ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ހައުސިން ޔުނިޓުތަކުގެ ޤަވާއިދާއި އުސޫލުތަކާ ޚިލާފުވި 92 މައްސަލައެއް، މި މަހުގެ 5 ވަނަ ދުވަހާ ހަމައަށް ފާހަގަކުރެވިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.
އެފްޑީސީން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެންމެ ގިނަ މައްސަލަތަކެއް ރިޕޯޓުކުރެވިފައިވަނީ ހުއްދަ ނެތި ޔުނިޓުތަކަށް ބަދަލު ގެނައުމާ ގުޅިގެންނެވެ. މިފަދަ 44 މައްސަލައެއް ފާހަގަކުރެވިފައިވާއިރު، 14 ފަރާތެއް ޖޫރިމަނާކޮށް، އެއް ފަރާތަކަށް އިންޒާރު ދީފައިވެއެވެ. ބާކީ 29 މައްސަލަ ތަޙުޤީޤުކުރަމުން ދެއެވެ.
ހުއްދަނެތި ޔުނިޓުތައް ކުއްޔަށް ދޫކުރި 18 މައްސަލައެއްވެސް ފާހަގަކުރެވިފައިވާއިރު، އޭގެ ތެރެއިން 7 ފަރާތެއް ޖޫރިމަނާކޮށް، 2 ފަރާތަކަށް އިންޒާރު ދީފައިވެއެވެ. 9 މައްސަލައެއް އަދިވެސް ބަލަމުންދާ ކަމަށް އެފްޑީސީން ބުނެއެވެ.
މީގެ އިތުރުން، އާންމު ތަންތަނަށް ގެއްލުން ދިން 16 މައްސަލައެއް، އެފްޑީސީގެ އެންގުންތަކަށް ޢަމަލުނުކުރި 10 މައްސަލައެއް، އަދި ކުނި އެޅުމުގެ ޤަވާއިދާ ޚިލާފުވި 4 މައްސަލައެއްވެސް ފާހަގަކުރެވިފައިވެއެވެ. ޖުމްލަ ގޮތެއްގައި 23 ފަރާތެއް ޖޫރިމަނާކޮށް، 9 ފަރާތަކަށް އިންޒާރު ދީފައިވާއިރު، 60 މައްސަލައެއް އަދިވެސް ތަޙުޤީޤުކުރަމުން ދެއެވެ.
ހައުސިން ޔުނިޓުތަކުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކުން ކަނޑައެޅިފައިވާ ޤަވާއިދުތަކަށް ތަބާވެ، އެންމެންގެ މަޞްލަޙަތު ރައްކާތެރިކުރުމަށް އެއްބާރުލުން ދިނުމަށް އެފްޑީސީން އެދިފައިވެއެވެ.
ކޮމެންޓު ފޮނުވާ