އަނިޔާވެރި ވެރިންނަށް ނޫނެކޭ ބުނުމަކީ ރައްޔިތުންގެ ޙައްޤެއް: ކުރީގެ އުއްތަމަ ފަނޑިޔާރު

އަނިޔާވެރި ވެރިންނަށް ނޫނެކޭ ބުނުމަކީ ރައްޔިތުންގެ ޙައްޤެއް: ކުރީގެ އުއްތަމަ ފަނޑިޔާރު

Author
މުޙައްމަދު ޖިމީ
01 ފެބްރުއަރީ 2021 05:17
0

އަނިޔާވެރި ވެރިންނަށް ނޫނެކޭ ބުނުމަކީ އަބަދުވެސް ރައްޔިތުންގެ ޙައްޤެއްކަމަށް ވިދާޅުވެ، ކުރީގެ އުއްތަމަ ފަނޑިޔާ އަޙްމަދު އަބްދުﷲ ދީދީ، ރައީސް މުޙައްމަދު ނަޝީދަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ބަރުމާގެ އަސްކަރިއްޔާ އިން އެގައުމުގެ ލީޑަރު އަން ސަން ސޫކީ ހައްޔަރުކޮޮށް ހިންގަމުންދާ ކަންކަމަށް އިޝާރާތްކުރައްވާ ކުރީގެ ރައިސް މުޙައްމަދު ނަޝީދު ވަނީ އެޤައުމުގައި ހިންގަމުންދަނީ ރާއްޖޭގައި 2012 ވަނަ އަހަރު ހިންގިފަދަ ބަޣާވާތެއް ކަމަށް ވިދާޅުވެފައެވެ. އެކަމާއި ގުޅިގެން ޑރ.މުހައްމަދު ވަޙީދު ޙަސަން މަނިކު ވަނީ އެއީ މިޔަންމާގެ މިލިޓްރީ އިންގިލާބާ ފެބްރުއަރީ 7ގެ ރިޔާސީ އިސްތިއުފާޔާ އެއްވަރު ކުރުމަކީ ދިވެހި ލޮބުވެތި ސިފައިންނަށް ގޯނާކުރުންކަމަށް ވިދާޅުވެފައެވެ.

ރައީސް ވަޙީދުގެ ވާހަކަފުޅާއި ގުޅިގެން ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީވެސް ވަނީ ރައީސް ނަޝީދަށް ރައްދު ދެއްވާފައެވެ. އެގޮތުން މަފްހޫމުތައް އޮޅުވަނީ ރައްޔިތުންނަށް އޮޅުވާލައި ބިރުދައްކަންކަމަށް ވިދާޅުވިއެވެ.

މުސްތަބިއްދު ވެރިންނަށް ނޫނެކޭ ބުނުމަކީ އަބަދުވެސް ރައްޔިތުންގެ ޙައްޤެއް!

– ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ

ރައީސް ޑރ.ވަޙީދުގެ ވާހަކަފުޅަށް ތާޢީދުކުރައްވަމުން ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީވެސް ވަނީ ސިފައިންގެ އިސްތަށިފުޅުގައި ބަދުނާމް އަޅުވައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅު ތަޙުޤީޤްކުރުމަށް ގޮވާލައްވާފައެވެ.

ވަރަށް ބޮޑު ތެދެއް! ދިވެހި ސިފައިންގެ އިސްތަށިފުޅުގައި އެވަރު ބޮޑު ބަދުނާމެއް އަޅުއްވަން އެދުވަހު އިސްތިއުފާ ދެއްވި ރައީސް މުޙައްމަދު ނަޝީދު އެދައްކަވާ ވާހަކަފުޅުތަޙުޤީޤުކޮށް ބަލަންޖެހޭ! އަދި މަނިކުފާނު ކުރެއްވި ވެރިކަން ޞައްޙަނޫންކަމަށް ބުނާ މައްސަލައަށް ޝަރުޢީ ޙުކުމެއް ބޭނުންވޭ!

– ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ

 

 

7 ފެބްރުއަރީ 2012 ވަނަ ވެރިކަން ބަދަލުވެފައިވާ ގޮތާއި ގުޅޭގޮތުން އެކުލަވާލި ކޯނީ ރިޕޯޓުން ހާމަވެފައިވަނީ ވެރިކަމުން ރައީސް ނަޝީދު އިސްތިއުފާ ދެއްވާފައިވަނީ އެއްވެސް މަޖުބޫރުކަމެއްނެތި އަމިއްލަ އިހުތިޔާރުގައިކަމަށެވެ. ރައީސް ނަޝީދު ވަނީ ވެރިކަމުން 7 ފެބްރުއަރީ 2012 ގައި އިސްތިއުފާ ދެއްވައި ޖެހިގެން އައި 8 ފެބުއަރީގައި ގިނަ އަދަދެއްގެ ބަޔަކާއިއެކު ރާއްޖޭގެ އެތައް މުވައްސަސާއެއްގައި ހުޅުހައި އަންދާލާފައެވެ. ރައީށް ނަޝީދުގެ ވެރިކަން ބަދަލުވުމާއި ގުޅިގެން އެމްޑީޕީއާއި ރައީސް ނޝީދުވެސް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނ 2012 ގައި ވެރިކަން ބަަދަލުކުރީ ބަޣާވާތަކުންކަމަށް ވިދާޅުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.