ކޯވިޑް-19ގެ ވެކްސިން ޕްރޮގުރާމު ފެށުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވެކްސިން ޖައްސަވައިފިއެވެ.
ވެކްސިން ޖެހުމުގެ ކުރިން ރައީސް ޞާލިހުވެސް ވަނީ ވެކްސިންގެ މައުލޫމާތު ލިބިގަނެ އާންމު އުސޫލުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރައްވާފައެވެ. ވެކްސިން ނިންމަވާ ލެއްވުމަށްފަހު ވެކްސިން ޖަހާތާ 15 މިނިޓް ވަންދެއް އެސަރަހައްދުގައި މަޑުކުރަން ޖެހެއެވެ. މިއަދުގެ ރަސްމިއްޔާތުގައި ރައީސް ޞާލިހާއި، އެމަނިކުފާނުގެ ކެބިނެޓްގެ ވަޒީރުންނާއި، ދައުލަތުގެ އިސްބޭފުޅުންވެސް ވަނީ ބައިވެރިވެފައެވެ.

ދައުލަތުގެ އިސްބޭފުޅުންގެ ތެރެއިން މިއަދު ވެކްސިން ޖެއްސެވި ބޭފުޅުންގެ ތެރޭގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދާއި، ދައުލަތުގެ ވަޒީރުންނާއި، ޞިއްޚީ ޚިދުމަތްތެރިންނާއި، ސިފައިންނާއި، ފުލުހުންނާއި، ސަރުކާރުގެ އިސްވެރިންވެސް ހިމެނެއެވެ.
ވެކްސިން ޖަހާ މަރުކަޒުތައް:
– އައިޖީއެމްއެޗް
– އޭޑީކޭ
– ހުޅުމާލެ ހޮސްޕިޓަލް
– ވިލިމާލެ ހޮސްޕިޓަލް
– ސެނެހިޔާ
– ކުޅުދުށްފުށީ ރީޖަނަލް ހޮސްޕިޓަލް
– އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް
ކޯވިޑް-19އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށްޓަކައި މިހާތަނަށް 20،000 ވުރެ ގިނަ މީހުން ވަނީ ރަޖިސްޓްރީކޮށްފައެވެ.ކޯވިޑް-19ގެ ވެކްސިން ޖެހުމަށް ރަޖިސްޓްރީ ކުރުމަށް ތައްޔާރުކޮށްފައިވާ ޚާއްސަ ޕޯޓަލްއަކީ my.health.mv އެވެ. ކޯވިޑްގެ ވެކްސިނަށް ރަޖީސްޓްރީކުރާ ޕޯޓަލްގައި ފުރަތަމަ ރަޖިސްޓްރީ ކުރުމަށް ހުޅުވާލާފައިވަނީ ސިއްޙީ ޚިދުމަތްތެރިންނަށާއި ސޯޝަލް ކެއަރ ވޯކަރުންނަށެވެ.
އެޗްޕީއޭއިން ވަނީ ރާއްޖޭގައި ކޯވިޑް-19ގެ ވެކްސިން ޖެހުމަކީ މަޖުބޫރުކަމެއް ނޫންކަން ހާމަކުރައްވާފައެވެ. ނަމަވެސް ވެކްސިން ޖެހުމުގެ ސަބަބުން ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް އިތުރު އެހީއަކަށްވާނެކަމަށާ، ގިނަ ބަޔަކު މި ވެކްސިން ޖަހައިފިނަމަ އާއްމު ޙާލަތަށް ރުޖޫއަވުން އަވަސްވާނެކަން އެއެޖެންސީން ވަނީ ފާހަގަކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