މިއީ އެޗްޕީއޭއާއި ހެލްތު މިނިސްޓްރީގެ އިޖުރާތު އުފައްދަންވީ ވަގުތެއްނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކޯވިޑް-19 ވެކްސިން އާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން ދައްކަވަމުންދާ ވާހަތަކާއި ގުޅިގެން މަޖިލިސް ރައީސް، މުހައްމަދު ނަޝީދު ވިދާޅުވީ ކޯވިޑް-19 އިން ރައްކާތެރިވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާ މިދަނޑިވަޅުގައި މިނިސްޓްރީގެ މަސައްކަތްތަކާއި، އެޗްޕީއޭގެ މަސައްކަތްތަކާއި ގުޅޭގޮތުން ސުވާލު އުފައްދައި އިތުބާރު ގެއްލުވާލަން މަސައްކަތް ކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއްކަމަށެވެ.
މަޖިލިސް ރައީސް ވިދާޅުވީ ކޯވިޑަށް ވެކްސިނެއް ލިބި ރާއްޖެއަށް ވެކްސިން ގެނެސް، ވެކްސިން ޖަހަމުންދާ މިވަގުތުގައި ހުރިހާ ރައްޔިތުންވެސް ވެކްސިން ޖެހުމަކީ ވަރަށް މުހިންމު ކަމެއްކަމަށާއި، މިއީ ކޯވިޑުން ރައްކާތެރިވުމަށް އޮތް އެންމެ ހަރުދަނާ ފިޔަވަޅުކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ. ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް އަނެއްކާވެސް ބަންދުކޮށް، ސްކޫލުތަކާއި، އެނޫންވެސް އަސާސީ ޚިދުމަތްދޭ ތަންތަން ބަންދު ކުރުމަކީ އޮތް ހައްލެއް ނޫންކަމަށާއި، އެމަގަށް ރާއްޖެ ދިއުމަކީ ދެން ވަރަށް ދަތިވާނެކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަނެއްކާ ސްކޫލުތައް ބަންދުކޮށް، ބޯޑަރުތައް ބަންދު ކުރުމަކީ އެންމެ ބުއްދިވެރި ގޮތެއްނޫން. އަވަހަށް ވެކްސިން ޖަހައި ކޯވިޑް ކޮންޓްރޯ ކުރުން އަވަހަށް ބޭނުންތެރި. މިއީ އެޗްޕީއޭއާއި ހެލްތު މިނިސްޓްރީގެ އިޖުރާތު އުފައްދަންވީ ވަގުތެއްނޫން. ބުއްދި ބަހައްޓަވާ.
– ރައީސް ނަޝީދު ވިދާޅުވިއެވެ.
ކޯވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެއިން އިއްޔެ ވެކްސިން ޖަހަން ފަށާފައިރު، ދައުލަތު ތިންބާރުވެ ވެރިން ވަނީ ވެކްސިން ޖައްސަވާފައެވެ. ވެކްސިނާއިއެކު ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުންދާއިރު، ޒިންމާދާރު ނޫންގޮތުގައި ވެކްސިންގެ ވާހަކަ ނުދެއްކުމަށް ކަމާއި ގުޅުންހުރި ފަރާތްތަކުންވެސް ދަނީ އިލްތިމާސް ކުރަމުންނެވެ. ކޯވިޑް-19 އިން ރައްކާތެރިވުމަށް ކޯވިޑް ވެކެސިން ދޭން ފެށި ފުރަތަމަ ދުވަހު 282 މީހަކަށް ވެކްސިން ދީފައިވާކަމަށް ހެލެތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ ހާމަކޮށްފައެވެ.
ވެކްސިން ޕްރޮގްރާމް ފަށްޓަވައިދެއްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް މިއަދު ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ރައްޔިތުން ފާއިތުވެދިޔަ 11 މަސްދުވަހުގެ ތެރޭގައި ވަރަށް ހިންދަތި ދުވަސްތަކެއް ހޭދަކޮށްފައިވާކަމަށެވެ. ނަމަވެސް ޞިއްޚީ ދާއިރާގެ ބޭފުޅުންގެ އިރުޝާދާއި މަޝްވަރާގެ މަތީން ރާއްޖޭގައި އަޅަމުންދިޔަ ފިޔަވަޅުތަކާއިއެކު ބޮޑެތި ކާމިޔާބީތަކެއް ހޯދިފައިވާކަމަށެވެ. އެމަނިކުފާނު ވަނީ ރާއްޖޭގެ ޞިއްޚީ މަސައްކަތްތެރި ކުރެއްވި މަސައްކަތަށް އިޚުލާސްތެރިކަމާއިއެކު ޝުކުރު ދަންނަވާފައެވެ.
ކޮމެންޓު ފޮނުވާ