ޖުޑީޝަލް ކައުންސިލް އަލުން ގާއިމުކުރުމަށް ކޯޓުތަކާބެހޭ ގާނޫނަށް އިސްލާހެއް ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. މި ބިލުން ކައުންސިލަށް ލިބޭނީ ކޯޓުތައް ހިންގުމާއި ޝަރީއަތް ކުރުމުގައި ގެންގުޅޭ ސިޔާސަތުތަކާއި އުސޫލުތައް ކަނޑައެޅުމުގެ ބާރެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅުއްވާފައިވަނީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގެވެ. ބިލުގައިވާ ގޮތުން ކައުންސިލްގެ ރައީސަކަށް ހުންނަވާނީ އުއްތަމަ ފަނޑިޔާރެވެ. އޭގެ އިތުރުން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން، ހައި ކޯޓުގެ އިސް ފަނޑިޔާރާއި އެ ކޯޓުގެ އިތުރު ފަނޑިޔާރެއް، މާލޭގެ ސުޕީރިއާ ކޯޓުތަކުގެ އިސް ގާޒީން، އަދި އުއްތަމަ ފަނޑިޔާރު ކަނޑައަޅުއްވާ ތިން އިސް މެޖިސްޓްރޭޓުން ވެސް ކައުންސިލްގައި ހިމެނޭނެ އެވެ. އިސް މެޖިސްޓްރޭޓުން ބަދަލުވާނީ ދެ އަހަރަށް އެއް ފަހަރެވެ.
ޝަރުއީ ދާއިރާގެ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލުމާއި، މަދަނީ އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނުތަކުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހެދުމަކީ ކައުންސިލްގެ ވާޖިބުތަކެވެ. ސުޕްރީމް ކޯޓާއި ހައި ކޯޓުގެ ބެންޗުތައް އެކުލަވާލާނެ އުސޫލުތައް ކަނޑައެޅުމަކީ ވެސް ކައުންސިލްގެ މަސައްކަތެކެވެ. އަދި ބަޖެޓާއި މާލީ ކަންކަމުގައި ޑީޖޭއޭ ޖަވާބުދާރީކުރުވުމާއި، ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައްޔަންކުރުމާއި ވަކިކުރުމުގައި ޖޭއެސްސީއަށް ލަފާދިނުން ވެސް ކައުންސިލްގެ ވާޖިބުތަކުގެ ތެރޭގައި ހިމެނެ އެވެ. ކައުންސިލްގެ ސެކްރެޓޭރިއެޓް ބަލަހައްޓާނީ ޑީޖޭއޭއިންނެވެ.
2010 ވަނަ އަހަރު ކޯޓުތަކާބެހޭ ގާނޫނުގެ ދަށުން ޖުޑީޝަލް ކައުންސިލެއް އުފެއްދުނު ނަމަވެސް، 2011 ވަނަ އަހަރު ސުޕްރީމް ކޯޓުން އެ މާއްދާތައް ބާތިލްކޮށް ކައުންސިލް އުވާލި އެވެ. ދެން 2019 ވަނަ އަހަރު ސުޕްރީމް ކޯޓުން އުފެއްދި ކައުންސިލް ވެސް ފަހުން އުވާލި އެވެ.
ކޮމެންޓު ފޮނުވާ