އުދުހުން މަނާކުރިތާ 22 މަސްދުވަސް ފަހުން ބޮއިން ކުންފުނީގެ 737 މެކްސް މަރުކާގެ ފްލީޓް އަލުން ޔޫރަޕްގައި އުދުހުމުގެ ހުއްދަ ދަ ޔޫރަޕިއަން ޔޫނިއަން އޭވިއޭޝަން ސޭފްޓީ އޭޖެންސީ (Easa) އިން ބުނެފިއެވެ.
އީސާއިން ބޮއިން ކުންފުނީގެ 737 މެކްސް މަރުކާގެ ފްލައިޓްތައް ޔޫރަޕްގައި އުދުހުން މަނާކުރީ، އެމަރުގާގެ ދެ ފްލައިޓެއް ގާތްގާތުގައި ވެއްޓި، 346 މީހުން މަރުވުމާ ގުޅިގެންނެވެ.
މިމަރުކާގެ ފްލައިޓްތައް އެމެރިކާގައި އުދުހުމުގެ ހުއްދަ ފާއިތުވެދިޔަ އަހަރުގެ ނޮވެމްބަރު މަހު ދީފައިވާއިރު، ދާދިަފހުން ބްރެޒިންލްއިންވެސް ވަނީ ފްލައިޓްތަކަށް އުދުހުމުގެ ހުއްދަ ދޫކޮށްފައެވެ.
އެހެންނަމަވެސް، އެމެރިކާގެ ވޮޝިންގޓަން ސްޓޭޓުގެ ސީޓްލް ސިޓީގައި ހުންނަ ބޮއިން 737 ޕްލާންޓްގެ ކުރީގެ ސީނިއަރ މެނޭޖަރަކު ވަނީ، މި މަރުކާގެ ފްލައިޓްތަކަށް އުދުހުމުގެ ހުއްދަތައް ދޫކޮށްފައިވަނީ މާއަވަހަށް ކަމަށްބުނެ ނުރައްކަލުގެ އިންޒާރު ދީފައެވެ. އޭނާ ބުނެފައިވާގޮތުގައި، މިމަރުކާގެ ބޯޓުތަކުގެ ކަރަންޓުގެ މައްސަލަތަކާއި އަދި އުފެއްދުމުގެ ފެންވަރާ ގުޅޭ އިތުރު ތަހުގީގުތައް ކުރަންޖެހޭނެއެވެ.
އެހެންނަަމަވެސް، އެމެރިކާ އަދި އަދި ޔޫރަޕްގެ އުދުހުމުގެ ފެންވަރު ވަޒަންކުރާ އިދާރާތަކުން ބުނެފައިވަނީ، އެއިދާރާތަކުންވަނީ މިބޯޓުތައް ވަރަށްރަގަޅަށް ބަލާ ފެންވަރު ވަޒަން ކޮށްފައި ވާކަމަށާއި އަދި މިހާރު މިމަރުކާގެ ހުރިހާ ބޯޓެއްވެސް އުދުހުމުގައި ނުރައްކަލެއް ނެތްކަމުގައެވެ.
"އަހަރުމެންނަށް ފުރުހަމަ ޔަގީންކަން އެބައޮތް، މި ބޯޓުތައް އުދުހުހުމުގައި އެއްވެސް މައްސަލައެއް ނެތްކަމުގެ، އަދި އެއީ ހުއްދަ ދޫކުރުމުގެ އެންމެ މުހިންމު ޝަރުތު،" އީސާގެ އެގްޒެކެޓިވް ޑައިރެކްޓަރ ޕެޓްރިކް ކީ ވިދާޅުވެފައި ވެއެވެ.
"އެހެންނަމަވެސް، 737 މެކްސްގެ ބޯޓުތައް އުދުހެން ފެށުމާއެކު، މިބޯޓުތައް ވަރަށް ގާތުން ބަލަމުން ގެންދާނަން،" އޭނާ އިތުރަށް ވިދާޅުވެފައި ވެއެވެ. "ހަމައެއާއެކު، އަހަރުމެންގެ އެދުމަށް، ބޮއިން ކުންފުނިން ވަނީ، ރައްކާތެރިކަން އިތުރު ކުރުމަށްޓަކާ، ބޯޓުތަކުގެ ފެންވަރު މަތިކުރުމަށް އިތުރަށް މަސައްކަތް ކޮށްދިނުމަށްވެސް އެއްބަސްވެފަ."
