އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް (އޭއީއެޗް) ބޭނުންވާ ލެބޯޓަރީ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގެއްގައި ގަތް މައްސަލައެއްގައި، ހޮސްޕިޓަލުގެ ހަތަރު މުވައްޒަފެއްގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަން އެންޓި ކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) މިއަދު ނިންމައިފިއެވެ.
މި މައްސަލަ ފެންމަތިވީ، ހޮސްޕިޓަލާއި އޭގެ ދަށުން ހިންގާ ހެލްތު ސެންޓަރުތަކަށް ހަތަރު މަހަށް ބޭނުންވާ ލެބޯޓަރީ ކޮންޒިއުމަބަލްސް ހޯދުމަށް މިދިޔަ އަހަރު ކުރި އިޢުލާނަކާ ގުޅިގެންނެވެ. އޭސީސީން ބުނީ، 40,000 މައިކްރޯޕިޕެޓް ޓިޕް ހޯދުމަށް ބީލަން ހުށަހެޅީ ހަމައެކަނި އެއް ފަރާތަކުން ކަމަށާއި، އެ ފަރާތުން ހުށަހެޅި އަގު އެކަށީގެންވާ އަގެއްތޯ ނުބަލައި، ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޚިލާފަށް ތަކެތި ގަނެފައިވާކަން ތަޙުޤީޤުން ފާހަގަވި ކަމަށެވެ.
ދައުވާކުރަން ފޮނުވާ ފަރާތްތަކަކީ ޕްރޮކިއުމަންޓް ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެހުރި ޕްރޮކިއުމަންޓް އޮފިސަރ، ސ. ހިތަދޫ ފިޔަނޫމާގެ މުޙައްމަދު ޞާއިން އަޙްމަދާއި، ބިޑު ކޮމިޓީގެ ޗެއަރޕާސަން، ސީނިއަރ ހެލްތުކެއަރ އެޑްމިނިސްޓްރޭޝަން އޮފިސަރ، ސ. ހިތަދޫ އެވެރެސްޓު ޢަޡީމް ލަޠީފެވެ. އަދި ކޮމިޓީގެ މެންބަރުން ކަމުގައިވާ ސީނިއަރ ކަސްޓަމަރ ރިލޭޝަންސް އޮފިސަރ، ސ. ހިތަދޫ ތައުރުއްގެ ޢަބްދުﷲ ވަޙީދާއި ޕީޑިއެޓްރިޝަން، ސ. ހިތަދޫ ހަންހާރުގެ ޑރ. ފާތިމަތު އަމާނީ ނަސީރެވެ.
މި ހަތަރު މީހުންގެ މައްޗަށް ދައުވާކުރަން ހުށަހަޅާފައިވަނީ ޤާނޫނުލް ޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށާއި، 517 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތަށް ފައިދާ ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދައުވާއެވެ.
މީގެ އިތުރުން، ދައުލަތަށް ވި ގެއްލުން ހިސާބުކޮށް، މި މުވައްޒަފުންގެ އިދާރީ މައްސަލަ ބަލައި، އެ ފައިސާ އެ ފަރާތްތަކުން ދައުލަތަށް އަނބުރާ ހޯދުމަށް އަންގަން ވެސް އޭސީސީން ނިންމައިފިއެވެ.
ކޮމެންޓު ފޮނުވާ