އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަން ނިމިދުމާއެކު، ޓްރަމްޕްގެ ދައުރުގައި އޭނާގެ ސަރުކާރުގެ އިސްމަގާމްތަކުގައި ތިއްބެވި 28 އިސް އޮފިޝަލެއްގެ މައްޗަށް ޗައިނާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ. މީގެތެރޭގައި، ނިމިދިޔަ ދައުރުގައި އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓްކަން ކުރެއްވި މައިކް ޕޮމްޕެއޯވެސް ހިމެނި ވަޑައިގަންނަވައެވެ.
ޗައިނާއިން ބުނެފައިވަނީ، މި އޮފިޝަލުންގެ މައްޗަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވަނީ، މި ފަރާތްތަކުން ޗައިނާގެ އަމިއްލަ މަސްލަހަތާއި ގުޅުން ހުރި ކަންކަމާ ބެހި، އެގައުމުގެ އެތެރޭގެ ކަންކަމަށް ބާރު ފޯރުވަން މަސައްކަތް ކޮށްފައި ވާތީއެވެ.
ޓްރަމްޕްގެ ދައުރުގެ އިސް އޮފިޝަލުންތަކެއްގެ މައްޗަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅިކަން ހާމަކޮށް، ޗައިނާގެ ފޮރިންގ މިނިސްޓްރީން ބަޔާނެއް ނެރެފައި މިވަނީ، ބުދަ ދުވަހު އެމެރިކާގެ ރައީސްކަމުގެ ހުވާ ޖޯ ބައިޑްން ކުރެއްވުމާއެކުއެވެ.
ޓްރަމްޕްގެ ދައުރުގައި ޗައިނާއާއި އެމެރިކާގެ ގުޅުންވަނީ، މިއިން ޒަމާނަކުވެސް ގޯސްވެގެން ނުދާވަރަށް ގޯސްވެފައެވެ.
ޗައިނާގެ ފޮރިންގ މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ވާގޮތުން، އެގައުމުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އޮފިޝަލުންގެ ތެރޭގައި، ކުރީގެ ސެކެޓްރީ އޮފް ސްޓޭޓުގެ އިތުރުން، ޓްރަމްޕްގެ ޓްރޭޑް އެޑްވައިޒަރ ޕީޓަރ ނަވަރޯ އާއި، ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ރޮބަރޓް އޯބްރިއެން އާއި އެސިސްޓެންޓް ސެކެޓްރީ ފޯރ އީސްޓް އޭޝިއަން އެންޑް ޕެސިފިކް އެފެއާޒް ޑޭވިޑް ސްޓިލްވެލް އާއި، ހެލްތު ސެކެޓްރީ އެލެކްސް އާޒަރާއި އަދި ޓްރަމްޕްގެ ދައުރުގައި ޔޫއެންއަށް ކަޑައަޅުއްވާފައި ހުންނެވި ކެލީ ކްރާފްޓްވެސް ހިމެނެއެވެ.
ބޭޖިންގއިން ވަނީ ޓްރަމްޕްގެ ކުރީގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ޖޯން ބޯލްޓަންއަށާއި އަދި ކުރީގެ އެޑްވައިޒަރ ސްޓެފަން ބެނަންއަށްވެސް ދަތިކުުރުމުގެ ފިޔަވަޅު އަޅާފައެވެ.
ޗައިނާގެ ފޮރިންގ މިނިސްޓްރީން ބުނެފައިވަނީ، އެގައުމުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ޓްރަމްޕްގެ ސަރުކާރުގެ އިސް އޮފިޝަލުންނަކީ، އަމިއްލަ ސިޔާސީ މަސްލަހަތުގައި މަސައްކަތް ކުރި، އަދި އެމީހުންގެ ހިތްތަކުގައި ޗައިނާއާއިމެދު އޮތް ޒާދީ ހަސަދައިގެ ނަތީޖާއެއްގެ ގޮތުން ދެގައުމުގެ ރައްޔިތުންނަށްވެސް އޭގެ ސަބަބުން އެއްވެސް ފައިދާ ކޮށްފައިނުވާ ފަރާތްތަކެވެ.
"މި ފަރާތްތަކާއި، މިފަރާތްތަކުގެ އާއިލާގެ އެއްވެސް މީހަކު، ޗައިނާއަށާއި، ހޮންގކޮންގ އަދި މަކާއޯއަށް އެތެރެވުމަކީ މަނާކަމެއް" ފޮރިންގ މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
"މި ފަރާތްތަކާ ގުޅުންހުރި ފަރާތްތަކާ، މަސައްކަތް ކުރާ ކުންފުނިތަކުންވެސް ޗައިނާއާއެކު ވިޔަފާރި ކުރުމަކީ މަނާކަމެއް،" މި ބަޔާނުގައި އިތުރަށް ބުނެފައި ވެއެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީގެ ބަޔާން ނެރުނުތާ ކުޑައިރު ކޮޅެއްގެ ތެރޭގައި، ޓްރަމްޕްގެ ކުރީގެ ނޭޝަނަލް އެޑްވައިޒަރު ޖޯން ބޯލްޓޮން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، "ހުވާ ކުރުމުގެ ދުވަހު މި ލިބުނީ ވަރަށް ރަގަޅު ޚަބަރެއް! އެމެރިކާގެ މިނިވަންކަމަށްޓަކާ އަހަރެން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިލިބުނު ހަދިޔާ އުފަލާއެކު ބަލައިގަންނަން."

ޗައިނާގެ މި ނިންމުމަށްފަހު، އަލަށް ހުވާ ކުރެއްވި ރައީސް ބައިޑްންގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްއިން ބުނެފައިވަނީ، މިއީ، "އެއްވެސް ފައިދާއެއް ނެތް، އަމިއްލަ މަސްލަހަތަށް އެކަނި ބަރޯސާކޮށް" އަދި "ބއިަބައިވުން އުފެއްދުމުގެ މަގުސަދުގައި" އަޅާފައިވާ ދަތިކުރުމުގެފިޔަވަޅު ތަކެއް ކަމުގައެވެ.
"ހުރިހާ ޕާޓީއަކަށް ނިސްބަތްވާ އެމެރިކާގެ ރައްޔިތުންވެސް ތާކުންތާކު ނުޖެހޭ މިނިންމުމާ ދެކޮޅު ހަދަންވާނެ. ރައީސް ބައިޑްން ބޭނުންފުޅު ވަނީ، ހުރިހާ ފަރާތްތަކާއެކީ މަޝްވަރާ ކޮށްގެން، ފާލުން ނެއްޓިފައިވާ ޗާނާ އެމެރިކާގެ ގުޅުން އަލުން ހަމަޔަކަށް އަޅުވަން،" ސެކިއުރިޓީ ކައުންސިލް ތަރުޖަމާން އެމިލީ ހޯން ވިދާޅުވެފައި ވެއެވެ.
ކޮމެންޓު ފޮނުވާ