ދަ ޔޫރަޕިއަން ޔޫނިއަން އޭވިއޭޝަން ސޭފްޓީ އޭޖެންސީ، އީސާއަކީ، އިގިރޭސިވިލާތ ފިޔަވާ، މައިގަޑުކޮށް ޔޫރަޕްގެ 31 ގައުމު ތަމްސީލުކުރާ އޭޖެންސީއެކެވެ. އިގިރޭސިވިލާތް މިމަހު ޔޫރަޕްގެ އިއްތިހާދުން ވަކިވެފައިވުމާއެކު، އެ އޭޖެންސީގެ އިހުތިސާސްގެ ތެރޭގައި މިހާރު އިގިރޭސިވިލާތެއް ނުހިމެނެއެވެ.
ބެލެވޭ ގޮތުގައި، 737 މެކްސްއަށް އުދުހުމުގެ ހުއްދަ ވަރަށް އަވަހަށް އިގިރޭސިވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީންވެސް ދޫކުރާނެއެވެ.
އެމެރިކާގެ ބޮއިންގ ކުންފުނީގެ އެންމެ ގިނައިން ވިކެމުން އައި މަތިންދާ ބޯޓު ކަމުގައިވާ ބޮއިން 737 މެކްސް އުދުހުން މަނާކުރީ 2019 ވަނަ އަހަރު މާރޗް މަހުގައެވެ. މި ބޯޓު އުދުހުން އެމެރިކާގެ އޭވިއޭޝަން އެޑްމިނިސްޓްރޭޝަން އިން މަނާކުރީ، މި މަރުކާގެ 2 ބޯޓެއް ވެއްޓި މި ދެބޯޓުންވެސް ދަތުރުކުރި 346 މީހުން މަރުވުމާއި ގުޅިގެންނެވެ.
މި މަރުކާގެ ދެ ބޯޓު ވޭތުވެދިޔަ އަހަރު ގާތްގާތުގައި ވެއްޓުމާއިގުޅިގެން ހިންގުނު ތަހުގީގުން އެގުނު ގޮތުގައި، ބޯޓުތައް ވެއްޓިފައިވަނީ، ބޯޓުތައް އުދުހެމުންދާއިރު، އާދަޔާ ޚިލާފަށް ބާރު ސްޕީޑުގައި މައްޗަށް އަރައިގެން ގޮސް "ސްޓޯލް" (ކުރިޔަށް ނުގޮސް ހުއްޓުން އެރުން) ވުމުން ސަލާމަތް ކުރުމަށްޓަކާ މަސައްކަތް ކުރަންޖެހޭ އޮޓޮމެޓިކް ފީޗާއެއް ރަގަޅަށް މަސައްކަތް ނުކުރުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.
ބޮއިންގ ކުންފުނިން ހާމަކުރާ ގޮތުގައި 737 މެކްސް މަރުކާގެ ބޯޓުތައް އަލުން އުދުހުމުގެ ހުއްދަ ހޯދުމަށް ހޭދަވި މުއްދަތު ކުރިން ހީކުރި ވަރަށްވުރެ އާދަޔާޚިލާފަށް ދިގުލައިގެން ގޮސްފައި ވެއެވެ. ނަތީޖާއެއްގެ ގޮތުން އެކުންފުންޏަށް 20 ބިލިޔަން އެމެރިކާ ޑޮލަރުގެ ގެއްލުމެއް ލިބިފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފައި ވެއެވެ. އަދި މިމުއްދަތުގައި، އެކުންފުންޏަށް ލިބޭނެ ކަމަށް އަންދާޒާކުރެވޭ އޯޑަރުތައް ހިސާބުކުރުމުން މިއީ ކުންފުނީގެ ތާރީޚުގައި ކުންފުންޏަށް ކުރިމަތި ވެގެންދާނެ އެންމެ ބޮޑު ގެއްލުމަށް ވެގެންދާކަމަށް ވެސް ބޮއިންގ ކުންފުނިން ހާމަކުރެއެވެ.
ބޮއިން ކުންފުނީގެ 737 މެކްސް މަރުކާގެ ބޯޓުތައް ވެއްޓުމުގެ ހާދިސާތަކުގައި މަރުވެދިޔަ މީހުންގެ އާއިލާތަކުން އަދިވެސް ގެންދަނީ އުދުހުމުގައި މިބޯޓުތައް ބޭނުންކުރުމަށް ދެކޮޅު ހަދަމުންނެވެ.