ކޯވިޑް-19ގެ ފްރަންޓްލައިންގައި ހަރަކާތްތެރިވި ސިފައިންނަށް އެލަވެންސު ފައިސާ ހަމަޖައްސަވައިފި

ކޯވިޑް-19ގެ ފްރަންޓްލައިންގައި ހަރަކާތްތެރިވި ސިފައިންނަށް އެލަވެންސު ފައިސާ ހަމަޖައްސަވައިފި

Author
މުޙައްމަދު ޝަޒައިމް
02 ފެބްރުއަރީ 2021 09:30
0

ކޯވިޑް-19 ގައި ފްރަންޓު ލައިންގައި މަސައްކަތް ކުރެއްވި ސިފައިންނަށް އެލަވަންސު ފައިސާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ހަމަޖައްސަވައި ދެއްވައިފިއެވެ.

ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ސިފައިންގެ ހަފްތާ މަޖައްލާ "އައްޑަނަ" އަށް ދެއްވި ޚާއްސަ އިންޓަރވިއުގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން މިހާރު ވަނީ، ކޯވިޑް-19 އާ ދެކޮޅަށް "ފްރަންޓްލައިނަރސް"ގެ ގޮތުގައި މަސައްކަތްކުރާ ސިފައިންނަށް އެލަވަންސް ފައިސާ ހަމަޖައްސަވައިދެއްވާފައިކަމަށެވެ.

ކޯވިޑް-19 އާ ދެކޮޅަށް ސަރުކާރުން ހިންގަވާ އޮޕަރޭޝަންތަކުގެ އެންމެ ކުރީ ސަފުގައިވެސް، ދިވެހި ސިފައިންދަނީ، ކަމާބެހޭ އެހެން އިދާރާތަކާއެކު، އެއްވެސް ފަސްޖެހުމެއް އަދި ވަރުބަލިކަމެއްނެތި، ރެއާއި ދުވާލު، ޙަރަކާތްތެރިވަމުންދާކަމީ އުފަލާއިއެކު ބަލައިގަންނަ ކަމެއްކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ކޯވިޑް އެލަވެންސް ފައިސާއާ ބެހޭ ކަންކަމާމެދު ގޮތެއް ނިންމުމަށް، އޮންނަ އުޞޫލުގެ ތެރެއިން، ސިފައިންގެ ލަފާދޭ މަޖިލީހަށް ހުށަހެޅުމުން، އެމަޖިލީހުންވަނީ، އެކަމަށް ޚާއްޞަ ކޮމިޓީއެއް އެކުލަވާލައްވާފައިވާކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ، ވައިސް ޗީފް އޮފް ޑިފެންސް ފޯރސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، ކޮމަޑާންޓް ސަރވިސް ކޯރ ބްރިގޭޑިއަރ ޖެނެރަލް ޙާމިދު ޝަފީޤް، ކޮމާންޑަރ ނޮދަން އޭރިއާ ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ޝަރީފް، ކޮމާންޑަރ ސަދަން އޭރިޔާ ކާނަލް އިބްރާހީމް ރަޝީދު، އެޖުޓަންޓް ޖެނެރަލް ކާނަލް މުޙައްމަދު އިބްރާހީމް، ކޮމާންޑަރ މާލެ އޭރިއާ ކާނަލް އަޙްމަދު ޣިޔާސް، ކޮމާންޑަރ ސެންޓްރަލް އޭރިއާ ކާނަލް އިބްރާހީމް ޙިލްމީ އަދި ކޮމަޑާންޑް ކޯސްޓްގާޑް ކާނަލް މުޙައްމަދު ސަލީމެވެ.

މިކޮމިޓީއަށް މިނިސްޓަރ މާރިޔާގެ ލަފަޔަށް އެދުމުން ދަންނަވާފައިވަނީ ސިފައިންގެ ޚިޔާލާއި މަޝްވަރާ ހިމެނޭހެން، މުޅި އަސްކަރިއްޔާއަށް އެންމެ ފައިދާހުރި ގޮތަށް އަދި ހުރިހާ ސިފައިންގެ މަޞްލަޙަތަށް ވިސްނަވައިގެން، އިންސާފުވެރިކަމާއެކު، ދެފުށްފެންނަ ގޮތެއްގައި، އެލަވަންސް ފައިސާޔާ ގުޅޭ އެންމެހާ ކަންކަން ކުރިއަށްގެންދެވުމަށެވެ.

މިނިސްޓަރ ވިދާޅުވީ ދިވެހި އަސްކަރިއްޔާގެ ސިފައިންނަކީ ދިވެހިރާއްޖެއަށް ދިމާވާ ޤުދުރަތީ ކާރިސާތަކާއި އަލިފާނުގެ ހާދިސާތަކާއި ކަނޑުމަތީގެ ހާދިސާތަކާއި އެނޫންވެސް ނުރައްކާތެރި ބޮޑެތި ހާދިސާތަކުގައި، ރައްޔިތުންގެ ފުރާނަޔާއި މުދާ ސަލާމަތްކުރުމުގައި، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން އިސްވެ ޙަރަކާތްތެރިވުމަށް، ސިފައިންގެ ޤާނޫނުން މަތިކޮށްފައިވާ ބައެއްކަމަށެވެ.

ޤައުމާއި ރައްޔިތުން، އެހީގެ އަތަކަށް އެދޭ ކޮންމެ ފަހަރަކު، "ފަރސްޓް ރެސްޕޮންޑަރސް"ގެ ގޮތުގައި، "ފްރަންޓްލައިން"ގައި ހުޝިޔާރުކަމާއެކު، ސިފައިން ކުރާ މަސައްކަތް އެންމެން ބަލައިގަންނަނީ ނުހަނު އުފަލާއި ޝުކުރާ އެކީގައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.