އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް އިއުލާން ކޮށްފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ކެންޑިޑޭޓުން ނަން ނެގިޔަސް، އަލުން ކުރިމަތިލުމަށް ހުޅުވާ ނުލާނެކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އިލެކްޝަން ކޮމިޝަނުން އިއްޔެ ބޭވި ޤައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ޤާނޫނު އޮތް ގޮތުން އިންތިޚާބުގައި ކުރިމަތިލާފައިވާ ކެންޑިޑޭޓުން ނަން ނެގިޔަސް އެ މަޤާމުތަކަށް ފުރުސަތު ހުޅުވާލެވެން ނެތްކަމަށެވެ. މިހާތަނަށް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން 100 ކެންޑިޑޭޓަކު ވަނީ ނަންނާފަައެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން 60 އަށްވުރެ ގިނަ ކެންޑިޑޭޓުން ވަނީ ނަން ނަގާފައެވެ.
ޝަރީފް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަ ކުރަންޖެހެނީ 982 ކެންޑިޑޭޓުން ކަމަށެވެ. މި މަޤާމުތަކަށް އެމްޑީޕީން 875 ކެންޑިޑޭޓުން ކުރިމަތިލާފައިވާއިރު، ޕީޕީއެމް އިން 678 ކެންޑިޑޭޓުންވާދަކުރާކަމަށާއި، އަދި އެހެންނިހެން ޕާޓީތަކުން 150 އެއްހާ ކެންޑިޑޭޓުންނާއި، އަމިއްލަ ގޮތުން 681 ކެންޑިޑޭޓުން ކުރިމަތިލާކަމަށެވެ. ޝަރީފް ވިދާޅުވީ މީގެ ތެރެއިން 100 ކެންޑިޑޭޓުން ނަން ނެގުމަކީ ގިނަ އަދެއް ނޫންކަމަށެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މި އިންތިހާބުގައި 930 ކެންޑިޑޭޓަކު އިންތިޚާބު ކުރަންޖެހޭއިރު މި މަޤާމުތަކަށް އެމްޑީޕީގެ 718 ކެންޑިޑޭޓުންނާއި، ޕީޕީއެމްގެ 515 ކެންޑިޑޭޓުންނާއި، އެހެނިހެން ޕާޓީޓަކުން 80 ވަރަކަށް ކެންޑިޑޭޓުންގެ އިތުރުން މިނިވަންކޮށް ވާދަކުރާ 417 ކެންޑިޑޭޓުން ވާދަކުރެއެވެ. މީގެ ތެރެއިން އެމްޑީޕީގެ 40 ކެންޑިޑޭޓަކާއި، ޕީޕީއެމްގެ 3 ކެންޑިޑޭޓަކާއި، މިނިވަން 20 ކެންޑިޑޭޓަކުން ނަން ނަގާފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.
ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ނަން އަބުރާ ނެގޭނެ އެންމެ ފަހުގެ ތާރީހު ހުކުރު ދުވަހު އިއުލާން ކުރާނެކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ. އިލެކްޝަންސް ކޮމިޝަނުން މިހާރު ނިންމާފައި އޮތީ، ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އޭޕްރިލްމަހުގެ 10 ވަނަދުވަހު ބޭއްވުމަށެވެ. އަދި އިންތިޙާބުގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހުން ފެށިގެން ފަށާނެކަމަށް އެކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.
އިންތިޚާބުގެ މަސައްކަތް ކުރަން ފަށާފައިވާއިރު، އިންތިޚާބު އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންގެ ތެރެއިން ބާއްވަން95 މިލިޔަން ރުފިޔާ ބޭނުންވާކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. އިންތިޚާބު ބޭއްވުމަށް ޤާނޫނީ ގިނަ މަސައްލަތަކެއް ހުރިއިރު އިންތިޚާބު މި ތާރީހުގައި ބޭއްވުމަކީ ވަރަށް ދުރު ކަމެއްކަމަށް ގިނަ ބަޔަކު ދެކެއެވެ.
ކޮމެންޓު ފޮނުވާ