އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް (އައިލްސް) އިން އިންތިޒާމްކޮށްގެން ފުލުހުންގެ ކޮމިޝަންޑް އޮފިސަރުންނަށް ޕްރޮފެޝަނަލް ޑެވެލޮޕްމަންޓް ޕްރޮގްރާމެއް ފަށައިފިއެވެ.
މި ފެބްރުއަރީ މަހުގެ 1 ން 3 އަށް ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ފުލުހުންގެ ސްޓްރެޓީކް ޕްލޭންގައި ހިމެނޭ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކޮމިޝަންޑް އޮފިސަރުންގެ ތެރޭގައި ހިމެނޭ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ރޭންކުން ފެށިގެން އިންސްޕެކްޓަރ އޮފް ޕޮލިސް ރޭންކުގައި މަސައްކަތްކުރާ އޮފިސަރުންގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކުރުމާއި ކަމާ ގުޅުންހުރި މައުލޫމާތުތައް ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ތެރެއިން ސޮފްޓް ސްކިލްސް އާއި ލީޑަރޝިޕް އެންޑް މެނޭޖްމަންޓާއި ކޮރަޕްޝަން އެންޑް އިންޓަގްރިޓީ މެނޭޖްމަންޓް އާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމުގައި 37 ކޮމިޝަންޑް އޮފިސަރުން ބައިވެރިވެފައިވާއިރު، މި ޕްރޮގްރާމުގެ ގެސްޓް ލެއްކްޗަރާއިންނަކީ އަޙްމަދު ފަޔާޒް ހަސަން އާއި އަޙްމަދު ފަޔާޒް އާއި މުޙައްމަދު ޒައީމްއެވެ.
މި ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އައިލްސްގެ އެކްޒެކެޓިވް ޑިރެކްޓަރ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަހްމަދު ޢަބްދުލް ރަޙުމާން އާއި ޕޮލިސް އެކަޑަމީގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝަމީމް އާއި އައިލްސްގެ އެކި ފެކަލްޓީގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.
ކޮމެންޓު ފޮނުވާ