އެފްޑީސީއަށް ލިބުނު ޝަކުވާތަކުގެ 87 އިންސައްތައަށް ހައްލު ހޯދައިދީފި

އެފްޑީސީއަށް ލިބުނު ޝަކުވާތަކުގެ 87 އިންސައްތައަށް ހައްލު ހޯދައިދީފި

Author
އަހުމަދު
22 ނޮވެމްބަރ 2026 07:51
0

"އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅޭ މީހުން ހުށަހެޅި ޝަކުވާތަކުގެ ތެރެއިން 87 އިންސައްތަ ޝަކުވާއަށް ހައްލު ހޯދައިދީފިއެވެ. މިކަން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހާމަކޮށްފައިވަނީ މިއަދުއެވެ.

އެފްޑީސީން ބުނީ މި މަހުގެ 8 ވަނަ ދުވަހާ ހަމައަށް 7،749 ޝަކުވާ ލިބިފައިވާ ކަމަށެވެ. އެ ޝަކުވާތައް ހުށަހަޅާފައިވަނީ ފަހި ޕޯޓަލާއި އީމެއިލް އަދި ރިސެޕްޝަން މެދުވެރިކޮށެވެ. އޭގެ ތެރެއިން 6،746 ޝަކުވާއަށް ދާއިމީ ހައްލެއް ހޯދައިދީފައިވާއިރު، ބާކީ ހުރި 1،003 ޝަކުވާ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެފްޑީސީން ބުންޏެވެ. ޝަކުވާތައް ބަލަމުން އަންނަނީ ކަސްޓަމަރ ރިލޭޝަންޝިޕް މެނޭޖްމަންޓް (ސީއާރުއެމް) ސިސްޓަމް މެދުވެރިކޮށެވެ.

ގިނަ ޝަކުވާތަކަކީ މެއިންޓެނަންސާއި ފެން ލީކުވުމާ ގުޅޭ ޝަކުވާތަކެވެ. އޭގެ އިތުރުން ޕޯޓަލުން ފައިސާ ދެއްކުމާއި މައުލޫމާތު އަދާހަމަކުރުމުގައި ދިމާވާ ދަތިތަކާއި، ފުލެޓުތަކަށް ބަދަލު ގެނައުމާއި، ޓަވަރުތަކުގެ އާންމު ސަރަހައްދުތަކާއި ލިފްޓުތަކުގެ ޚިދުމަތާ ގުޅޭ ޝަކުވާތައް ވެސް ލިބިފައިވެއެވެ.

ޓަވަރުތަކުގައި ދިރިއުޅޭ މީހުންނަށް ދިމާވާ ދަތިތަކަށް އަވަހަށް ހައްލު ހޯދައިދިނުމަށް 24 ގަޑިއިރު ހުޅުވިފައިވާ ކޯލް ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެފްޑީސީން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.