ދަތި ޙާލަތުން އަރައިގަތުމަށް ކާމިޔާބުވަމުންދަނީ ރައީސްގެ ޙިކުމަތްތެރި ފިޔަވަޅުތަކުން: ޢިމްރާން

ދަތި ޙާލަތުން އަރައިގަތުމަށް ކާމިޔާބުވަމުންދަނީ ރައީސްގެ ޙިކުމަތްތެރި ފިޔަވަޅުތަކުން: ޢިމްރާން

Author
މުޙައްމަދު ޖިމީ
21 ޖެނުއަރީ 2021 07:54
0

ކޯވިޑް-19އާއި ގުޅިގެން ކުރިމަތިވި ދަތިތަކުން އަރައިގަތުމުގެ މަސައްކަތް ކާމިޔާބުވަމުންދަނީ ރައީސުލްޖުމްހޫރިއްޔާގެ ހިކުމަތްތެރި ފިޔަވަޅުތަކުގެ ސަބަބުންކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޢިމްރާން މިހެން ވިދާޅުވެފައިވަނީ އިންޑިއާއިން ރާއްޖެއަށް އެސްޓރަޒެނެކާގެ ވެކްސިން ފޯރުކޮށްދިނުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އިމްރާން ވިދާޅުވީ، ކޯވިޑް-19ގެ ސަބަބުން ރާއްޖެއަށް ދިމާވި އިޤްތިޞާދީ، އިޖްތިމާޢީ ދަތި ޙާލަތުން އަރައިގަތުމަށް ފެށި މަސައްކަތް ކާމިޔާބުވަމުން މިދަނީ 2020 ވަނަ އަހަރުގެ ކުރީކޮޅުންފެށިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއެކު އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންކަމަށެވެ.

އިންޑިއާ ސަރުކާރުން ރާއްޖެ ހަދިޔާކުރީ އިންޑިއާގެ ސެރަމް އިންސްޓިޓިއުޓްގެ ވެކްސިނަކީ، އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީގެ ސައިންސްވެރިންނާއި ސިންގަޕޫރުގެ އެކްސްޓްރަޒެނަކާއިން ތައްޔާރުކޮށްފައިވާ ވެކްސިނެކެވެ. މި ވެކްސިން ރާއްޖެ ގެނެސްފައިވަނީ އިއްޔެ މެންދުރުފަހު އިންޑިއަން އެއަރލައިންސްގެ ފްލައިޓެއްގައެވެ. ރާއްޖެއަށް މިއަދު ގެނައި ވެކްސިނުގެ 100000 ޑޯޒަކީ އިންޑިއާ ސަރުކާރުން ހިލޭ ފޯރުކޮށްދިން އެހީއެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އިންޑިއާ ސަރުކާރުން ރާއްޖެ ހަދިޔާކުރެއްވި އޮކްސްފޯޑު ވެކްސިންގެ 100000 ޑޯޒަކީ ދުނިޔޭގެ އެންމެ ތަޖުރިބާ ހުރި، އިތުބާކުރެވޭ ވެކްސިން ކުފުންނިން އުފައްދާފައިވާ ވެކްސިނެއް ކަމުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ވިދާލުވެފައެވެ. ނަމަވެސް އިންޑިޔާއިން ގެނައި ވެކްސިނަކީ ޑަބް.ލިއު.އެޗް.އޯގެ އެޕްރޫވަލް ކުރިއަށްދާ ވެކްސިނެއް ކަމުގައި ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީގު ވަނީ ވިދާޅުވެފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.