާއި ކަމާބެހޭ ފަރާތްތަކުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު، މައްސަލައިގެ ތަހުގީގަށް ރިސޯޓުގެ ފަރާތުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެކަމަށް ރިސޯޓުން މީގެކުރިން ވަނީ ބުނެފައެވެ.
ހިންމަފުށީގެ ކައުންސިލާއި ޒުވާނުން ގަބޫލުކުރާގޮތުގައި ގިލިލަންކަންފުށި ރިސޯޓުން ފިނޮޅަށް ގެއްލުންދިނީ އެ ތަނަށް ރަށުން މީހުން ދަތުރު ގޮސް ހަދާތީ ރިސޯޓަށް އަންނަ ފަތުރުވެރިންނަށް އުނދަގުލާ ކުރިމަތިވާ ކަމަށް ބުނެއެވެ.
ކޮމެންޓު ފޮނުވާ