ޑޮލަރުގެ ދަތިކަމަށް ހައްލެއް ހޯދަން ނަމަ ރިސޯޓްތަކުގެ ހިސާބުތައް ވެސް އޮޑިޓް ކުރަން ޖެހޭ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ގަވަރުނަރު ވިދާޅުވީ، މީރާގެ މަޢުލޫމާތުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ 185 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ ހަމައެކަނި 50 ރިސޯޓު ވަރަކުން ކަމަށެވެ.
ޓޫރިޒަމް ދާއިރާއަށް އަހަރަކު 5.9 ބިލިއަން ޑޮލަރު ލިބޭއިރު، ބޭންކިން ނިޒާމަށް ވަދެނީ 3.8 ބިލިއަން ޑޮލަރު ކަމަށް ގަވަރުނަރު ވިދާޅުވި އެވެ. އެހެންކަމުން، މީރާއިން ކަންމަތީ ފިހާރަތަކަށް އެކަނި ނުގޮސް، ޓޫރިޒަމް ދާއިރާގެ ހިސާބުތައް ރަނގަޅުތޯ ވެސް ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެއަށް ލިބޭ ކޮންމެ ޑޮލަރެއް ބޭންކިން ނިޒާމަށް ވައްދަން އެމްއެމްއޭއިން ކުރާ މަސައްކަތް އަންނަ އަހަރު އިތުރަށް ހަރުކަށި ކުރާނެ ކަމަށް ވެސް ގަވަރުނަރު ވިދާޅުވި އެވެ. ނަމަވެސް ޑޮލަރުގެ ދަތިކަމަކީ އެއް ދުވަހުން ހައްލު ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
މީރާއިން އެންމެ ފަހުން ނެރުނު، އިންކަމް ޓެކްސް ނުދައްކާ 43 ވިޔަފާރީގެ ލިސްޓުގައި ރާއްޖޭގެ ތިން ރިސޯޓެއް ހިމެނެ އެވެ.
ކޮމެންޓު ފޮނުވާ