ކޮވިޝީލްޑް ވެކްސިންގެ އިތުރުން އެހެނިހެން ކޯވިޑް ވެކްސިންވެސް ރާއްޖެ ގެންނާނެކަމަށާއި، އޭގެތެރޭގައި ފައިޒާގެ ވެކްސިންވެސް ރާއްޖެ ގެންނާނެކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ކޯވިޑް-19ގެ ވެކްސިން ދޭން ފެށުމާއެކު، ވެކްސިން ޖެއްސެވުމަށްފަހު މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވީ، ރާއްޖެއަށް ވެކްސިން ގެންނާނީ ބައިތަކަކަށް ބަހާލައިގެންކަމަށާއެވެ. އެގޮތުން ކުރިޔަށް އޮތް 2 މަސް ދުވަހުގެ ތެރޭގައި އެސްޓްރާޒެނެކާގެ ވެކްސިންގެ ގިނަ ޑޯޒްތަކެއް ރާއްޖެއަށް ލިބެން ފަށާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.އަދި ފައިޒާ-ބަޔޯއެންޓެކް އިން ތައްޔާރުކުރި ވެކްސިނާއި، ޑަބްލިއުއެޗްއޯގެ ވެކްސިންވެސް ރާއްޖެ ގެންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކުރިޔަށް މިއޮތްތަނުގައި އަޅުގަނޑުމެން ރާއްޖެތެރޭގެ ހުރިހާ ރަށެއްގައިވެސް މި ޕްރޮގްރާމް ހިންގާނަން. ހެލްތް ފެސިލިޓީސްތައް ބޭނުންކޮށްގެން މިކަން ކުރާނީ. ދެން މިކަންތައް ރާވައި ހިންގުމުގައި ވަކި ސެކްޝަންއެއް އޮންނާނެ. އެ ސެކްޝަންއިން ރާވާ ގޮތައް ގެންދާނީ. އުންމީދުކުރަން ވަރަށް އަވަސް ފުރުސަތެއްގެ ތެރޭގައި އަޅުގަނޑުމެން ބޭނުންވާ ޓާގެޓް އެއީ ދުވާލަކަށް 10 ހާސް މީހުން ވެކްސިނޭޓް ކުރެވޭނެ މަގުފަހިވުން. އެއީ އަޅުގަނޑުމެންގެ އުންމީދަކީ.
– ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް

ހެލްތު މިނިސްޓަރ ވަނީ ރާއްޖޭގައި ޖަހަން ފަށާފައިވާ ކޮވިޝީލްޑް ވެކްސިނަކީ ހަދަންޖެހޭ ހުރިހާ ދިރާސާތައް ހެދުމަށްފަހު ޖަހަންފަަށާފައިވާ ވެކްސިންއެއްކަމުގެ ޔަގީންކަން ދެއްވާފައެވެ. ރާއްޖޭގައި ޖަހާ ވެކްސިނަކީ އިންޑިއާ ސަރުކާރުން ރާއްޖެ ހަދިޔާކުރެއްވި އޮކްސްފޯޑު ވެކްސިނެވެ. އިންޑިއާގެ ސެރަމް އިންސްޓިޓިއުޓުން ގެނައި މިވެކްސިނަކީ، އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީގެ ސައިންސްވެރިންނާއި ސިންގަޕޫރުގެ އެކްސްޓްރާޒެނަކާއިން ތައްޔާރުކޮށްފައިވާ ވެކްސިނެކެވެ. ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތުދެއްވާ ގޮތުގައި ރާއްޖެ ގެނައި ވެކްސިން، ރާއްޖޭގެ އާބާދީގެ 50 ހާސް މީހުންނަށް ޖެހޭނެއެވެ. ރާއްޖެއަށް ގެނައި ވެކްސިނުގެ 100000 ޑޯޒަކީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ވެކްސިން ޑޯޒްތަކެކެވެ.
ކޮމެންޓު ފޮނުވާ