ކޯވިޑް ވެކްސިނާއި ގުޅޭ ދޮގު މައުލޫމާތު ފަތުރާނަމަ ފިޔަވަޅު އަޅާނަން: ބްރޯޑްކޮމް

ކޯވިޑް ވެކްސިނާއި ގުޅޭ ދޮގު މައުލޫމާތު ފަތުރާނަމަ ފިޔަވަޅު އަޅާނަން: ބްރޯޑްކޮމް

Author
މުޙައްމަދު ޝަޒައިމް
02 ފެބްރުއަރީ 2021 08:42
0

ކޯވިޑް-19 ގެ ބަލިމަޑު ކަމުން އަރައިގަތުމަށްޓަކައި ކަމާއިބެހޭ އިދާރާތަކުން ބޭނުން ކުރަމުންދާ ކޯވިޑް-19 ވެކްސިނާއި ގުޅޭގޮތުން ހަގީގަތާއި ޚިލާފު ދޮގު މައުލޫމާތު ފަތުރާނަމަ އެމީޑިޔާއަކާއިމެދު އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފިއެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މުޅި ދުނިޔެއަށް ދިމާވެފައިވާ ކޯވިޑް-19 ގެ ނުރައްކާތެރި ބަލިމަޑުކަމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ދިވެހިރާއްޖޭގައި ކޯވިޑް -19 ވެކްސިން ޖަހަން ފެށުމާ ގުޅިގެން، އެކަމާ ގުޅޭ މަޢުލޫމާތު ބްރޯޑްކާސްޓްކުރުމުގައި ޢާންމުންގެ މެދުގައި ހާސްކަމާއި ނުތަނަވަސްކަން އުފެދޭ ގޮތަށް ސާބިތު ނުހިފޭ މަޢުލޫމާތު ގެނެސްދިނުމުން އެއްކިބާވުމަށާއި، މިކަމާ ގުޅޭ ކޮންޓެންޓް ގެނެސްދިނުމުގައި ޒިންމާދާރު ނޫސްވެރިކަން ކުރިއަށް ނެރުމަށް އިލްތިމާސްކުރާކަމަށެވެ.

ކޯވިޑް-19 ވެކްސިންއާ ގުޅޭ ގޮތުން މަޢުލޫމާތު ގެނެސްދިނުމާއި މަޢުލޫމާތު ފޯރުކޮށްދިނުމުގައި ޚާއްސަ ސަމާލުކަމެއް ދޭންވީ ކަންތައްތައް:

• ބްރޯޑްކާސްޓަރުން ގެނެސްދޭ މަޢުލޫމާތަކީ ކަމާ ބެހޭ އިދާރާތަކުން މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމަށް ފަހު (ވެރިފައިކޮށްފައި) ގެނެސްދޭ މަޢުލޫމާތަކަށް ވުން.

• މަޢުލޫމާތު ގެނެސްދިނުމުގައި ސިއްޙީ ދާއިރާގެ މާހިރުންނާއި ފަންނީ ބޭފުޅުންގެ ބައިވެރިވުމާއި ލަފާގެ މަތިން
ގެނެސްދިނުން.

• ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް ކޯވިޑް-19 ވެކްސިންއާ ގުޅޭ މަޢުލޫމާތު ނުފެތުރުން.

ބްރޯޑްކާސްޓަރުން ގެނެސްދޭ ކޯވިޑް-19 ވެކްސިންގެ ޚަބަރާއި މަޢުލޫމާތު މި ކޮމިޝަނުން ވަރަށް ގާތުން މޮނިޓަރކުރަމުން ގެންދާނެކަމާއި، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް (ސުލޫކީ މިންގަނޑު) އާ ޚިލާފަށް ކޮންޓެންޓް ގެނެސްދޭ ނަމަ ބްރޯޑްކާސްޓަރުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެކޮމިޝަނުން ބުނެއެވެ.

ކޯވިޑް-19 ވެކްސިންއާ ގުޅޭ މަޢުލޫމާތުތައް ވީހާވެސް އަވަހަށް، ފަސޭހަކަމާއި ހަމަހަމަކަމާއެކު ހުރިހާ ބްރޯޑްކާސްޓަރުންނަށް ފޯރުކޮށްދިނުމަށް ކަމާ ބެހޭ އިދާރާތަކަށް ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.