އިސްލާމީ އުސޫލުތަކާ ޚިލާފުނުވާނަމަ ހޮލިޑޭ ހޯމްސް ތަރައްގީކުރުމަށް އަދާލަތުން ތާއީދުކޮށްފި

އިސްލާމީ އުސޫލުތަކާ ޚިލާފުނުވާނަމަ ހޮލިޑޭ ހޯމްސް ތަރައްގީކުރުމަށް އަދާލަތުން ތާއީދުކޮށްފި

Author
އަހުމަދު
11 ނޮވެމްބަރ 2026 01:28
0

އިސްލާމީ އުސޫލުތަކާ ޚިލާފުނުވާ ގޮތުގެ މަތިން ހޮލިޑޭ ހޯމްސް ފަދަ މަޝްރޫއުތައް ރާއްޖޭގައި ތަރައްގީކުރުމަށް އަދާލަތު ޕާޓީން ތާއީދުކޮށްފިއެވެ. ނަމަވެސް ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތައް އުފެދޭ ފަދަ މަޝްރޫއުތައް ކުރިއަށް ނުގެންދިއުމަށް އެ ޕާޓީން ސަރުކާރަށް ގޮވާލައިފިއެވެ.

އަދާލަތު ޕާޓީން ނެރުނު ގަރާރެއްގައި ބުނީ، ހޮލިޑޭ ހޯމްސް ފަދަ މަޝްރޫއުތަކުން ސިންދަފާތުކުރެވިފައިވާ ވިލުންތެރި އިގުތިސާދެއް ބިނާކުރުމަށް މަގުފަހިވާނެ ކަމަށެވެ. ބޭރުގެ މީހުން ދިގު މުއްދަތަށް ދިރިއުޅޭ ސަރަހައްދުތަކުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމަށާއި ދިވެހި ސަގާފަތަށާއި ރާއްޖޭގެ ސަލާމަތަށް ގޮންޖެހުންތައް ކުރިމަތިވެދާނެ ކަމަށް ޕާޓީން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން އިންޓަނޭޝަނަލް ރިއަލް އެސްޓޭޓް މަޝްރޫއުތައް އަމާޒުކުރަންވާނީ ބޭރުގެ މީހުން ޗުއްޓީ ހޭދަކުރުމަށް ބޭނުންކުރާ ވަސީލަތްތަކަށް ކަމަށް ޕާޓީން ބުނެއެވެ.

ޕާޓީން މި މަޤާމު ހާމަކުރީ، ޔޫއޭއީގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގަން ހަމަޖެހިފައިވާ ބިޔަ މަޝްރޫއާ މެދު އިދިކޮޅު ފަރާތްތަކުގެ ހިޔާލު ތަފާތުވަމުންދާ ވަގުތެއްގައެވެ. އެ މަޝްރޫއާ ދެކޮޅަށް އަދާލަތު ޕާޓީގެ ކުރީގެ ރައީސް އިމްރާން އަބްދުﷲ ކެމްޕޭނެއް ވެސް ހިންގަވަމުން ގެންދަވައެވެ.

ރަސްމާލެ މަޝްރޫއު ހިންގަނީ ރާއްޖޭގައި ޔަހޫދީން ވަޒަންވެރިކުރުވުމަށް ކަމަށް ދައްކާ ވާހަކަތައް ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރުގެ އިސްބޭފުޅުން ދޮގުކުރައްވައެވެ. "އަހާ ފޯރަމް"ގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، މިއީ ވަޒަންވެރިކުރުވުމުގެ މަޝްރޫއެއް ނޫން ކަމަށާއި ހޮލިޑޭ ހޯމްސްގެ ގޮތުގައި ތަރައްގީކުރާ ބޮޑު އިންވެސްޓްމަންޓެއް ކަމަށެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ރިއަލް އެސްޓޭޓް ބިލުގައި، ތަންތަން ގަންނަ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމާއި، އިޒްރޭލު މީހުންނަށް ތަންތަން ނުގަނެވޭނެ ގޮތް ހެދުމާއި، އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނެއް މާސްޓަރ ޑިވެލޮޕަރަކަށް ކުއްޔަށް ދެވޭނީ ގިނަވެގެން 99 އަހަރަށް ކަމަށް ކަނޑައެޅުން ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.